"މަރިޔަމް"ގެ ޓްރެއިލާ ދައްކާލައިފި، ފިލްމު އަންނަ މަހު

މީޑިއާނެޓުގެ ފުރަތަމަ އޮރިޖިނަލް ފިލްމު "މަރިޔަމް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އެއްކާފު ޕްރޮޑަކްޝަންއިން ޕްރޮޑިއުސްކުރާ އެ ފިލްމު މަލްޓިސްކްރީންގައި ރިލީސްކުރަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުގަ އެވެ.

އެ ފިލްމުގައި ދައްކުވައިދެނީ އާދައިގެ އަންހެނަކު، އޭނާ ނިސްބަތްވާ ދާއިރާގައި ނުފޫޒުގަދަ ސިޔާސީ ލީޑަރެއްގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތެވެ.

ސިޔާސީ މައިދަނާށް ވަނުމާއެކު އޭނާއަށް ކުރިމަތިވަނީ ކާމިޔާބުކުރަން އުނދަގޫ ހަނގުރާމައަކާ އެވެ.

އެ ފިލްމުގެ ލީޑު ރޯލު، މަރިޔަމްގެ ބައި ކުޅެނީ މަރިޔަމް މަޖުދާ އެވެ. އަދި މަޖުދާއާއެކު އަހްމަދު ސައީދު، އަލީ އާޒިމް، ނިޝް، އަލީ ޝަޒްލީމް އަދި މުހައްމަދު ވަހީދުވެސް އެ ފިލްމުން ފެނިގެންދާނެ އެވެ.

މަރިޔަމް ފިލްމު އަމާޒުކޮށްފައިވަނީ އިންތިހާބުތަކުގައި ވާދަކުރާ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކުދި މުޖުތަމައުތަކުގައި ދިމާވާ އަސްލު މައްސަލަތަކުން ދުރަށް ގެންދިއުމަށް "ޑާޓީ ޕޮލިޓިކްސް" އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރު ކުރުމަށެވެ.

އިބްރާހިމް ވިޝާން (ކަނޑި) ޑައިރެކްޓުކުރާ އެ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަހްމަދު ޒަރީރު އެވެ.

މަލްޓި ސްކްރީންގައި މި ފިލްމު ރިލީސް ކުރާތީ، ބޭނުން ތަނަކު، ބޭނުން ޑިވައިސްއަކުން މި ފިލްމު ބެލުމުގެ ފުރުސަތު މީޑިއާނެޓުގެ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

މަލްޓި ސްކްރީން ހިދުމަތަށް މީޑިއާނެޓުގެ ވެބްސައިޓުންނާއި ފްރަންޓް އޮފީހުން އެދި ހުށަހެޅޭނެ އެވެ. އަދި މި ލިންކުން މަލްޓި ސްކްރީން އެޕްލިކޭޝަން ޑައުންލޯޑުކޮށް، މަރިޔަމް ފިލްމު ރިލީސްކުރުމުން ބަލައިލެވޭނެ އެވެ.

comment ކޮމެންޓް