ބާޒާރުގައި ވަގުންގެ ރަސްކަން، ވިޔަފާރިވެރިން ގޮތްހުސްވެއްޖެ

މާޗް 22، 2021: ބާޒާރު ފިހާރަބަރި ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާރޫބާރޫބޮޑު ބާޒާރުމަތީގައި ފިހާރަ ހިންގާ ވިޔަފާރިވެރިންނަށް މިއީ ބިރުބޮޑު ދުވަސްކޮޅެކެވެ. މި މަސް ފެށިގެން ބަޔަކު ފުލުފުލުގައި ކުރި ވައްކަމުގެ ސަބަބުން ވިޔަފާރިވެރިން ތިބީ ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ.

ބާޒާރުމަތީ ހުންނަ ފިހާރަތަކުން ދޭތެރެދޭތެރެއިން ވައްކަން ކުރާ އަޑު އިވެ އެވެ. ނަމަވެސް މިފަހުން ސިލްސިލާ ގޮތަކަށް އެކަން ކުރަން ފެށީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެފަހަރު ޖެހިގެން ޖެހިގެން ކަހަލަ ގޮތަކަށް ހުރި ހަތަރު ފަސް ވަރަކަށް ފިހާރައެއް ފަޅާލައި ވަގުން ވަނީ ވައްކަން ކޮށްފަ އެވެ.

ވައްކަމުގެ ޝިކާރައަކަށްވި ވިޔަފާރިވެރިން "ސަން"އާ ހިއްސާކުރި ވާހަކަތަކުން ހާމަވަނީ ފުލުހުންނަށް ބާޒާރުމަތި ނުބެލެހެއްޓޭ ކަމެވެ. އެކަމުގައި ފެއިލްވެފައިވާ ކަމެވެ. ބާޒާރު މަތީގެ ވިޔަފާރިވެރިންގެ ޝަކުވާ އަކީ އެ މީހުންގެ މުދަލަށް ރައްކާތެރިކަން ހޯދައި ނުދެވުމެވެ.

"ފުލުހުންނަށް ބާޒާރުމަތި ނުބެލެހެއްޓޭ. އަޅުގަނޑުމެންނަށް ރައްކާތެރިކަން ފޯރުކޮށް ނުދެވޭ. މިގޮތަށް ވަގުން ވަދެ، ފުލުފުލުގައި އެއް ތަނެއް ފަޅާލެވޭނީ، ފުލުހުންނަށް ނުބެލޭތީ." ހަތަރު ފަހަރެއްގެ މަތިން ވަގުން ވަދެ ވައްކަން ކުރި ބާޒާރުމަތީ ފިހާރައެއްގެ ވެރިޔަކު އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރި އެވެ.

އޭނާ ހިންގާ ގޮވެލި ފިހާރައަށް ވަގުން ވަނީ ފުރާޅުގެ ޓިނުތައް ނައްޓައި، ހަލާކުކޮށްލައިގެންނެވެ.

ގޮވެލި ފިހާރައަށް ވައްކަންކުރަން ވަނީ ފުރާޅުން ޓިނުތައް ނައްޓާލައިގެން--

"ދެ ފަހަރު ވަދެފި ކުޑަދޮރު ހަލާކުކޮށްލައިގެން. ޓިނު ނަގައިގެން ވެސް ވަދެފި. ސިމެންތި ޓިނު ހަރުކޮށްފައި ހުރީމަ އެންމެ ފަހުން ފަހަރު ވަނީ ޓިނާއި ލަކުޑިގަނޑު ކީހާލައިގެން." އޭނާ ބުންޏެވެ.

ހަތަރު ފަހަރެއްގެ މަތިން ކުރި ވައްކަމުގައި އެންމެ ގިނައިން އެ ފިހާރައިން ވަގަށް ނަގާފައި ހުރީ ސިނގިރޭޓު ކާޓޫނެވެ.

"ކުރިން ވައްކަން ކުރި ތިން ފަހަރާއި މިފަހުން ކުރި ވައްކަމުގައި 400،000އަށް ވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ނަގާފައި ހުރީ. އެންމެ ގިނައިން ގެންދިޔައީ ސިނގިރޭޓު ކާޓޫނު." އޭނާ ބުންޏެވެ.

