އުރީދޫ އިން ޑޭޓާ ސެންޓަރެއް ހުޅުވައިފި

އުރީދޫގެ ޑޭޓާ ސެންޓަރު ހުޅުވުން--

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޭޓާ ސެންޓަރެއް ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން އާއި އެ ކުންފުނީގެ ޗީފް ޓެކްނނޮލަޖީ އޮފިސަރު އެމްއެސް ތަންވަރު އެެވެ.

މި ޑޭޓާ ސެންޓަރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީން ހާން ވިދާޅުވީ މި ޑޭޓާ ސެންޓަރަކީ ޓިޔާ ތްރީގެ ޑޭޓާ ސެންޓަރެއް ކަމަށެވެ.

"މިއީ މިފަދަ ގޮތަކަށް ފަރުމާކުރެވިގެން ރާއްޖޭގައި ހުޅުވޭ ފުރަތަމަ ޑޭޓާ ސެންޓަރު. ކަރަންޓު ދިޔަނަމަވެސް ،14 ދުވަހު މި ސެންޓަރަށް ކަރަންޓު ދެވޭނެ ވަރުގެ ކެޕޭސިޓީ މިތާ ވާނީ ގާއިމު ކުރެވިފައި،" ނަޖީބް ހާން ވިދާޅުވި އެވެ.

އުރީދޫގެ ޑޭޓާ ސެންޓަރު ހުޅުވުން--

މި ސެންޓަރު ގައިމްކޮށްފައިވަނީ ބިންހެލުމާއި ސުނާމީ ފަދަ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަވާނެ ގޮތަށެވެ. ކޮންމެ ފްލޯ އަކީ ހަތެއް ނޫނީ އަށް މީޓަރުގެ އުސްމިނުގެ ފްލޯ އެއް ކަމަށާއި މިއީ ފެންބޮޑުވުން ފަދަ ހާދިސާތަކުގައި ލިބޭ ގެއްލުން ކުޑަކުުރުމަށް އިސްކަންދީގެން އިމާރަތް ކުރެވިފައިވާ ތަނެއް ކަމަށް އުރީދޫ އިން ބުންޏެވެ.

މި ޑޭޓާ ސެންޓަރާއެކު ރާއްޖޭގައި ހިންގާ ވެބްސައިޓުތައް ރާއްޖޭގައި ހޯސްޓު ކުރުމުގެ ފުރުސަތު ފަހިވާނެެ ކަމަށް އުރީދޫ އިން ބުންޏެވެ. މީގެ އިތުރުން އެހެން ގައުމުތަކުގެ ވިޔަފާރިތަކަށް ވެސް ރާއްޖޭގައި އެމީހުންގެ ވިޔަފާރި/ވެބްސައިޓް ހޯސްޓު ކުރުމަށް ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ހިދުމަތް ރާއްޖޭގައި ގާއިމް ކުރެވުނީ، ރާއްޖޭގެ ވިޔަފާރިތައް ކުރިއަރައި ތަރައްގީ ވަމުން އަންނައިރު މިއީ މުހިއްމު ހިދުމަތަކަށް ވާނެތީ. ކްލައުޑް ކޮމްޕިޔުޓިން އަށް އޮންނަ ޑިމާންޑު، ޑޭޓާ އެލަނިޓިކްސް، އިންފްރާސްޓްރަކްޗާ ގެ މުހިއްމުކަން މިދަނީ އިތުރުވަމުން. އަމިއްލަ ޑޭޓާ ސެންޓަރުތައް ގެންގުޅުމަކީ ސަރުކާރަށްވެސް، ވިޔަފާރިތަކަށްވެސް އަދި ރިސޯޓުތަކަށްވެސް ބޮދު ހަރަދަކަށް ވާނެ، މިފަދަ ފެސިލިޓީއަކާއެކު ވިޔަފާރިތަކަށް ކުދި އަދި ބޮޑެތި ވިޔަފާރިތަކަށްވެސް އެ ފަރާތްތަކުގެ ވެބްސައިޓު ނުވަތަ އެޕްލިކޭޝަން ހޮސްޓު ކުރުމުގެ ފުރުސަތު އޮންނާނެ،" ނަޖީބް ވިދާޅުވި އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު (އެކްޓިން) ހުސެއިން ނިޔާޒް ވިދާޅުވީ މި ޑޭޓާ ސެންޓަރަކީ ފޭސްބުކް، ގޫގުލް ފަދަ ދުނިޔޭގެ ފެންވަރުގައި އަޅާ ކިޔޭނެ ފެންވަރުގެތަނެއް ކަމަށެވެ.

"މިއަދަކީ އުރީދޫ އަށްވެސް ރާއްޖޭގެ ވިޔަފާރިތަކަށްވެސް މުހިއްމު ދުވަހެއް،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާލުވީ މިހާރު ރާއްޖޭގައި ހިންގާ ވެބްސައިޓުތައް ހޯސްޓުކޮށްފައި ހުންނަނީ ސިންގަޕޫރު ނުވަތަ އެމެރިކާ ފަދަ ހިސާބުތަކުގައި ކަމަށާއި މި ސެންޓަރާއެކު އެ ވެބްސައިޓުތައް މިހާރު ރާއްޖޭގައި ހޯސްޓު ކުރެވޭނެ ކަމަށެވެ. މިއާއެކު ވެބްސައިޓު ހިންގާ ފަރާތްތަކަށް އެކަމަށް ކުރާ ހަރަދު ކުޑަކުރެވޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިާޅުވީ ރާއްޖެއަށް، ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަންގެ ދާއިރާ އަށް މިއަދަކީ ބޮޑު އިންގިލާބެއް އަންނާނެ ދުވަހެއް ކަމަށެވެ.

comment ކޮމެންޓް