ތިން ރަށެއްގައި ބީއެމްއެލް މުވައްޒަފުންގެ އެހީގެ ހަރަކާތެއް ހިންގައިފި

ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ތިން ރަށެއްގައި މުޖުތަަމައަށް އެހީތެރިވުމުގެ ހަރަކާތްތަކެއް ހިންގައިފި އެވެ.

އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގަ އެވެ.

ބީއެމްއެލް އިން ބުނީ ފެލިދޫގެ ރައްޔިތުންގެ މެދުގައި މަގުބޫލު އެރަށު މަސްފެންގަނޑު އޮންނަ ސަރަހައްދަށް ވަންނަން އޮންނަ މަގު ސާފުކޮށް، އެ ސަރަހައްދަށް ފޮޓޯ ނެގުމާއި މަހަށް ކާންދިނުމަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހަވާނެހެން ބަދަލު ގެނެސްފައިވާ ކަމަށެވެ.

އޭގެ އިތުރުން ފޮޓޯ ނެގުމަށް އެސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ހާއްސަކޮށް ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަސައްކަތްތައްވެސް ރޭވި، ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް ފޮނަދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ރަށުގައި ހުންނަ ކުޑަކުދިންގެ ޕާކުގެ ވަށާ ފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި ކުޅުދުއްފުށީ އަތިރިމަތީގައި ހާއްސަ ސަރަހައްދެއް ގާއިމްކޮށް އެ ސަރަހައްދަށް އަންނަ ފަރާތްތަކަށް ހިތް ފަސޭހަ މާހައުލެއް ގާއިމްކޮށް ދިނުމަށްޓަކައި އުނދޯއްޔާއި، ޖޯލީގެ އިތުރުން ބެންޗް ވަނީ ބަހައްޓާފައެވެ.

ބީއެމްއެލްގެ އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކަކީ މުޖުތަމައުގެ އުފަލާއި ހިިތްހަމަޖެހުމަށް ރޭވި ހަރަކާތްތަކެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެ ތިން ރަށުގައި ކުރެވުނު މަސައްކަތްތަކުގައި ބީއެމްއެލްގެ 30 އަށް ވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވި އެވެ.

ކޮންމެ އަހަރަކު މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން މިއަދު ހަރަކާތްތަކެއް ހިންގާފައިވާއިރު ބޭންކުގެ އަމާޒަކީ އެފަދަ އިތުރު ހަރަކާތްތަކެއް މިއަހަރު ކުރިއަަށް ގެންދިއުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

comment ކޮމެންޓް