އެގޮތަށް ވައްކަން ކުރާ ކޮންމެ ފަހަރަކު ތަނަށް ދީފައި ހުންނަ ގެއްލުން ފޫބައްދަން ވެސް ބޮޑު ހަރަދެއް ހިނގާ ކަމަށް އޭނާ ބުންޏެވެ.

"ތަނަށް ދީފައި ހުރި ގެއްލުން ފޫބައްދައި، މަރާމާތުކުރަން 70،000 އެއްހާ ރުފިޔާ ހަރަދުވި. އަޅުގަނޑުމެން މުދާ އިންޝުއާވެސް ކޮށްފައި ހުންނާނީ. އެކަމަކު އިންޝުއަރެންސްގެ ގޮތުގައި އެންމެ ލާރިއެއް ވެސް ނުލިބޭ. ވަގަށްގެންދާ މުދާކޮޅުވެސް ފެންނަނީކީ ނޫން. ވައްކަން ނުހުއްޓުވި، މިގޮތަށް ކަންކަން ދިމާވާނަމަ ކިހިނެއް ވިޔަފާރި ކުރިއަށްދާނީ." އޭނާ ބުންޏެވެ.

މީގެ ދެ ހަފުތާ ކުރިން ބާޒާރުމަތިން ވަގުން ވަދެ ވައްކަންކުރި ހަތަރު ފިހާރައިގެ ވިޔަފާރިވެރިންގެ ވާހަކަތައްވެސް ހުރީ މިފަދަ ގޮތަކަށެވެ. އެތަނުން ދެ ވިޔަފާރިވެރިޔަކު ބުނީ ވަގަށް ނަގާ ކަހަލަ މުދާ ނެތުމުން ގެންދިޔައީ ވަތްގަނޑުގައި ހުރި ޕެޓީ ކޭޝްގެ ގޮތުގައި ބޭނުން ކުރަން ހުރި ފައިސާކޮޅު ކަމަށެވެ.

"ޓިނު ނަގައިގެން މިތަނަށް ވަނީ. އެފަހަރު ގެންދިޔަ ވަތްގަނޑުގައި ހުރި 20،000 ރުފިޔާ،" އެތަނުން އެއް ފިހާރައިގެ ކޭޝިއަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ފިހާރައިގައި އޭނާ މަސައްކަތްކުރާތާ މިވީ ހަ އަހަރުގެ ތެރޭގައި ހަތަރު ފަހަރަކު އެ ފިހާރައިން ވައްކަން ކޮށްފައިވާ ކަމަށެވެ.

މާޗް 22، 2021: ބާޒާރު ފިހާރަބަރި ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ވިޔަފާރިވެރިޔަކު ބުނީ، ބާޒާރުމަތިން ވައްކަން ކުރާ ވަގުން ތިބެނީ ކޮންމެ ހާލަތެއްގައި ވެސް އަދި އެއް ގޮތަކުން ނުވަދެވޭނަމަ އަނެއް ގޮތަކުންވެސް ވަންނަން ތައްޔާރުވެގެން ކަމަށެވެ.

"މި ފިހާރައިގެ ފުރާޅާއި ސީލިންގްއާ ދޭތެރޭ ދަގަނޑު ފްރޭމެއް ހަރުކޮށްފައި ހުންނާނީ. ފުރާޅުން ޓިނު ނަގައިގެން ދަގަނޑު ފްރޭމް ކީހާލާފައި، ސީލިން ވެސް ހަލާކުކޮށްލައިގެން ފިހާރައަށް ވަނީ. އެހެންވީމަ ކޮންމެ ފަދަ ހާލަތަކަށްވެސް ވަރަށް ތައްޔާރުވެގެން ތިބެ އެމީހުން ވައްކަން އެ ކުރަނީ." ވިޔަފާރިވެރިޔަކު ބުންޏެވެ.

އޭނާ ބުނީ އާންމުކޮށް ފިހާރަތަކުން ވިއްކާ ސޮފްޓް ޑްރިންކްސްއާއި ސިނގިރޭޓު ފަދަ ތަކެތި އެ ފިހާރައިން ނުވިއްކާތީ، ވަގުން ނެގީ ފިހާރައިގެން ވަތްގަނޑުގައި ޕެޓީ ކޭޝްގެ ގޮތުގައި ބޭނުން ކުރަން ހުރި 7،500 ރުފިޔާ ކަމަށެވެ.

