ފެބްރުއަރީ 12 ގެ މުޒާހަރާ އާ ގުޅިގެން ޕީޕީއެމް 75،000 ރުފިޔާ އިން ޖޫރިމަނާކޮށްފި

ފެބްރުއަރީ 12، 2021: ކޮވިޑު19ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވަނިކޮށް އިދިކޮޅުން ކޯލިޝަނުން "ކޮބާ މަގޭ ފްލެޓު" ނަމުގައި މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު "ކޮބާ މަގޭ ފްލެޓް" ގެ ނަމުގައި ޕީޕީއެމްއިން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން އެ ޕާޓީ 75،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެ މުޒާހަރާއާ ގުޅިގެން ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް އެންގީ ފެބުރުއަރީ 22 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެދުވަހު "ސަން"އަށް ވިދާޅުވީ ސިޔާސީ ޕާޓީއަކާ ގުޅޭ މައްސަލައެއް ބަލާއިރު، އެ ޕާޓީއަކަށް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

ޝަރީފް މިރޭ "ސަން" އަށް ވިދާޅުވީ ޕީޕީއެމް އިން ޖަވާބުދާރީވުމުގެ ގޮތުން ހުށަހެޅި ހުށަހެޅުން އެ ކޮމިޝަނުން ގަބޫލުނުކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވެފައި ވާތީ، 75،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެދުވަހު ޕީޕީއެމް އިން ކުރި މުޒާހަރާ އަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަން ސާފުވާ ކަމަށާއި އަދި ޖަވާބުދާރީވާން ދިން ފުރުސަތުގައި ވެސް ކޮމިޝަނުން ކުރި ސުވާލަށް ޖަވާބު ދީފައި ނުވާ ކަމަށެވެ.

"ހުސް ބޭކާރު، އެއްވެސް ގާނޫނީ ބުރަދަނެއް ނެތް ވާހަކަތަކެއް ދައްކާފަ ހުރީ،" ޝަރީފް ވިދާޅުވި އެވެ.

އެހެންކަމުން މައްސަލަ ދިރާސާކޮށް، ކޮމިޝަނުގެ ގާނޫނީ ޓީމުން ހުށަހެޅި ރިޕޯޓުގައި އެއީ ގަބޫލުކުރެވޭނެ ޖަވާބުދާރީވުމެއް ނޫން ކަމަށް ކަނޑައަޅާފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ޕީޕީއެމްއާއި ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން މުޒާހަރާތަކާއި ހިނގާލުންތައް ބާއްވަމުންދާ މިދުވަސްވަރު ކޮވިޑު ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

comment ކޮމެންޓް