ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ދައުވާ ކޮށްފައިވާ މީހަކަށް ޕީޕީއެމްއިން ޓިކެޓު ދީފައި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ގދ. ގައްދޫ ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެއްގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި އެފަދަ އިތުރު ދައުވާތަކެއް ކޮށްފައިވާކަން ހާމަވެއްޖެއެވެ.

ގދ، ގައްދޫ ކައުންސިލުގެ ރައީސްކަމަށް ޕީޕީއެމް ޓިކެޓުގައި ކުރިމަތިލާފައިވާ މުހައްމަދު އަހްމަދު ވަނީ މީގެ ކުރިންވެސް އެ ރަށުގެ ކައުންސިލަރުކަމުގެ މަގާމު އަދާކޮށްފައެވެ. އޭނާ ކައުންސިލުގެ މަގާމުގައި ހުއްޓާ އޭނާއަށް ވަނީ 2015 ވަނަ އަހަރު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައެވެ. އެ މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ އިރު، އެ މައްސަލަ އަދި ފަށާފައެއް ނުވެއެވެ.

އެ ރަށުގެ ކައުންސިލު ރައީސްކަމަށް ކުރިމަތިލުމަށް އޭނާއަށް ޕީޕީއެމްއިން ޓިކެޓު ދިން އިރުވެސް އޭނާއަށް އޮތީ އެ މައްސަލައިގައި ދައުވާކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ފަހުކޮޅު އޭނާ ކުޑަކުއްޖަކަށް ބޭއަދަބީ މެސެޖުތަކެއް ކޮށްގެން އެ މައްސަލައިގައި ދެ ދައުވާއެއް އުފުލާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ. އެއީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ޕަބްލިކް ޕްރޮސެކިއުޓަރ އަހްމަދު ޝަފީއު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުހައްމަދު އަހްމަދަށް ދައުވާ އުފުލާފައިވާ އިރު، އޭނާ މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި، މާފުށީ ޖަލުގައެވެ.

ގައްދުއިން ވާހަކަދެއްކި މީހަކު "ސަން"އަށް ބުނީ އޭނާ މެސެޖުކުރީ ގްރޭޑް 10 ގައި އުޅޭ ކުޑަކުއްޖަކަް ކަމަށެވެ.

"މިފަހަރު އޭނާ ހައްޔަރުކުރީ މިދިޔަ އަހަރުތެރޭ ގްރޭޑް 10 ގަ އުޅޭ ކުޑަކުއްޖަކަށް ސްނެޕުން މެސެޖުތަކެއް ކޮށްގެން އެ މައްސަލައިގައި. ކުއްޖާގެ އާއިލާ ފަރާތުން މައްސަލަ ޖެއްސީވެސް. އޭގެ [މެސެޖުތަކުގެ] ސްކްރީން ރެކޯޑިންގްތަކެއްވެސް ދައުރުވި ރަށު ތެރޭ،" އެމީހާ ކިޔައިދިނެވެ.

އަހުމަދު ކުޑަކުއްޖަކަށް ކުރިކަމަށް ބުނާ ބޭއަދަބީ މެސެޖުތަކެއް ސްކްރީން ރެކޯޑިންގްތަކެއް "ސަން" އަށްވެސް ވަނީ ލިބިފަ އެވެ. އެ މެެސެޖުތަކުގައި އޭނާ އޮރިޔާން ކާޑު ފޮނުވާފައިވާތަން ފެންނަން ހުރެ އެވެ. މައްސަލަ ރަނގަޅަށް ދަންނަ އެމީހާ ބުނި ގޮތުގައި އަހުމަދު އަކީ މީގެ ކުރިން ގައްދޫ ސްކޫލުގެ ޓީޗަރެއްގެ މަގާމުގައި ހުރެފައި ކައުންސިލަރުކަމަށް އައުމުގެ ކުރިން ރަށުގެ މުދިމްކަންވެސް ކުރި މީހެކެވެ.

މި ދައުވާތަކުގެ އެއްވެސް މައްސަލައެއް ޝަރީއަތަށް އަދި ސާބިތުނުވާތީވެ، އިލެކްޝަންސް ކޮމިޝަނުން އަދި އަހުމަދުގެ ކެންޑިޑެސީއާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ސީރިއަސް މައްސަލައެއްގައި ދައުވާ ކޮށްފައި ވަނިކޮށް ޕީޕީއެމްއިން އޭނާއަށް ކައުންސިލު ރައީސްކަމަށް ކުރިމަތިލާން ޓިކެޓު ދީފައިވާކަން ހާމަވި އިރު، މިކަމާ ބެހޭގޮތުން ޕީޕީއެމްގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.

comment ކޮމެންޓް