މި ދުވަސްވަރު ކާފިއު ހިންގާތީ އާންމުކޮށް ފިހާރަތައް ބަންދުކުރާ ގަޑިއަށްވުރެ ކުރިން ފިހާރަތައް ބަންދުކުރަން ޖެހޭ އެވެ. ވަގުން ފިހާރަތައް ފަޅާލަނީ އެ ވަގުތާ ދިމާކޮށެވެ.

"ކާފިއު ވަގުތުތަކުގައި އަޅުގަނޑުމެން މި ތިބެނީ ފިހާރަ ބަންދުކޮށްފައި އައިސް ގޭގައި. އެވަގުތުތައް ބަލައިގެން ވަގުން ގޮސް ވައްކަން ކުރަނީ. ފުލުހުންނަށް ކީއްވެ އެ ސަރަހައްދު ޕެޓްރޯލް ނުކުރެވެނީ. ކާފިއު ގަޑީގައި މީހުންވެސް ގިނައެއް ނުވާނެ." ވިޔަފާރިވެރިޔަކު ބުންޏެވެ.

މާޗް 22، 2021: ބާޒާރު ފިހާރަބަރި ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާޒާރުމަތީ ފިހާރަތަކުން ވައްކަން ކުރާ މައްސަލައިގައި ފުލުހުންނަށް އަދި ހައްލެއް ހޯދިފައެއް ނެތެވެ. ސިލްސިލާ ވައްކަންތަކެއް ހިނގި ފަހުން އަނެއްކާވެސް ވައްކަމެއް ހިނގުމާއި، އެއް ފިހާރައަކުން ހަތަރު ފަހަރަށް ވައްކަން ކުރުމަކީ އޭގެ ހެއްކެކެވެ. އެކަމާ މެދު ވައްކަމުގެ ޝިކާރައަކަށްވި ވިޔަފާރިވެރިން ތިބީ މާޔޫސް ކަމެއްގެ ތެރޭގަ އެވެ.

"ފުލުހުން ކީއްވެތޯ އަޅުގަނޑުމެންނަށް ރައްކާތެރިކަން ދޭން ނުތިބެނީ. މިއީ ދާހިލީ ހަމަނުޖެހުމެއް، ހަނގުރާމައެއް ކުރާ ގައުމެއް ނޫން ފުލުހުން އަވަދިނެތިގެން އުޅެން. ޖޫރިމަނާ ކުރުން އެކަންޏެއް ނޫނެއްނޫންތޯ ފުލުހުން ކުރަން ޖެހޭ ކަމަކީ. ހިމާޔަތް ދޭން ތިބޭ ބައެއްގެ ފަރާތުން ހިމާޔަތް ނުލިބުމަކީ ވަރަށް ބޮޑު ދެރައެއް." ވިޔަފާރިވެރިޔަކު ބުންޏެވެ.

ބާޒާރުމަތީ ފިހާރަތަކުން ސިލްސިލާކޮށް ކުރަމުންދާ ވައްކަމުން ދޭހަވަނީ ވިޔަފާރިވެރިން ބުނާ ގޮތަށް ފުލުހުންނަށް އެ ސަރަހައްދު ބަލަހައްޓަން ޖެހޭ ވަރަށް ނުބެލެހެއްޓޭ ކަމެވެ. އެހެން ނަމަވެސް ބާޒާރުމަތީގެ ބައެއް ފިހާރަތަކުގެ ސަލާމަތީ ކަންކަން ހުންނަނީ އެންމެ ރަނގަޅަށް ކަމަށް ބުނެވޭނެ ޖާގައެއްވެސް ނެތެވެ.

މާޗް 22، 2021: ބާޒާރު ފިހާރަބަރި ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިނަ އިމާރާތްތަކަކީ ބައުވެފައި ހުރި އިމާރާތްތަކެވެ. ބައެއް ތަންތަނުގައި ސެކިއުރިޓީ ކެމެރާއެއްވެސް ނުހުރެ އެވެ. ސެކިއުރިޓީ ކެމެރާއެއް ހަރުކުރުމަކީ ވަގުން ފަސްޖެހޭނެ ކަމެއް ނަމަވެސް، އެއީ މި މައްސަލައިގެ 100 ޕަސެންޓް ހައްލެއް ކަމަށްވެސް ނުބެލެވޭނެ އެވެ. ހައްލަކީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް އަވަހަށް ހައްލެއް ހޯދައިދިނުމެވެ.

comment ކޮމެންޓް