މާލޭގެ އެހެން އަވަށްތަކާ އެއްވަރަށް ވިލިމާލެވެސް ތަރައްގީ ކުރާނަން: ޑރ. މުއިއްޒު

ޕީޕީއެމްގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލޭގެ އެހެން އަވަށްތަކާ އެއްވަރަށް ވިލިމާލެވެސް ތަރައްގީ ކުރައްވާނެ ކަމަށް ޕީޕީއެމްގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުގެ ވިލިމާލޭ ދާއިރާއަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު ނަހުލާ އަލީގެ ކެމްޕޭން ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކުރިން ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ތަރައްގީ ގެނެވޭނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީގެ ފިކުރުގައި ތިބި ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާ އަކީ ވިލިމާލޭގެ ތަރައްގީއާ ގުޅުންހުރި ކަންކަމުގައި ވަރަށް ކުރީއްސުރެ އުޅުއްވި މީހެއް ކަމަށެވެ. އެގޮތުން، ވިލިމާލޭގައި މީހުން އާބާދު ކުރުމުގެ ކުރިން ހައުސިން އެންޑް އާބަން ޑިވޮލޮޕްމެންޓް ބޯޑުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ވިލިމާލެއަށްވެސް ވަރަށް ބޮޑެތި ކަންކަން ރޭވިފައި ހުއްޓަސް މާލޭގެ އެހެން ސަރަހައްދުތަކާ ހިލާފަށް ވިލިމާލޭގައި އެ ކަންކަން އަމަލީ ގޮތުން ތަންފީޒު ކުރެވިފައި ނެތް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން، އޭނާ އެންމެ އިސްކަމެއް ދެއްވާނީ މާލޭގެ ހުރިހާ އަވަށެކޭ އެއްގޮތަށް ވިލިމާލެވެސް ތަރައްގީ ކުރެވިފައިވާ ތަނަކަށް ހެދުމަށް ކަމަށް ވިދާޅުވި އެވެ.

"މާލޭގެ ކޮންމެ އަވަށެކޭ އެއްގޮތަށް ވިލިމާލެއަކީވެސް އެގޮތަށް ތަރައްގީ ކުރެވިފައި އޮތް ތަނަކަށް އިރާދަކުރެއްވިއްޔާ ހަދާނަމޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ވިލިމާލެއަށް ޓަކައި ކުރަން ހުރި މަސަައްކަތްތައް ގިނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން، ގެދޮރުވެރިކަމުގެ މައްސަލައަކީ ވިލިމާާލޭގެ ރައްޔިތުންނަށް އެންމެ ބޮޑު އެއް މައްސަލަ ކަމަށް ވިދާޅުވި އެވެ.

ވިލިމާލޭގެ ބިން ޕްލޭން ކުރުމުގައި އުޅުނު މީހެއްގެ ހައިސިއްޔަތުން އެންމެ އެކަށީގެންވާ ގޮތަށް ވިލިމާލޭގެ ބިންތައް ބޭނުން ކުރާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން، ވިލިމާލޭގެ ރައްޔިތުންނަށް ހައުސިން މަޝްރޫއުތައް ހިންގޭނެ ޖާގަ އެބަ ހުރި ކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް ފަންޑު ހޯދާނެ ގޮތްތައް ހޯއްދަވައި، ސަރުކާރަށް ފަސޭހަކޮށްދީ، އެކަން ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިލިމާލެ ވެގެންދާނީ މާ ދުރުނޫން މުސްތަގުބަލެއްގައި އަޅުގަނޑުމެން އެންމެ އިސްކަމެއް ދީގެން ގެދޮރުގެ މައްސަލަ ހައްލު ކުރާ ތަނަކަށޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ހަގީގަތުގައި ހައުސިން ޔުނިޓުތައް އެޅޭނެ ޖާގަ އެބަ ހުރި. މިގޮތުން ބަލާއިރުގައި މަދުވެގެން 500 ހައުސިން ޔުނިޓު އެޅޭ ވަރުގެ ޖާގަ އަދިވެސް މިތަނުގައި އެބަ ހުރި،"

ހައުސިން ޔުނިޓުތައް އެޅުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން، ވިލިމާލޭގެ އިމާރާތް ކުރުމުގެ އުސްމިން 10 ބުރިއާ ހަމައަށް ގެންދިޔުމަށް ގަވައިދަށް ބަދަލު ގެންނަން ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ކަމަކީ މާލެއިން ނޫނީ އެހެން ރަށްރަށުން މީހުން އެއްކުރަން ކުރައްވާނެ ކަމެއް ނޫން ކަމަށާއި، އެއީ ސީދާ ވިލިމާލޭ ރައްޔިތުންނަށް ޓަކައި ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

މާލެއެކޭ އެއްގޮތަށް ވިލިމާލޭގައިވެސް ކުޑަކުދިން ގޮވައިގެން އާއިލާތަކަށް ހިތްހަމަޖައްސާލަން ދެވޭ ފަދަ ޒަމާނީ ފެންވަރުގެ ބޮޑު ޕާކެއްވެސް ތަރައްގީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިލިމާލޭގެ ބަނދަރުގެ ޖާގައިގެ މައްސަލައަށްވެސް ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް