ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން އާއިލާއިން ރަސްމީކޮށް އެދިއްޖެ

ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ޖަލުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އޭނާގެ އާއިލާގެ ފަރާތުން ހޯމް މިނިސްޓްރީގައި މިއަދު އެދިއްޖެ އެވެ.

އެމަނިކުފާނުގެ އާއިލާގެ ފަރާތުން އެފަދަ ހުށަހެޅުމެއް ލިބިފައިވާކަން ހޯމް މިނިސްޓްރީގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ. އެހެން ނަމަވެސް އެ ހުށަހެޅުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ހިޔާނާތުގެ ފައިސާ ލިބި އެ ފައިސާ މަނީލޯންޑަކުރިކަން ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލައި 500،000 ޑޮލަރުން ޖޫރިމަނާކުރީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ހުކުމަށް ވަނީ ހައިކޯޓުން ވެސް ތާއީދުކޮށްފަ އެވެ.

އިދިކޮޅުން ތުހުމަތު ކުރަނީ އެއީ ސިޔާސީ ހުކުމެއް ކަމަށެވެ.

މިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އަދިވެސް ހުންނަވަނީ އެމަނިކުފާނު ގެއަށް ބަދަލު ކުރަން ޖެހޭ ފަދަ ސަބަބެއް އަދި ނެތުމުން ކަމަށެވެ.

comment ކޮމެންޓް