އަފްޣާން ސުލްހައިގެ އެއްބަސްވުމާ ޚިލާފު ވާނެކެމުގެ އިޝާރާތް އެމެރިކާ ދިނުމާއެކު އަނެއްކާވެސް ލޭއޮހޮރުވުމަކަށް

އެމެރިކާ ތޯލިބާނުންނާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުން

ކާބުލް (މާޗް 14) : އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބާލައި އެގައުމަށް ސުލްހަ ގެނައުމާބެހޭގޮތުން ތާލިބާނުންނާ އެކު އެމެރިކާ ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން އެމެރިކާ ފަސްޖެހޭނެކަމުގެ އިޝާރާތާއެކު އަފްޣާނިސްތާނުގެ މަސްރަހު ގޯސްވެއްޖެއެވެ.

ތާލިބާނުން ގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ބުނިގޮތުގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް އެގައުމުން ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ފަސްޖެހުމަކީ އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށް ތަނަވަސްވި ފުރުސަތު ނަގާލުންކަމަށާ މިކަމުގެ ޒިންމާ އެމެރިކާ އުފުލަންޖެހޭނެ ކަމުގައެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ 13 ހާސް މީހުންގެ ތެރެއިން 4500 މީހުން އަންނަ މޭ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ބާލައި އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު 8500 އަށް ދަށްކުރުމުގެ އެ އެއްބަސްވުމުގައި މިދިޔައަހަރުގެ ފެބްރުއަރީމަހު އެމެރިކާއިން ސޮއިކުރީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ގެ ހާޒިރުގައެވެ. ގަތަރުގެ ވެރިރަށް ދައުހާގައި މިއެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރީ އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ މަންދޫބު ޒަމްލާއި ޚަލީލު ޒާދު އެވެ.

އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ ތާލިބާނުންގެ މަންދޫބާއެކު ގަތަރުގެ ދައުހާގައި

މިއެއްބަސްވުމުގައިވާގޮތުން މިއަހަރުގެ މޭ އެއްވަނަދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު 8500 އަށް ދަށްކުރުމުގެ އިތުރުން އަފްޣާނިސްތާނުން އެމެރިކާ ސިފައިންގެ އެންމެ ފަހުމީހާ ބާލާނެ ތާރީޚުވެސް ކަނޑައަޅައި އެކަން ތާލިބާނުންނާ ހިއްސާކުރަންޖެހެއެވެ. މިތާރީޚަކީ ތާލިބާނުންވެސް ގަބޫލުކުރާ ތާރީޚަކަށްވާންޖެހޭނެކަމަށް އެ އެއްބަސްވުން ބުނެއެވެ.

ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންވަނީ އަންނަ މޭމަހުގެ އެއްވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު 8500 އަށް ދަށްކުރުމާއި އެމެރިކާ ސިފައިންގެ އެންމެ ފަހުމީހާ އަފްޣާނިސްތާނުން ބާލާނެ ތާރީޚު ކަނޑައެޅުމަކީ އެމެރިކާއަށް ކުރަން ދަތިކަމެއްކަމަށް ވިދާޅުވެ އެ އެއްބަސްވުމުގެ ރޫހާ ޚިލާފަށް ވާހަކަ ދައްކަވާފައެވެ.

މިއާއެކު ތާލިބާނުންވަނީ ބާރުގެ ބޭނުންކޮށްގެން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ މަސައްކަތް އަލުން ފަށަންޖެހިދާނެކަމުގެ އިންޒާރު އެމެރިކާއަށް ދީފައެވެ. ތާލިބާނުންގެ މި އިންޒާރާއެކު އިއްޔެވަނީ އެމެރިކާގެ މަދަދު ލިބޭ އަފްޣާން ސަރުކާރުގެ ހެލިކޮޕްޓަރެއް ވެއްޓި އޭގައިތިބި އަފްޣާން ސިފައިންގެ 9 މީހުން މަރުވެފައެވެ. މި ހެލިކޮޕްޓަރު ވައްޓާލީ ތާލިބާނުންކަން އަދި ސާފެއްނުވެއެވެ. އަނެއްކޮޅުން މިއަދު ހެނދުނު އަފްޣާން ވެރިރަށް ކާބުލްގެ މަގެއްގެ މަތީގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 3 މީހުން މަރުވެ 11 މީހުންވަނީ ޒަޚަމްވެފައެވެ.

އެމެރިކާވަނީ އަފްޣާނިސްތާނުގައި 21 އަހަރުވަންދެން ހަނގުރާމަކޮށްގެންވެސް އާދައިގެ ހަތިޔާރު ހިފައިގެން އުޅޭ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުން އަސްކަރީގޮތުން ބަލި ކުރުމުގައި މުޅިން ނާކާމިޔާބުވެފައެވެ. އެމެރިކާއިން މިދިޔައަހަރު ތާލިބާނުންނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރީވެސް ތާލިބާނުން ބަލިކުރުމުގައި އެމެރިކާގެ ބާރުގަދަ ސިފައިން ނުކުޅެދުމުން ދެން ހަދާނެ އެހެން ގޮތެއް ނެތިގެންނެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލައިފިނަމަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ތާލިބާނުން އަފްޣާން ސަރުކާރު އަސްކަރީ ގޮތުން ބަލިކޮށް އެސަރުކާރު ވައްޓާލާނެކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ. އަފްޣާން ސަރުކާރަކީ އެމެރިކާގެ ހަތިޔާރާއި ލޮޖިސްޓިކް ސަޕޯޓާއި ފައިސާއާއި އެނޫންވެސް ވަސީލަތްތައް ލިބޭ ސަރުކާރެކެވެ. އަފްޣާން ސަރުކާރު ގަދަބާރުން ވައްޓާލުމަކީ ތާލިބާނުންނާއެކު އެމެރިކާ ސޮއިކުރި އެއްބަސްވުމާ ޚިލާފު ކަމެކެވެ.

ތާލިބާނުންވަނީ އަފްޣާން ސަރުކާރު ގަދަބާރުން ވައްޓާލާން މަސައްކަތްނުކުރާނެކަމުގެ ޔަގީންކަން އެއެއްބަސްވުމުގައި އެމެރިކާއަށް ދީފައެވެ. މީގެއިތުރުން އަފްޣާން ބިން ޓެރަރިޒަމްގެ ހަރަކާތްތަކަށް ބޭނުންނުކުރުމަށާއި އެހެން ގައުމުތަކަށް ނުރައްކާވާފަދަ އަމަލެއް އަފްޣާން ބިމުގައި ހިންގުމުގެ ފުރުސަތު ނުދޭނެކަމުގެ ޔަގީންކަންވެސް މިއެއްބަސްވުމުގައި ތާލިބާނުންވަނީ ދީފައެވެ. ތާލިބާނުންވަނީ މިއެއްބަސްވުމަށް އެމެރިކާ އަމަލުކުރާނެ އެޖަމާއަތުންވެސް އަމަލުކުރާނެކަމަށް ބުނެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް