ޑްރަގްގައި "އަތްނުލާ" އުޅޭ މީހުންނަށް މަގު ބަންދުކޮށްލަން މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ

މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާ "ދޮންނަ" ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް، މަނީލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ ކުރަން ފަށައިފި އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ، އެކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭނެ ކުށެކެވެ. އެ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި، އެމީހުންގެ އަނބިންނާއި ފިރިންނާއި، ގާތްތިމާގެ މީހުންވެސް، ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެނަމަ ދައުވާ ކުރެވޭނެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ބްލޮގް ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު، ހައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލަ ކަމަށެވެ. އަދި އެ މައްސަލައަށް ހައްލެއް ގެންނަން، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ސިޔާސަތަށް ބަދަލު ގެނެސްގެން ކުރެވޭނެ ކަމަކީ ކޮބައިތޯ ބަލާއިރު ފައިސާ ފަހަތުން ދިއުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ޕީޖީ ވިދާޅުވީ 2019 ވަނަ އަހަރު ދައުލަތުން ދައުވާކުރި ޖުމްލަ މައްސަލަަތަކުގެ 47 ޕަސެންޓަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ދައުވާކުރި މައްސަލަތައް ކަމަށާއި، މަސްތުވާތަކެތީގެ އާދަ ހިފެހެއްޓުމަށް ކުރާ ވައްކަމާއި، ފޭރުމާއި އެނޫންވެސް ޕެޓީ ކްރައިމްތައް ހިމެނުމުން، އެ އަދަދު 60 ޕަސެންޓަށް ވުރެ މަތިވާ ކަމަށެވެ. އަދި ހުސްވި 2020 ވަނަ އަހަރުވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ.

ޕީޖީ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު މަދު ކުރެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ، އެތަކެތި ރާއްޖެއަށް އެތެރެވެ، ވިޔަފާރި ކުރާ މީހުން ފަހަތުން ދެވިގެން ކަމަށެވެ.

"އެކަން ކާމިޔާބުކުރެވޭނެ ތަޅުދަނޑިއަކީ، މަސްތުވާތަކެތިން މަންފާވާ މީހުންގެ ފައިސާގެ ފަހަތުން ދިއުމެވެ،" ޕީޖީ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، 2020 ވަނަ އަހަރުން ފެށިގެން، މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ކުރާއިރު، އެމައްސަލައިގައި ހިމެނޭ ފައިސާ ދައުލަތަށް ނެގުމުގެ ބައި ވަކިން ދައުވާގައި ހިމަނަން ފަށާފައިވާ ކަމަށެވެ.

"ބޭނުމަކީ، އެފައިސާ ދައުލަތަށް ނަގައި، މަސްތުވާތަކެއްޗާ ގުޅިގެން ދައުލަތުން ހިންގާ ޕްރޮގްރާމްތަކަށް އެފައިސާ ހަރަދު ކުރުމެވެ. މިގޮތަށް ހުށަހެޅި މައްސަލައެއް އަދިއެއް ނުއެއް ނިމެއެވެ. އެމައްސަލަތައް ނިމެން ފެށުމުން، އެގޮތަށް ފައިސާ ގެންގުޅޭ މީހުންނަށް، އެމީހުން ޖަލަށް ލާފައި އަދި ފައިސާކޮޅުވެސް ނަގާނެކަން އެނގޭނެއެވެ،" ޕީޖީ ވިދާޅުވި އެވެ.

ސިޔާސަތުގެ ދެވަނަ ބަދަލަކީ، މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާ "ދޮންނަ" ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް، މަނީ ލޯންޑްރިންގެ ދައުވާ ކުރުމެވެ.

"މަސްތުވާތަކެތީގައި އަތްލުން ލާޒިމެއް ނޫނެވެ. މިހާތަނަށް ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މަސްތުވާތަކެތީގައި އަތް ނުލާނަމަ، ކުށްވެރި ނުވާނެ ކަމަށެވެ. މި ސިޔާސަތުގެ ބަދަލާއެކު، އެވިސްނުން ނިމުމަކަށް އަންނާނެއެވެ. މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމަށްޓަކައި ބޭނުންވަނީ، އޭނާއަށް ލިބި، ބޭނުންކުރި ފައިސާއަކީ، ކުށެއް ކޮށްގެން ހޯދާ ފައިސާކަން އޭނާއަށް ޝައްކުވުމެވެ. ކަނޑައެޅިގެން އެނގުންވެސް ލާޒިމެއް ނޫނެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއްގެ އަނތްބަކު، އޭނާގެ ފިރިމީހާ ފައިސާ ހޯދާ ތަނެއް ނޭނގޭކަމަށް ބުނުމަކީ އަޅުގަނޑަށް ގަބޫލުކުރަން ދަތި ކަމެކެވެ. ފައިސާ ލިބޭ ގޮތް ނޭނގޭކަމަށް ބުނާއިރު، އެފައިސާ، ޝައްކު އުފެދޭ ކަންކަމަށް ބޭނުންކޮށްފައި ހުރިކަން ތަހުގީގަށް ފެނެއެވެ،" ޕީޖީ ވިދާޅުވި އެވެ.

