ނޭމާއާއި މެސީ އެކީގައި އަދި ކުޅޭނެ: ނޭމާގެ ކުރީގެ އެޖެންޓް

ބާސެލޯނާގައި ނޭމާ ކުޅުނު ދުވަސްވަރުގެ ތެރެއިން --- ފޮޓޯ/ލައިވްސްކޯ

ޕީއެސްޖީގެ ފޯވާޑް ނޭމާ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާގައި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާ އެކު އަލުން ދަނޑުމަތިން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ނޭމާގެ ކުރީގެ އެޖެންޓް އަދި ބާސެލޯނާގެ ކުރީގެ ސްކައުޓް އަންދުރޭ ކަރީ ބުނެފި އެވެ.

ބާސެލޯނާގެ ބްރެޒިލިއަން ސްކައުޓެއްގެ ގޮތުގައި 10 އަހަރު މަސައްކަތް ކުރި ކަރީ އަކީ 2013 ވަނަ އަހަރު ބްރެޒިލްގެ ސަންޓޯސްއިން ނޭމާ ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރި ފަރާތެކެވެ.

ބާސެލޯނާގައި ހޭދަކުރި ހަތަރު އަހަރަށް ފަހު ޕޭއެސްޖީގައި ނޭމާ މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ އަލުން ބާސެލޯނާއަށް އަންނަން ބޭނުންވާ ކަމުގެ ވާހަކަ އަކީ ސިއްރު ކަމެއް ނޫނެވެ. ނޭމާ ވަނީ އެކި ފަހަރު މަތިން އެވާހަކަ މީޑިއާގައި ވެސް ހިއްސާ ކޮށްފަ އެވެ. އަދި ނޭމާ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ކައިރިވެފައިވާ އިރު، އަނެއްކާ ވެސް ނޭމާ ބާސެލޯނާއަށް އަންނަން އުޅޭ ކަމުގެ ވާހަކަތައް މިވަނީ ފެންމަތިވެފަ އެވެ.

ނޭމާގެ ކުރީގެ އެޖެންޓް ކަރީ ބުނީ، ނޭމާއާއި މެސީ އެކުގައި ކުޅޭނެ ކަމީ ވަރަށް ޔަގީންކަން ބޮޑު ކަމެއް ކަމަށާއި، އެކަމީ ޕީއެސްޖީގައި ވެސް ވެދާނެ ކަމަކަށްވުން އެކަށީގެންވާ ކަމެއް ނަމަވެސް ބޮޑަށް ބުރަވެވެނީ ދެކުޅުންތެރިން އެކުގައި އަލުން ފެންނާނީ ބާސާގައި ކަމަށެވެ.

"މީގެ ދެ އަހަރު ކުރިން ނޭމާ އަހަރެން ގާތު ބާސެލޯނާއަށް އެނބުރި ދިއުމަށް ބުނުމުން، އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް އޭރު ކުރެވުނު. އެކަމަކު އެކި ސަބަބުތަކާ ހުރެ ފަހުވަގުތު އެކަންވާގޮތް ނުވީ،" ކަރީ ބުންޏެވެ.

ނޭމާ ބާސެލޯނާއަށް އަންނަ ކަމުގެ ވާހަކަތައް ފެތުރެމުން އަންނަ އިރު، މެސީ އެކުލަބު ދޫކޮށްލާނެކަން ކުރިން ވަނީ ހާމަކޮށްފަ އެވެ. އެހެން ނަމަވެސް މި ސީޒަނުގައި ކަންތައްވާ ގޮތަކުން އޭނާ ކުލަބުގައި މަޑުކުރަން ނިންމާނެ ކަމުގެ އިޝާރާތަތްކެއް މިފަހުން ވަނީ ކޮށްފަ އެވެ.

"ލަޕޯޓާ [ބާސެލޯނާގެ އައު ރައީސް] އަށް މި ދެކުޅުންތެރިން އެކުގައި ދަނޑު މައްޗަށް ނެރެވިދާނެ. މެސީ ވެސް ކުލަބުގައި މަޑުކުރާނެކަން ޔަގީނާ ގާތަށް އިނގިއްޖެ."

comment ކޮމެންޓް