ޓްރަމްޕްގެ މިލްކިއްޔާތު ވެރިކަމުގައި ތިން ބިލިއަން ޑޮލަރުން 2.3 ބިލިއަން ޑޮލަރަށް

އެެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ގެޓީ

ވޮޝިންޓަން (މާޗް 18): އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އޭނާގެ މިލްކިއްޔާތު ވަނީ ތިން ބިލިއަން ޑޮލަރުން 2.3 ބިލިއަން ޑޮލަރަށް ވެއްޓިފައި ކަމަށް ބްލޫމްބާގް ބިލިޔަނާސް އިންޑެކްސްއިން ދައްކައިފި އެވެ.

ބްލޫމާބާގުން ވަނީ ޓްރަމްޕް 2016 ވަނަ އަހަރު ރައީސަށްވެ ވަޑައިގަތުމުގެ ކުރިންނާއި މި އަހަރު އޭނާގެ ދައުރު ނިމުނު ފަހުން އޭނާގެ މުދަލާ ގުޅުން ހުރި މާލީ ލިޔެކިޔުންތައް ދިރާސާކޮށްފަ އެވެ. އެ ލިޔެކިޔުންތަކުގައިވާ ގޮތުން ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އޭނާގެ އޮފީސް ބިލްޑިންގުތަކާއި ހޮޓެލްތަކާއި ރިޒޯޓުތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އަދި އޭނާގެ މަތިންދާބޯޓުތަކާއި ގޮލްފް ދަނޑުތަކުގެ އަގު ވަނީ ވެއްޓިފަ އެވެ.

ބްލޫމްބާގްގައިވާ ގޮތުން ޓްރަމްޕްގެ މިލްކިއްޔާތުގެ 75 ޕަސެންޓަކީ ކޮމާޝަލް ރެއަލް އެސްޓޭޓް އެކައުންޓުތަކެވެ. އަދި ކޮވިޑް ފެތުރުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ގެއިން މަސައްކަތް ކުރަން ފެށުމުން އޭނާގެ އޮފިސް ޓަވަރުތަކުގެ އަގު ވަނީ ވެއްޓިފަ އެވެ.

މީގެ އިތުރުން، ޓްރަމްޕް އަމިއްލަ މަތިންދާބޯޓުތަކެއް ގެންގުޅުއްވިއަސް، އެއީ ދުވަސްވީ އުޅަނދުތައް ކަމުން ފާއިތުވި އަހަރުތަކުގައި އެ ބޯޓުތައް ވިއްކޭނެ އަގުވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން 2015ގައި ހަތް ބޯޓެއްގެ އަގު 59 މިލިއަން ޑޮލަރަށް އަރާ ކަމަށް އޮތް ނަމަވެސް މި އަހަރު ފަސް ބޯޓެއްގެ އަގު އަރަނީ 6.5 މިލިއަން ޑޮލަރަށެވެ.

ޓްރަމްޕްގެ މުއްސަނދިކަން ދަށަށް ދިޔަ އިތުރު ސަބަބުތަކުގެ ތެރޭގައި މިދިޔަ ޖެނުއަރީ މަހުގެ ހަޔެއްގައި އޭނާއަށް ތާއިދު ކުރާ ބަޔަކު ކޮންގްރެސްއަށް ވަދެ، ހަމަނުޖެހުން ހިންގުމުން ބައެއް ކުންފުނިތަކުން ޓްރަމްޕާ ގުޅުން ކަނޑާލުން ހިމެނެ އެވެ. އެގޮތުން އެމެރިކާގެ ޕޮރޮފެޝަނަލް ގޮލްފާސް އެސޯސިއޭޝަން (ޕީޖީއޭ) އިން ވަނީ 2022ގައި ޓްރަމްޕްގެ ގޮލްފް ދަނޑެއްގައި ގޮލްފް މުބާރާތެއް ބާއްވަން ހެދި އެއްބަސްވުން އެ ހަމަނުޖެހުމާ ގުޅިގެން އުވާލައިފަ އެވެ. އަދި 1990ގެ އަހަރުތަކުގައި ޓްރަމްޕް ބަނގުރޫޓުވުމުން އޭނާއަށް ލޯނު ދިން ހަމައެކަނި ކުންފުނި ކަމަށްވާ ޑޮއިޗް ބޭންކުން ވަނީ ކޮންގްރެސް ހަމަނުޖެހުމަށް ފަހު، ޓްރަމްޕާ ވިޔަފާރި ނުކުރާނެ ކަމަށް ބުނެފަ އެވެ.

ޓްރަމްޕްގެ ރިޔާސީ ކެމްޕޭނާއި އޭނާގެ ވެރިކަމުގައި ވެސް އޭނާގެ ވިޔަފާރީގެ މުއާމަލާތްތަކާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދައި ގާނޫނާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުކޮށްފައިވެ އެވެ. އަދި ނިއު ޔޯކްގެ ޕްރޮސެކިއުޓަރުން ގެންދަވަނީ އޭގެ ތެރެއިން ބައެއް ތުހުމަތުތައް ކަމަށްވާ ބޭންކް، ޓެކްސް އަދި އިންޝޫރެންސްއަށް މަކަރު ހެދުމާއި ސައްހަ ނޫން ވިޔަފާރީގެ ރެކޯޑުތައް ގެންގުޅުމުގެ ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް