ބަންގްލަދޭޝްގެ ވެރިން ރާއްޖެ ވަޑައިގަތުމަށް ރައީސް ދައުވަތު ދެއްވައިފި

ރައިސް ސޯލިހު އަދި ބަންގްލަދޭޝްގެ ރައީސް އާއި ބޮޑުވަޒީރު -- ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝްގެ ރައީސް އަބްދުލްހާމިދާއި އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ޒިޔާރަތް ކުރުމުގެ ދައުވަތު ދެއްވައިފި އެވެ.

އެ ބޭފުޅުންނަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އެރުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ބަންގްލަދޭޝްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ. ބަންގުބަންދު ޝެއިހު މުޖީބުއް ރަހުމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައީސް ސޯލިހު މިއަދު ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ބަންގްލަދޭޝް ސަރުކާރުން އެ ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކުރާ މަސައްކަތް ފާހަގަ ކުރެއްވި އެވެ.

އެވާހަކަފުޅުގައި ރައީސް ވަނީ ބަންގްލަދޭޝް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު އެ ގައުމުގެ އިގުތިސާދު ކުރިއަރާ ދުވެލި ހަލުވިވެފައިވާކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އެގައުމުގެ ރައްޔިތުންގެ ބުރަ މަސައްކަތުން ގައުމުގެ އިގުތިސާދު އަލުން އާރާސްތުކޮށް، އަވަހަށް ކުރިއަރާ، ވަރުގަދަ އިގުތިސާދެއް ބިނާކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ގިނަ އެހީތަކެއް ވަމުންދާކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. އެކަމަށްޓަކާ، ރައީސް ވަނީ ބަންގަލަދޭޝްގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެގޮތުން ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ރާއްޖޭގައި ކުރިއަށްގެންދާ "ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕެއިނަށް އެހީ ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ އެއާފޯސްގެ ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ރާއްޖެ އައިސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

އެ އެހީތެރިކަން އުފަލާއެކު ބަލައިގަތް ކަމަށާއި ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އެ ކަމުން ރަމްޒުކޮށްދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް