ގަލޮޅު ދަނޑުގައި ޑިސްއިންފެކްޓް ގޭޓް ހަރުކޮށްފި

ގަލޮޅު ދަނޑުގައި ހަރުކޮށްފައިވާ ޑިސްއިންފެކްޓް ގޭޓް --- ފޮޓޯ// ބައްސާމް އަދީލް ޖަލީލް

މާލެ ސަރަހައްދުގައި ކޮވިޑްގެ ނުރައްކާ ބޮޑުވެގެން މެދު ކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ގައުމީ ސްޓޭޑިއަމުގައި ޑިސްއިންފެކްޓް ގޭޓް ހަރުކޮށްފި އެވެ.

އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ، ގަލޮޅު ފުޓުބޯޅަ ސްޓޭޑިއަމުގައި ޑިސްއިންފެކްޓް ގޭޓް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި ގޭޓަކީ ލީގުގައި ވާދަކުރަމުން އަންނަ މާޒިޔާ ސްޕޯޓްސް ކުލަބުން ހަދިޔާ ކުރި ގޭޓެއް ކަމަށާއި، އެ ގޭޓް އެކުލަބަށް ސްޕޮންސާ ކޮށްދިން މެޑިކުއިޕް މޯލްޑިވްސް ކޮމްޕެނީއަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަލުން އިތުރުވާން ފެށުމާ ގުޅިގެން އެޗްޕީއޭއިން އޭރު ނެރުނު ގައިޑްލައިންތަކާއެކު ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ހާމަކުރީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ.

އެއަށްފަހު ހާއްސަ ހުއްދައެއްގެ ދަށުން މިހާރު ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ޕްރެކްޓިސް ފަށައިގެން މިހާރު ކުރިއަށްދާ އިރު، ކޮންމެ ކުލަބަކުން ވެސް ވަނީ ޕްރެކްޓިސްތައް މޮނީޓަރ ކުރުމަށް ހައިޖީން އޮފިސަރެއް ކަނޑައަޅައިފަ އެވެ. އަދި ލީގުގައި ވާދަކުރާ ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން މިހާރު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހައިފަ އެވެ.

އެފްއޭއެމުން މި މަހު ލީގުގެ ކުޅުން އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، ލީގު ގިނަ ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމުން ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އެފްއޭއެމްގެ ވިސްނުމަކީ ސީޒަން މެދުކެނޑުނު ނަމަވެސް ހުރިހާ މުބާރާތެއް މިފަހަރު ކުޅުމެވެ. އެހެންވެއްޖެ ނަމަ ކޮންމެ ޓީމަކުން ވެސް ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެންޖެހޭނެ އެވެ.

comment ކޮމެންޓް