އެ ގާނޫނުގައި ކުށްކޮށްގެން ހޯދާ މުދާ މާނަކޮށްދީފައިވަނީ، ކުށްކޮށްގެން ހޯދާ ފައިސާ ނުވަތަ މުދަލާއި، އެފައިސާ ނުވަތަ މުދަލުން ހޯދާ ނުވަތަ ބަދަލުކޮށްފައިވާ މުދަލާއި، އެ މުދާ އިންވެސްޓްކޮށްގެން ލިބޭ މުދާވެސް ހިމަނައިގެނެވެ. އެހެންކަމުން، މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާއިން ފިހާރައެއް ހުޅުވާފައި ހުރިނަމަ، އެފިހާރައަކީވެސް އެ ގާނޫނުގެ ދަށުން ދައުލަތަށް ނެގޭނެ މުދަލެއްކަން ޕީޖީ ފާހަގަކުރެއްވި އެވެ.

އެގޮތުން އެ ބާވަތުގެ ފުރަތަމަ މައްސަލައިގައި މި މަހުގެ 18 ވަނަ ދުވަހު ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. ކޯޓަށް ހުށަހެޅީ މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވިގެން މާލޭގެ ހަތަރު ގެއެއް ބަލައިފާސްކޮށް ފުލުހުން ހިނގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިފަ އެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ:

  • ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު
  • ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދު
  • ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފް
  • މއ. ހަސްލަތު، ޝަނިޔާ އިބްރާހީމް

އެމައްސަލައިގައި، އިސްމާއީލް ޝަރީފާއި، ޝާނިޔާ އިބްރާހީމާއި ހަސަން ރަޝީދާއި ހަސަން ލޫތުގެ މައްޗަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ވާނީ ހުށަހަޅާފައެވެ.

"މިއީ އަދި ފެށުމެވެ. މިއީ ޕްރޮސިކިއުޝަންގެ ސިޔާސަތަށް ގެންނަ ބަދަލެކެވެ. ގާނޫނުން ހުއްދަކުރާ ބަދަލެކެވެ. ގާނޫނަށް ބަދަލު ގެނެސްގެން ކުރެވެން ހުރި ކަންކަން އިހަށް އަދި ބަހައްޓާފައެވެ،"

ޝަމީމްވިދާޅުވީ މަސްތުވާތަކެއްޗާބެހޭ މައްސަލައަށް ޖުމްލަ ހައްލެއް ގެނެވޭނީ، ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ މުއައްސަސާތަކުން އެއްކޮށް، ބާރަށް މަސައްކަތް ކޮށްގެން ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑު ފޯކަހަކީ، މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، އެކަމުގެ އަސްލު ވިޔަފާރިވެރިން ފަހަތުން ދިއުމަށް ހެދުމަކީ މިހާރު ކުރާ މަސައްކަތުގެ އަމާޒު ކަމަށް ޕީޖީ ވިދާޅުވި އެވެ.

"ހަމައެކަނި އެމީހުން އަތުން ފެންނަ ފައިސާއެއް ނޫނެވެ. އެމީހުންގެ ވިޔަފާރިތަކާއި، ވެހިކަލްތަކާއި، އެނޫންވެސް ހުރިހާ މުދަލެއް، މަނީ ލޯންޑްރިންގ ގާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުމެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ލިބިދޭންޖެހޭ ފަރުވާގެ ކަންތައް ވީހާވެސް ލުއިފަސޭހަކޮށްދީ، ޖިނާއި އަދުލުގެ ނިޒާމުގެ ތެރެއިން އެމީހުންނަށް ޒިންމާދާރު މީހެއްގެ ގޮތުގައި ނުކުމެވޭނެ މަގެއް ހޯދައިދިނުމެވެ. އެމަގުން ނުނިކުމެ، ނުވަތަ ނުކުމެ، އަލުން ކުށްކުރުމުގެ ތެރެއަށް ހިނގައްޖެނަމަ، ދެން އިތުރު ފުރުސަތެއް ނުދިނުމެވެ." ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ ކޮންމެ ސަރުކާރެއްގައިވެސް، އެންމެ ބޮޑަށް މަސައްކަތްކުރަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކަމަށާއި އެމައްސަލައާ ނުގުޅޭ އިތުރު އެއްވެސް މައްސަލައެއް، ޖިނާއީ އަދުލުގެ ނިޒާމުގައި ނެތް ކަމަށެވެ.

ޕީޖީ ވިދާޅުވީ ކޯޓުތަކުގައި ހުރި މައްސަލަތައް ލަސްވަނީވެސް، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން، އެކަމުގެ ތާސީރުގައި ޖެހިގެން ކުރާ ކުދި ކުދި ވައްކަމާއި ފޭރުންތަކުގެ މައްސަލަ ގިނަވެގެން ކަމަށެވެ. އަދި ޖަލުގައި ގިނައިން ތިބީ ‘"ޓާމިނޭޝަން" ހުކުމުގެ މީހުން ކަމަށެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީން ހިންގާ ފަރުވާގެ ޕްރޮގްރާމް ދާދި ފަހަކާ ޖެހެންދެން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިޔަ ނަމަވެސް، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

comment ކޮމެންޓް