ޗައިނާއިން އާއިލާގެ ހުއްދައާ ނުލައި މުސްލިމް ކުދިން ޔަތީމުހާނާތަކަށް ގެންދޭ: އެމްނެސްޓީ

ޗައިނާއިން ވަނީ ވިގޫރު މުސްލިމް ކުދިން އާއިލާއާ ވަކިކޮށް، އާއިލާގެ ހުއްދައާ ނުލައި ޔަތީމުހާނާތަކަށް ގެންގޮސްފައި ކަމަށް އެމްނެސްޓީން ބުނޭ -- ފޮޓޯ: އޭއެފްޕީ

ލަންޑަން (މާޗް 19): ޗައިނާއިން ވީގޫރު މުސްލިމް އާއިލާތަކުގެ ހުއްދައާ ނުލައި އެމީހުންގެ ކުދިން ޔަތީމުހާނާތަކަށް ގެންދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

އެމްނެސްޓީން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެ ޖަމިއްޔާއިން ވަނީ އެކި ސަބަބުތަކާ ހެދި ޗައިނާގައި ދަރިން ބޭތިއްބުމަށް ފަހު، އެގައުމުން ފިލަން މަޖުބޫރުވި ބައެއް މައިންބަފައިންނާ ވާހަކަ ދައްކާފަ އެވެ. އެގޮތުން އެ ރިޕޯޓުގައި ވަނީ ފުލުހުންގެ ފުރައްސާރައިގެ ސަބަބުން 2016 ވަނަ އަހަރު ޗައިނާ ދޫކޮށް ދާން ޖެހެނު ދެމަފިރިއެއް ކަމަށްވާ މިހްރިބަން ކާދިރު އާއި އަބްލިކިމް މެމްތިނިންގެ ވާހަކަ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެ ދެމަފިރިން އިޓަލީއަށް ދިޔައީ އެމީހުންގެ ހަތަރު ކުދިން، އެކުދިންގެ މާމަ އާއި ކާފައާ ހަވާލުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން މާމަ ގައިދުހާނާއަކަށް ގެންގޮސް، އެކުދިންގެ ކާފައާ ފުލުހުން ސުވާލުކޮށްފައިވެ އެވެ. އަދި 2019 ވަނަ އަހަރު އެ ހަތަރު ކުދިން އިޓަލީއަށް ގެންދަން އެގައުމުން ހުއްދަ ލިބުނު ނަމަވެސް، އެކުދިންނަށް ގައުމުން ބޭރު ނުވެވެނީސް ޗައިނާގެ ފުލުހުން ވަނީ އެކުދިން ހިފަހައްޓާ، ދައުލަތުން ހިންގާ ޔަތީމުހާނާއަކަށް ގެންގޮސްފަ އެވެ.

"މިހާރު އަޅުގަނޑުގެ ދަރިން ތިބީ ޗައިނާގެ ސަރުކާރުގެ ބާރުގެ ދަށުގައި އަދި އަޅުގަނޑުގެ ހަޔާތުގައި އެކުދިންނާ ދެން ބައްދަލު ވާނެ ކަމެއް ނޭނގެ،" މިހްރިބަން ބުންޏެވެ.

މީގެ އިތުރުންވެސް އެމްނެސްޓީން ވަނީ ޗައިނާއިން ތުރުކީއަށް 2016 ވަނަ އަހަރު ދިޔަ ދެމަފިރިއެއްގެ ވާހަކަ ފާހަގަކޮށްފަ އެވެ. އުމަރު އަދި މަރިޔަމް ފާރުހް ބުނި ގޮތުގައި އެ ދެ މީހުން ގައުމުން ފުރައިގެން ދިޔަ އިރު އެމީހުންގެ އެންމެ ހަގު ދެ ކުދިންގެ ދަތުރަށް ބޭނުންވާ ލިޔެކިޔުންތައް ނެތެވެ. އެހެންކަމުން އެ ދެ ކުދިން ހަވާލު ކުރީ މާމަ އާއި ކާފައާ އެވެ. ނަމަވެސް އެ މާމަ އާއި ކާފަ ހައްޔަރުކޮށް، ގައިދުހާނާއަކަށް ގެންގޮސްފައިވާކަން އެނގިފައިވާ ކަމަށާއި ނަމަވެސް ދެ ކުދިންނަށްވީ ގޮތެއް އަދިވެސް ނޭނގޭ ކަމަށް އެ ދެމަފިރިން ބުންޏެވެ.

އެމްނެސްޓީގެ ރިޕޯޓުގައި ވަނީ ވީގޫރު މުސްލިމުން ދިރިއުޅޭ ޝިންޖަންގަށް ވަނުމަށް އދ.ގެ މާހިރުންނާއި މިނިވަން ރިސާޗަރުންނާއި ނޫސްވެރިންނަށް ފުރުސަތު ދިނުމަށް ގޮވާލާފަ އެވެ. އަދި އާއިލާގެ ހުއްދައާ ނުލައި ހިފަހައްޓާފައިވާ ކުޑަކުދިން އެކުދިންގެ އާއިލާތަކާ ހަވާލު ކުރުމަށް ގޮވާލާފަ އެވެ.

"ޗައިނާއިން ޝިންޖަންގުގައި ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރުމަށް ކުރިއަށްގެންދާ ކެމްޕޭނުގެ ސަބަބުން ބައިބައިވެފައިވާ އާއިލާތަކަށް ވަނީ ވަރަށް ދަތި ހާލަތަކާ ކުރިމަތިލާން ޖެހިފަ: ކުޑަކުދިންނަށް [ގައުމުން ބޭރަށް ދާން] ހުއްދައެއް ނުދޭ، އަދި އެ ކުދިންގެ މައިންބަފައިން އަނބުރާ ގޮސްފި ނަމަ އަނިޔާ އާއި ހައްޔަރު ކުރުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހޭ،" އެމްނެސްޓީން ބުންޏެވެ.

އދ.ގެ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ބުނާ ގޮތުގައި ޗައިނާއިން ވަނީ އެއް މިލިއަނަށް ވުރެ ގިނަ މުސްލިމުން ގައިދުހާނާތަކުގައި ހައްޔަރުކޮށްފަ އެވެ. އަދި އެގައުމުން މުސްލިމުން ލައްވާ މަޖުބޫރުން މަސައްކަތް ކުރުވާ، މުސްލިމުންގެ އާބާދީ މަދު ކުރުމަށްޓަކައި ދަރިން ނުލިބޭ ގޮތް ހަދާ، ގައިދުހާނާތަކުގައި ޖިންސީ އަނިޔާކޮށް، ރޭޕް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ނަމަވެސް ޗައިނާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެ ގައިދުހާނާތަކަކީ މީހުން ހައްދުފަހަނައަޅާފައިވާ ފިކުރުން ދުރުކޮށް، ތަފާތު ހުނަރުތައް ދަސްކޮށްދިނުމަށް ހަދާފައިވާ މަރުކަޒުތަކެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް