އަގު ދަށް ބޭސް ކާން އާންމުންނަށް މަޖުބޫރު ނުކުރަން ފާމަސީ އެސޯސިއޭޝަނުން ގޮވާލައިފި

އޭޕްރީލް 2، 2020: އިންޑިއާ ލޮކްޑައުންކުރުމުގެ ސަބަބުން ރާއްޖެއަށް ނުގެނެވިފައި ހުރި 6.2 ޓަނުގެ ބޭސް އިންޑިއާގެ އަސްކަރިއްޔާގެ އެހީގައި ރާއްޖެގެނެސް، ރާއްޖޭގެ ސަރުކާރާ ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާކެޓުގައި ހުރި އެންމެ އަގު ދަށް ބޭސް ކާން އާންމުންނަށް މަޖުބޫރު ނުކުރުމަށް މޯލްޑިވްސް ފާމަސޫޓިކަލް އެންޑް ހެލްތުކެއާ ޑިސްޓްރިބިއުޝަން އެސޯސިއޭޝަން (އެމްޕީއެޗްޑީއޭ)އިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން ބުނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭއިން) ސަރުކާރުން ކަނޑައަޅާފައިވާ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ރިވިއުކުރުމުން، މާކެޓުގައި ހުރި އެންމެ އަގު ދަށް ބޭސް ކާން ދިނުމަށް އާސަންދައިން ނިންމާފައިވާ ކަމަށާއި އެކަމާމެދު ކަންބޮޑުވާ ކަމަށެވެ.

އެމްއާރުޕީއަކީ އާ އެއްޗެއް ނޫން ކަމަށާއި 1980 ގައި ސަރުކާރުން އެކުލަވާލި ބޭސް އެތެރެކުރުމާ ބެހޭ ގަވާއިދުގައިވެސް އެމްއާރުޕީ ކަނޑައަޅާފައިވާ ކަމަށް ފާމަސީ އެސޯސިއޭޝަނުން ބުނެ އެވެ. އަދި އެ ގަވާއިދަށް މިފަހުން ގެނައި ބަދަލާއެކު މާކެޓުގައި ހުރި އެންމެ އަގު ދަށް ބޭސް ފޯރުކޮށްދޭން އާސަންދައިން ކަނޑައެޅުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

އާސަންދައިގެ ނިންމުމާ މެދު ކަންބޮޑުވާ ސަބަބުތައް ތަފްސީލުކޮށްދެމުން ފާމަސީ ޖަމިއްޔާއިން ބުނީ އާސަންދަ ބޭސް ސިޓީއަށް ބޭސް ނަގާއިރު ކެޓަގަރީތަކުން ހަތަރުފަސް ބޭސް ލިބޭ ކަމަށް މިހާރު ފެންނާނެ ކަމަށާއި އެމީހަކު ބޭނުންވާ ކޮލިޓީއެއްގެ ބޭހެއް ނެގުމުގެ ފުރުސަތު މިހާރު ލިބިދޭ ކަމަށެވެ.

ނަމަވެސް އާސަންދައިގެ ނިންމުމާއެކު އެ ފުރުސަތު އާންމުންނަށް ގެއްލިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އަދި ކޮންމެ މީހެއްވެސް ބޭނުންވާނީ އެ ފަރުވާއަކާ ގުޅޭ އެންމެ ރަނގަޅު ކޮލެޓީގެ ބޭސް ބޭނުން ކުރަން ކަމަށެވެ.

"އާސަންދަ ޕޯޓަލްއިން އެންމެ ދަށް އަގުގެ ބޭސް ލިބޭ ގޮތަށް ކަނޑައެޅުމުން ރައްޔިތު މީހާއަށް މަޖުބޫރު ވަނީ އެންމެ އަގު ދަށް ބޭސް ކާން. މިއީ ދާއިމީ ބަލިތަކުގައި ދިގު މުއްދަތަށް ބޭސް ބޭނުން ކުރަން ޖެހޭ މީހުންނަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް." އެ ޖަމިއްޔާއިން ބުނެ އެވެ.

މީގެ އިތުރުން އެމްއާރުޕީ ކަނޑައެޅުމަށް ތައްޔާރުވަމުންދިޔައިރު، މަޝްވަރާތަކުގައި ބައިވެރިވާން މަސައްކަތްކުރި ކަމަށާއި ނަމަވެސް އެ ފުރުސަތު ނުލިބޭ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ. އަދި އެމްއާރުޕީ ކަނޑައެޅުމުގައި އެ ޖަމިއްޔާއާއި އިންޑަސްޓްރީގެ ގިނަ ފަރާތްތަކުގެ ހިޔާލު ހޯދާފައިނުވާ ކަމަށް ވެސް ފާމަސީ ޖަމިއްޔާއިން ބުނެ އެވެ.

ހަމައެއާކު އިންޑިއާ ފަދަ ގައުމުތަކުގެ އަގުހެޔޮ ބޭސް އެތެރެ ނުކުރުމަށް އެމްއެފްޑީއޭގެ ގަވާއިދުގައި މިހާރުވެސް ބާރުއަޅާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

"އަގު ދަށްވުމަކީ މައްސަލައެއް ނޫން. މައްސަލައަކީ އެމްއެފްޑީއޭގެ ގަވާއިދަށް ބެލިޔަސް ކައިރިފަށުގައި މިހިރަ އިންޑިއާ ފަދަ ގައުމުތަކުގެ އަގުހެޔޮ ބޭސް އެތެރެ ނުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާކަން އެނގެން އޮތުން. މިހެން ބާރު އަޅާފައިވަނީ އިތުބާރު ނުކުރެވޭ ސަޕްލައި ޗޭންތައް ހުއްޓުވުމަށް ކަމަށްވާއިރު، އާސަންދައިގެ މި ނިންމުމާ ގުޅިގެން އަގު ދަށް ބޭސް އެތެރެކުރަން ހިތްވަރު ލިބިގެންދާނެ ކަމުގެ ބިރު އިތުރުވޭ." ފާމަސީ ޖަމިއްޔާއިން ބުނެ އެވެ.

އެކި ކޮލެޓީގެ ބޭސް މާކެޓުގައި ލިބެން ހުންނައިރު، އާންމުންގެ ޖީބަށް ބުރަ ނުވާ ގޮތަށް އެންމެ ރަނގަޅު ބޭހެއް ގަންނަން ލިޔެއް ހޯދައި ދިނުމަށް ފާމަސީ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

comment ކޮމެންޓް