ޕްރެކްޓިސް ކުރެވޭއިރު މުބާރާތް ނުކުޅެވޭތީ ޓީމްތައް ކަންބޮޑުވެއްޖެ

ޑިސެމްބަރ 14، 2020: ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: 15 އަހަރު ފަހުން ވެލެންސިއާ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި އަލީ އަޝަފާގުގެ ގޯލުން ވެލެންސިއާ ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށް ލީގު ފެށުން ރަގަޅު ކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޗްޕީއޭގެ ހާއްސަ ގައިޑްލައިންގެ ދަށުން ފުރަތަމަ ޑިވިޝަން ކުލަބުތަކަށް ފަރިތަކުރުމުގެ ފުރުސަތު ދީފައި، މުބާރާތް ކުޅުމުގެ ފުރުސަތު ނުދޭންވީ ސަބަބެއް ނުވިސްނޭ ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަލުން އިތުރުވާން ފެށުމާ ގުޅިގެން އެޗްޕީއޭއިން އޭރު ނެރުނު ގައިޑްލައިންތަކާއެކު ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ހާމަކުރީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ.

އެފްއޭއެމްއާ އެކު ކުރި ގިނަ މަޝްވަރާތަކަށް ފަހު އެޗްޕީއޭ އިން ދިން ހަރުކަށި ގައިޑްލައިނެއްގެ ތެރެއިން މިދިޔަ މަހު 28 ވަނަ ދުވަހު ކްލަަބްތަކުން ފަރިތަކުރުންތައް ފެށި އެވެ. އެއީ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެންނެވެ.

މި ގައިޑްލައިންތާ އެކު ޕްރެކްޓިސްތައް ފެށިފަހުން މިހާރު މަހަކާ ގާތް ވެފައި ވީ ނަމަވެސް އަދިވެސް ލީގު ރަސްމީކޮށް ފެށޭނެ ތާރީހެއް ނޭންގެ އެވެ. އެކަމާ ވިދިގެން އަނެއްކާވެސް ކުލަބުތަކާއި ކުޅުންތެރިންގެ ކަންބޮޑުވުންތައް އަންނަނީ ފާޅު ކުރަމުންނެވެ.

އީގަލްސްގެ ކޯޗު ޝާޒް ބުނީ، އެޗްޕީއޭއިން ދިން ހާއްސަ ހުއްދައާ އެކު ކުލަބުތަކުން ފަރިތަކުރަމުން އަންނަނީ ހުރިހާ ގައިޑްލައިނަކަށް ފުރިހަމައަށް ބޯލަނބައިގެން ކަމަށެވެ.

"ޕްރެކްޓިސް ކުރަން ހުއްދަ ދިނުމަށްފަހު މުބާރާތް ފެށުމަށް ހުއްދަ ލިބުމަށްވެސް ވަރަށް ބޮޑަށް ބޭނުންވެގެން ދާނެ. ޕްރެކްޓިސް ދެން މިކުރަނީ މުބާރާތަށް. ޕްރެކްޓިސް ކުރަން ހުއްދަދޭ ކަމަށްވާނަމަ މުބާރާތަށް ހުއްދަ ދޭން މާ ފަސޭހަވާނެ. އެއީ މުބާރާތުގައި ކުރަން ހުންނަ ކަންކަން މާ ފަސޭހަވާނެ. ޕްރެކްޓިސްގައި ތަންކޮޅެއް އުނދަގޫވެސް ވާނެ ގައިޑްލައިނަށް ކަންކަން ކުރަން." ޝާޒް ބުންޏެވެ.

އެފްއޭއެމުން އެންގި ގޮތަށް މި މަހު 1 އިން 15ގެ ނިޔަލަށް ރާއްޖޭގެ ފުޓްބޯޅައިގެ ޓްރާންސްފާ މާކެޓް ވަނީ ނިމިފަ އެވެ. ފަހު ޓްރާންސްފާ މާކެޓްގައި ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބުން ވަނީ 28 ޓްރާންސްފާއެއް ހަދައިފަ އެވެ. އޭގެ ތެރެއިން 12 ޓްރާންސްފާ އަކީ ބިދޭސީ ކުޅުންތެރިންނެވެ. ކުލަބުތަކުން ބޮޑެތި ޙަރަދުތަކެއް ކޮށްގެން އެކަން ކުރީ ލީގު އަވަހަށް ފެށޭނެ ކަމުގެ އުންމީދުގަ އެވެ.

"މުބާރާތް ނުފޭށޭ ކަމަށް ވަންޏާ ހަގީގަތުގައި އީގަލްސްއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ. އެއީ ހަތެއްގައި [އޭޕްރީލް] އޭއެފްސީ ކުޅޭ ކަމުގައި ވާނަމަ މަދުވެގެން ދެ މެޗު ކުޅެން ނުލިބިއްޖެ ކަމުގައި ވާނަމަ ވަރަށް ބޮޑަށް ދަތިވެގެން ދާނެ،"

އަންނަ މަހު ހަތް ވަނަ ދުވަހު އީގަލްސް އިން ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗާއި އަންނަ މެއި މަހު މާޒިޔާ ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖް މެޗުތައް ބޭއްވުމުގެ ފުރުސަތު ވަނީ ރާއްޖެއަށް ލިބިފަ އެވެ. އެފްއޭއެމުން މަސައްކަތް ކުރަނީ ލީގުގެ ކުޅުމަށް މާ ބޮޑު ބުރޫއެއް ނާރައި ގޮތަށް އެ މުބާރާތް ވެސް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެހޭތޯ ބެލުމަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައި އޮންނަތާ މަހަކަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، އޭގެ ސަބަބުން ކްލަބްތަކާއި ކުޅުންތެރިންނަށް ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވެސް ވަނީ ވިދާޅުވެފަ އެވެ.

"ދެން ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް އަދިވެސް ރާއްޖޭގެ އެންމެ ބޮޑު ހަރަދެއް ކްލަބްތަކުން މުބާރާތަކަށް ކުރާނެ ބަޔަކީ ފުޓްބޯޅަ. އެހެންވެ ފުޓްބޯޅަ އަށް ގެއްލުންވަނީ. ވޯލްޑް ކަޕް ކޮލިފައިން އާއި އޭއެފްސީ ކަޕްގެ މެޗުތައް ވެސް އެބައޮތް ވަރަށް އަވަހަށް. އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި އީގަލްސްގެ މެޗު އެބައޮތް އަންނަ މަހު ހަތް ވަނަ ދުވަހު،" ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިފަހަކުން މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް