ލަނޑު ޖަހައި ފަހުވަގުތު ސެވިއްޔާ ސަލާމަތްކޮށްދިނީ ކީޕަރު

ސެވިއްޔާގެ ކީޕަރު ޔަސީން ބޯނޫ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ//ގެޓީ

ސްޕެނިޝް ލީގުގައި ރޭ ބަލިވަމުން ދިޔަ ސެވިއްޔާގެ ކީޕަރު ޔަސީން ބޯނޫ ކުރިއަށް އަރައި ފަހުވަގުތު ޖެހި ގޯލުން އެ ޓީމަށް ޕޮއިންޓެއް ލިބިއްޖެ އެވެ.

ލީގުގެ ގަދަ ހަތަރެއްގެ ރޭހުގެ ފޯރިގަދަވެފައި ވަނިކޮށް ރޭ ސެވިއްޔާއާއި ރެއާލް ވެލަޑޮއިޑް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު ސެވިއްޔާ ކުޅުނު 28 މެޗުން 55 ޕޮއިންޓް ހޯދައިގެން ހަތަރުވަނައިގައި ހަމަޖެހިލި އިރު، ވެލަޑޮއިޑް މިވަގުތު އޮތީ 16 ވަނައިގަ އެވެ.

ރޭގެ މެޗު ފަށައިގެން 44 ވަނަ މިނަޓުގައި ވެލްޑޮއިޑަށް ލިބުނު ޕެނަލްޓީއަކުން ލީޑު ނަގައިދިނީ ފެބިއަން އޮރެޔާނާ އެވެ. އެއަށްފަހު ސެވިއްޔާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ވެޔަޑޮއިޑްގެ ގޯލު ފޫއަޅުވާލެވޭ ގޮތް ނުވެ ދިޔަ އިރު، އެ ޓީމަށް ގޯލެއް ޖެހުނީ މެޗުގެ އިތުރުވަގުތުގެ ވެސް ފަހު މިނަޓުގަ އެވެ.

ސެވިއްޔާގެ ޒުވާން ކީޕަރު ބޯނޫ ވެސް ކުރިއަށް އަރައިގެން ކުޅުނު ވަގުތެއްގައި އޭނާ ވަނީ ރީތި ގޯލެއް އެ ޓީމަށް ޖަހައިދީ އެންމެންނަށް ސިހުން ގެނުވައިފަ އެވެ. މި ގޯލާ އެކު ބޯނޫ ވަނީ ސެވިއްޔާގެ ތާރީހުގައި ވެސް ލީގުގައި ގޯލު ޖެހި ފުރަތަމަ ގޯލް ކީޕަރުގެ ޝަރަފު ހޯދައިފަ އެވެ. އޭގެ ކުރިން އެކުލަބުގެ ކީޕަރަކަށް ކުޅުނު އަންދުރެސް ޕެލޮޕް 2007 ވަނަ އަހަރުގެ ޔޫއެފާ ކަޕުގައި ގޯލު ޖަހާފައިވާ އިރު، 21 ވަނަ ގަރުނުގައި މިފަދަ ގޯލެއް ސްޕެނިޝް ލީގުގައި އެންމެ ފަހުން ޖެހީ 2011 ވަނަ އަހަރު ޑިޕޮޓީވޯ ލަކުރަނާގެ ކީޕަރަކަށް ކުޅުނު އަރަންޒުބިއާ އެވެ.

ކުރިން ބާސެލޯނާއާއި ރެއާލް މެޑްރިޑަށް ވެސް ކީޕަރެެއްގެ ގޮތުގައި ކުޅެފައިވާ ސެވިއްޔާގެ ކޯޗު ޖޫލެން ލޮޕެޓެގީ ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ބުނީ، އޭނާގެ ހަޔާތުގައި ވެސް އެކަހަލަ ގޯލެއް ޖެހިފައި ނުވާ ކަމަށެވެ. އަދި ފަރިތަކުރުންތަކުގައި ވެސް އެގޮތަށް ގޯލެއް އޭނާ ނުޖަހާ އިރު، ބޯނޫ އެކަން ކުރުމަކީ ހައިރާންވާވަރު ކަމެއް ކަމަށެވެ.

"މެޗުން ތިން ޕޮއިންޓް ލިބެން އޮތް ނަމަވެސް ބެލެވިފައި އޮތީ މެޗު ނިންމާލަން ޖެހޭނީ ބައްޔަކުން ކަމަށް. އެކަމާ ކުޅުންތެރިން ވެސް ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. އެކަމަކު ބޯނޫގެ ގޯލުން ހުރިހާ އެންމެންނަށް ވެސް އުފާވެރިކަން ގެނެސްދީފި." ލޮޕެޓެގީ ބުންޏެވެ.

ބޯނޫ ބުނީ، އެ ގޯލަކީ ޙުދު އޭނާ ވެސް ކުރިން އުންމީދު ކުރި ގޯލެއް ނޫން ކަމަށާއި، ގޯލު ޖެހުމުން ލިބުނު އުފަލާ އެކު ސެލަބްރޭޓް ކުރާނެ ގޮތެއް ވެސް ނޭންގުނު ކަމަށެވެ.

comment ކޮމެންޓް