ގެސްޓްހައުސް ވިޔަފާރީގައި ބިދޭސީންނަށް ބައިވެރިވެވޭގޮތަށް ހަދައިފި

ހުޅުމާލޭގެ ގެސްޓްހައުސެއް -- ސަން ފައިލް ފޮޓޯ

ގެސްޓްހައުސް ވިޔަފާރީގައި ބިދޭސީންގެ ހިއްސާ ބޭއްވޭނެހެން ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ރާއްޖޭގައި ޓޫރިސްޓު ގެސްޓްހައުސް ހިންގުމާ ބެހޭ ގަވައިދަށް އިސްލާހު ގެނެސް އެ އިސްލާހު ގެޒެޓު ކޮށްފައެވެ.

މީގެ ކުރިން ގަވައިދު ބުނާގޮތުން ޓޫރިސްޓު ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރާނީ ދިވެހި ރައްޔިތުންނަށާއި ބިދޭސީން ނުހިމެނޭހެން ޕާޓްނާޝިޕް ގާނޫނުގެ ދަށުން އުފައްދާފައިވާ ޕާޓްނާޝިޕްތަކަށާއި ކުންފުންޏާ ބެހޭ ގަވައިދުގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށެވެ.

މިއަދު ބަދަލު ގެނެސް ގެޒެޓު ކުރި އިސްލާހު ބުނާގޮތުން ގެސްޓު ހައުސް ހިންގުމުގެ ހުއްދަ ދޫކުރާނެ ފަރާތްތަކުގެ ތެރޭގައި ރާއްޖެއިން
ބޭރުގެ ފަރާތްތަކުން ހިއްސާވާ ކުންފުނިތަކަށާއި ޕާޓްނާޝިޕްތަކަށް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޭނެއެވެ.

މިގޮތަށް ހުއްދަ ދޫކުރާނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓު ކުރެވޭނެ ކަމަށް އެ ޕޮލިސީގައި ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރުނުވާ ގޮތުގެ މަތިން ކަމަށް ގަވައިދު ބުނެ އެވެ.

އެ ޕޮލިސީ ބުނާގޮތުން ގެސްޓްހައުސް ހިންގުމަށް ބޭރުގެ ފަރާތްތަކުން ހިއްސާވާ ކުންފުނިތަކަށާއި ޕާޓްނާޝިޕްތަކުގައި ބޭރުގެ ފަރާތްތަކުގެ އޮންނަން ޖެހޭނީ 49 ޕަސެންޓް ހިއްސާ އެވެ.

comment ކޮމެންޓް