އިންޑިއާ ކްރެޑިޓް ލައިނުން 34 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު އަޅަން އެއްބަސްވެއްޖެ

އިންޑިއާ ކްރެޑިޓް ލައިނުން 34 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު އެޅުމާ ގުޅޭ ކޮންޓްރެކްޓުގައި ސޮއިކުރުން--

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން-އޮފް-ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި އެވެ.

މިއަދު ގިޔާސުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮންޓްރެކްޓުގައި ސޮއިކުރީ ޕްލޭނިން މިނިސްޓްރީ، ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް، އެސްއެމްސީ އިންފްރާސްޓްރަކްޗާޒް ޕްރައިވެޓް ލިމިޓެޑް، ޓްރިވޭނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީޒް ލިމިޓެޑް އަދި ވިޝްވަރާޖް އެންވައަރޮމެންޓް ޕްރައިވެޓް ލިމިޓެޑްގެ މެދުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން ޓެންޑަރިން މަރުހަލާ ކުރިއަށް ގެންދިޔައި މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން-އޮފް-ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ ބޮޑު ނުވަ މަޝްރޫއުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން އެންމެ ބޮޑަށް ފެތުރިފައިވާ މަޝްރޫއުއެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮންމެ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްދިނުމަށް ވެފައިވާ ވައުދާއި ގުޅިފައިވާ މަޝްރޫއުއެކެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއުއަށް ހޮވާފައިވާ 34 ރަށަކީ 16 އަތޮޅަކަށް ނިސްބަތްވާ ރަށްތަކެވެ. އޭގެ ތެރޭގައި ހއ، ހދ، ށ، ނ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، އަދި ގދ އަތޮޅުގެ ރަށްތައް ހިމެނެއެވެ.

އެ މަޝްރޫއުގެ އަގަކީ 109.8 މިލިއަން ޑޮލަރު (1.69 ބިލިއަން ރުފިޔާ) އެވެ.

އިންޑިއަން ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި މެދުނުކެނޑޭނެހެން، އަދި ރައްކާތެރިކޮށް ސާފު ފެނުގެ ސަޕްލައި މަގުފަހިކޮށްދޭނެ މި މަޝްރޫއުގެ ފައިދާ ސީދާ ގޮތުން 34 ރަށެއްގެ 35،000 ރައްޔިތުންނަށް ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދުކުރާ އެ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެ މަޝްރޫއު ބަހާލާފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ؛

  • ވާރޭފެން ރައްކާކޮށް، ބޯން ކަމުދާ ފެނަށް ބަދަލުކުރުން
  • ލޮނުފެން ޑީސެލިނޭޓްކޮށް ސަޕްލައިކުރުން
  • ނަޖިސް އެއްކޮށް، ރައްކާތެރިކަމާއިއެކު ނައްތާލުން

ހައި ކޮމިޝަނުން ބުނީ އެ މަޝްރޫއުގެ ދަށުން 34 ރަށުގައި ފެނުގެ ނިޒާމު ގާއިމްކުރެވުމުން، އެ ރަށްތަކުގެ ފެނުގެ ނިޒާމު މެދުވެރިކޮށް ވަށައިގެންވާ ރަށްތަކާއި އަތޮޅުތަކަށް ހޫނު މޫސުމުގައި ފެނަށްޖެހޭ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ސަބަބުން ލިބޭ ފައިދާތަކުގެ ތެރޭގައި ބޯ ފެން ގަތުމަށް ކުރާ ހޭދަ ކުޑަވުމާއި ހޫނު ގަދަވުމުގެ ސަބަބުން އެމަޖެންސީ ހާލަތްތަކުގައި ރަށްތަކަށް ފެންފޯރުކޮށްދިނުމަށް ކުރަންޖެހޭ ހަރަދު ކުރަން ނުޖެހުމާއި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުވުން އަދި ދިރިއުޅުމުގެ ފެންވަރު ރަގަޅުވުމާއި، ރަށުގެ އިގްތިސާދަށް ކުރިއެރުން ލިބުން ހިމެނޭ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން-އޮފް-ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ ބޮޑު ނުވަ މަޝްރޫއުގެ ތެރެއިން ކޮންޓްރެކްޓް ހަވާލުކުރެވޭ ދެވަނަ މަޝްރޫއުއެވެ. އެންމެ ފުރަތަމަ ހަވާލުކުރީ އައްޑޫގެ މަގުތައް ތަރައްގީކޮށް ޑްރެއިނޭޖް ސިސްޓަމްތައް ގާއިމްކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ކޮންޓްރެކްޓެވެ.

ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި – ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) އަދި ހަނިމާދޫ ބައިނަލްއަގްވާމީ އެއާޕޯޓް ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު ފަދަ – އިތުރު އެލް.އޯ.ސީ މަޝްރޫއުތަކުގެ ކޮންޓްރެކްޓްތައް ހަވާލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް