އުދައްޔުގެ މަރު: ތިން މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކަށް ދައުވާކުރަން ފޮނުވައިފި

ގއ. މާމެންދޫގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާދިނުމުން މަރުވި އުދައްޔު

ގއ. މާމެންދޫގައި ފެބްރުއަރީ އަށްވަނަ ދުވަހު ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ތިން މީހަކާއި ކުޑަކުއްޖަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި، ތިން މީހަކާއި 18 އަހަރުންގެ ދަށުގެ ކުޑަކުއްޖަކަށް ދައުވާކުރަން މި މަހުގެ އަށްވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެ މާރާމާރީގައި މަރާލި އުދައްޔުގެ ހަށިގަނޑު މިދިޔަ މަހު 15ގައި ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށްފަހު 18ވަނަ ދުވަހު ވަނީ އަނބުރާ ރާއްޖެ ގެނެސްފަ އެވެ.

އެ މާރާމާރީގައި އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށް ވެސް ވަނީ އަނިޔާ ލިބިފަ އެވެ.

comment ކޮމެންޓް