ކެންޑިޑޭޓަށް ތުހުމަތުވާ ޖިންސީގޯނާގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނަން: ޕީޕީއެމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަ ބަލައި، ޕާޓީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެ ޕާޓީން ބުނެފި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި އެފަދަ އިތުރު ދައުވާތަކެއް ކޮށްފައިވަނީ ގދ. ގައްދޫ ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓު މުހައްމަދު އަހްމަދުގެ މައްޗަށެވެ.

އޭނާ ވަނީ މީގެ ކުރިންވެސް އެ ރަށުގެ ކައުންސިލަރުކަމުގެ މަގާމު އަދާކޮށްފައެވެ. އޭނާ ކައުންސިލުގެ މަގާމުގައި ހުއްޓާ އޭނާއަށް ވަނީ 2015 ވަނަ އަހަރު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައެވެ. އެ މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ އިރު، އެ މައްސަލަ އަދި ފަށާފައެއް ނުވެއެވެ.

އެ ރަށުގެ ކައުންސިލު ރައީސްކަމަށް ކުރިމަތިލުމަށް އޭނާއަށް ޕީޕީއެމްއިން ޓިކެޓު ދިން އިރުވެސް އޭނާއަށް އޮތީ އެ މައްސަލައިގައި ދައުވާކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ފަހުކޮޅު އޭނާ ކުޑަކުއްޖަކަށް ބޭއަދަބީ މެސެޖުތަކެއް ކޮށްގެން އެ މައްސަލައިގައި ދެ ދައުވާއެއް އުފުލާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ. އެއީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުހައްމަދު އަހްމަދަށް ދައުވާ އުފުލާފައިވާ އިރު، އޭނާ މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި، މާފުށީ ޖަލުގައެވެ.

އެ ދައުވާތަކުގެ އެއްވެސް މައްސަލައެއް ޝަރީއަތަށް އަދި ސާބިތުނުވާތީވެ، އިލެކްޝަންސް ކޮމިޝަނުން އަދި އަހުމަދުގެ ކެންޑިޑެސީއާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އެ މައްސަލައިގައި ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިންސީ ގޯނާގެ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ހަގީގަތް ހޯދާ ޕާޓީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ބަލަން ޖެހޭ އެންމެހާ ބެލުންތައް ޕާޓީގެ ގާނޫނީ ޓީމުން ބަލަމުން އަންނަ ކަމަށެވެ.

ކުށެއްގެ ތުހުމަތުގައި މީހަކު ބަންދު ކުރުމަކީ އެ މީހަކަށް އިންތިހާބެއްގައި ވާދަ ނުކުރެވެންވީ ސަބަބަކަށް ނުވި ނަމަވެސް ޖިންސީ ގޯނާގެ މައްސަލަތަކަކީ އަވަސް މުއްދަތެއްގެ ތެރޭގައި ބެލި ގޮތެއް ނިމެންޖެހޭ މައްސަލަތަކެއްކަމަށް އެ ކޯލިޝަންގެ ފަރާތުން އަބަދުވެސް ވަކާލާތު ކުރާ ކަމަށް ބަޔާނުގައިވެ އެވެ.

އެއްވެސް ފަރާތަކަށް ކުރާ ޖިންސީ ގޯނާއާއި ފުރައްސާރަތަކަކީ، އެއްވެސް އިރެއްގައި އެ ޕާޓީއިން ތަރުހީބުދީ ބަލައިގަންނާނޭ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ.

ޕީޕީއެމް އިން ބުނީ "މިއީ މަގޭ ރާއްޖެ" ތަސައްވުރުގެ އެންމެ މުހިންމު އެއް އަސާސަކީ އަމާން ދިރިއުޅުމެއް ގާއިމްކޮށްދިނުން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ރައްކާތެރި، އަންހެނުންނަށް އޯގާތެރި، އިސްރަށްވެހިންނަށް ކުލުނުވެރި މުޖުތަމައެއް ބިނާކުރުން ކަމަށެވެ.

"އެހެންކަމުން މިމައްސަލައިގައި ތުހުމަތު ކުރެވިފައިވާ ފަރާތުގެ މައްސަލަ ބަލާ ޕާޓީގެ ފަރާތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. އަދި މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، ވީ އެންމެ އަވަހަކަށް ފައިސިލާ ކުރަނިވި ނިންމުމެއް ނިންމައިދިނުމަށްވެސް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަމެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ގައްދުއިން ވާހަކަދެއްކި މީހަކު "ސަން"އަށް ބުނީ އޭނާ މެސެޖުކުރީ ގްރޭޑް 10 ގައި އުޅޭ ކުޑަކުއްޖަކަށް ކަމަށެވެ. އަހުމަދު ކުޑަކުއްޖަކަށް ކުރިކަމަށް ބުނާ ބޭއަދަބީ މެސެޖުތަކެއް ސްކްރީން ރެކޯޑިންގްތަކެއް "ސަން" އަށްވެސް ވަނީ ލިބިފަ އެވެ. އެ މެެސެޖުތަކުގައި އޭނާ އޮރިޔާން ކާޑު ފޮނުވާފައިވާތަން ފެންނަން ހުރެ އެވެ. މައްސަލަ ރަނގަޅަށް ދަންނަ އެމީހާ ބުނި ގޮތުގައި އަހުމަދު އަކީ މީގެ ކުރިން ގައްދޫ ސްކޫލުގެ ޓީޗަރެއްގެ މަގާމުގައި ހުރެފައި ކައުންސިލަރުކަމަށް އައުމުގެ ކުރިން ރަށުގެ މުދިމްކަންވެސް ކުރި މީހެކެވެ.

comment ކޮމެންޓް