ޔޫރަޕްގެ ގައުމުތަކުން އަނެއްކާވެސް އެސްޓްރާޒެނެކާގެ ވެކްސިން ޖަހަން ފަށަނީ

ޔޫރަޕްގެ ގައުމުތަކުން ވަނީ އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިން އަލުން ޖަހަން ފަށާނެ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ބްރަސެލްސް (މާޗް 19): އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ބޭނުން ކުރުން ހުއްޓާލި ޔޫރަޕްގެ ގައުމުތަކުން އަނެއްކާވެސް އެ ވެކްސިން ޖަހަން ފަށާނެކަން އިއުލާންކޮށްފި އެވެ.

ޔޫރަޕްގެ 13 ގައުމަކުން އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިން ބޭނުން ކުރުން ހުއްޓާލީ އެ ވެކްސިން ޖެހި ބަޔެއްގެ ފަރާތުން ލޭ ގަނޑުވުމުގެ މައްސަލައެއް ފާހަގަ ކުރެވުނު ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް ފަހު ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ)އިން ވަނީ އެސްޓްރާޒެނެކާގެ ވެކްސިން މީހުންގެ ގަޔަށް ޖަހަން ރައްކާތެރި ކަމަށް ބުނެފަ އެވެ.

އީއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރު އެމާ ކުކް އިއްޔެ ވިދާޅުވި ގޮތުގައި، "އެސްޓްރާޒެނެކާގެ ވެކްސިންއާ ލޭގަނޑުމުގެ ނުރައްކާ އިތުރުވުމާ ގުޅުމެއް ނެތް" ކަމަށް އެ އިދާރާގެ މާހިރުންގެ ޓީމުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެ އިދާރާއިން ވަނީ ވެކްސިންގެ ސަބަބުން ދިމާވެދާނެ ސައިޑް އިފެކްޓްސްއާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ލަފާދީ، އަދިވެސް އިތުރު ތަހުގީގުތައް ކުރިއަށްގެންދާނެ ކަމަށް ބުނެފަ އެވެ.

އީއެމްއޭއިން އެފަދައިން ބުނި ފަހުން އިޓަލީ، ފްރާންސް، ޖަރުމަނު، ސްޕެއިން، ޕޯޗުގަލް، ނެދަލޭންޑްސް އަދި ބަލްގޭރިއާ އިން ވަނީ އެސްޓްރާޒެނެކާގެ ވެކްސިން އަލުން ޖަހަން ފަށާނެ ކަމަށް ބުނެފަ އެވެ. އަދި ސްވިޑެން އާއި އަޔަލޭންޑުން ވަނީ އެ ދެ ގައުމުން ނިންމާ ގޮތެއް އިއުލާން ކުރާނެ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން އެސްޓްރާޒެނެކާއިންވެސް ވަނީ އެ ކުންފުނީގެ ކޮވިޑް ވެކްސިން ޖެހުމުން ލޭ ގަނޑުވުމުގެ ނުރައްކާ އިތުރުވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އީޔޫ އާއި ޔޫކޭގައި މިމަހުގެ އަށެކާ ހަމަޔަށް 17 މިލިއަން މީހުންނަށް އެ ވެކްސިން ދީފައިވާ އިރު އޭގެ ތެރެއިން ލޭ ގަނޑުވި ކަމަށް ރިޕޯޓުކޮށްފައި ވަނީ 37 މީހެއްގެ ކަމަށް ބުނެފަ އެވެ.

އެސްޓްރާޒެނެކާއިން ބުނި ގޮތުގައި އެއީ އެ ސައިޒުގެ އާބާދީއެއްގައި ގުދުރަތީ ގޮތުން ލޭ ގަނޑުވުމުގެ މައްސަލަ ދިމާވާނެ މިންވަރަށް ވުރެ ވެސް މަދު އަދަދެކެވެ. އަދި ދުނިޔޭގައި މިހާރު ބޭނުން ކުރަމުންދާ އެހެން ކޮވިޑް ވެކްސިންތައް ދީފައިވާ އާބާދީގެ އަދަދަށް ބަލާ އިރުވެސް ފެންނާނީ އެފަދަ ނަތީޖާއެއް ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވެސް ވަނީ އެ މައްސަލަ ބަލާ، އެސްޓްރާޒެނެކާގެ ވެކްސިން ބޭނުން ކުރަމުން ދިޔުމަށް ހިތްވަރު ދީފަ އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން އެސްޓްރާޒެނެކާގެ ވެކްސިން ދިނުން ހުއްޓާލީ އެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް ހަލުވިކަމާއެކު އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ޔޫރަޕްގައި ކޮވިޑް ވެކްސިން ދިނުމުގެ ހަރަކާތް ލަސް ކަމަށް ބުނެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

comment ކޮމެންޓް