މަތީ ތައުލީމުގެ ލޯނަށް 1000 އަށްވުރެ ގިނަ ކުދިން ކުރިމަތިލައިފި

22 މެއި 2017: 2016 ވަނަ އަހަރުގެ އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމަށް އެދި 1000 އަށް ވުރެ ގިނަ ކުދިން ލޯނަށް އެދިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ލޯނަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. ފުރުސަތު ބަންދުވީ މާޗު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި އަހަރު ހުޅުވާލީ ލޯނުގެ 770 ފުރުސަތެވެ. އޭގެ ތެރެއިން 290 ސްލޮޓް ހާއްސަކުރީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އިއްޔެ ވިދާޅުވީ، ފުރުސަތު ބަންދުވި އިރު 1176 ފަރާތަކުން އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެޕްލިކޭޝަންތައް ވަޒަން ކުރާނީ ތެދުވެރިކަމާއި އިހްލާސްތެރިކަމއެކު، އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ކަމަށެވެ.

މިފަހަރުގެ ލޯން ސްކީމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޖާގަ ހަމަޖައްސާފައިވެ އެވެ.

ރާއްޖޭގައި ކިޔެވެން ހުރި ދާއިރާތަކުން ރާއްޖެ އިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ލޯނު ސުކީމުގެ ދަށުން ނުދިން ނަމަވެސް އެމްބީބީއެސް އަދި ޕައިލޮޓްކަން ރާއްޖެ އިން ބޭރުން ކިޔެވުމުގެ ފުރުސަތު ދޭން މިފަހަރު ވަނީ ނިންމައިފަ އެވެ.

ޕޯސްޓް ގްރެޖުއޭޓް މެޑިސިން އަށް މި އަހަރު 20 ސްލޮޓް ހާއްސަ ކޮށްފައިވާ އިރު އެއީ މުޅިން އަލަށް ކިޔަވަން ފަށާ 10 ކުދިންނަށް އަދި މިހާރު ރާއްޖެއިން ބޭރުގައި ކިޔަވާ 10 ދަރިވަރަކަށް ދޭ ސްލޮޓްތަކެވެ.

ހަމަ އެއާއެކު ރާއްޖޭގައި ތިބެގެން އެކައުންޓިން ކިޔަވާ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ލައިސަންސް ހޯދުމަށްވެސް މި ސްކީމުގެ ދަށުން ލޯނު ދޭނެ އެވެ.

comment ކޮމެންޓް