ކުރިއަށް އޮތް ހަފްތާ ވެސް ދަށް ގްރޭޑްތަކުގެ ކިޔެވުން އޮންލައިންކޮށް

އިސްކަންދަރު ސްކޫލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ހަފްތާގައި ވެސް މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 6 އާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮވިޑް19ގެ ކޭސްތައް ކޮންޓްރޯލް ނުވާތީ، ދަށް ގްރޭޑުތަކުގެ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމީ ފެބުރުއަރީ 12 ވަނަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަހުގެ 21 އިން 25 އަށް މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް ހަޔަކާ ހަމައަށް ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިކޮށް ކަމަށެވެ.

އަދި ގްރޭޑް ހަތަކުން ފެށިގެން ގްރޭޑް 12ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާނީ ސްކޫލަށް ހާޒިރުވެގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސްކޫލްތައް ބަންދުކުރުމަށްފަހު، ހާއްސަ ފިޔަވަޅުތަކާއެކު ސްކޫލްތައް ހުޅުވީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ބައެއް ގްރޭޑްތަކުގެ ކިޔެވުން އަލުން އޮންލައިންކޮށް ބަދަލުކުރީ ކޮވިޑް19 ކޭސްތައް އިތުރުވުމުގެ ސަބަބުންނެވެ.

comment ކޮމެންޓް