ސައިފުގެ ފްރީ ސްޓައިލިންގް ޕްރޮގުރާމު އަތޮޅު ތެރެއަށް

ހިރިލަންދޫގައި ސައިފް ކުރިއަށްގެންދިޔަ ފްރީ ސްޓައިލް ޓްރެއިނިންގް ކޭމްޕުގެ ތެރެއިން --- ފޮޓޯ//ސައިފް

ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ފްރީ ސްޓައިލަރު، މުހައްމަދު ސައިފް ޒާހިރު އެކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ތެރެއިން ތ. ހިރިލަންދޫގައި ޓްރެއިނިންގް ކޭމްޕެއް ބާއްވައިފި އެވެ.

ރާއްޖޭގައި ފްރީ ސްޓައިލް ކުރާ ފަރާތްތަކުގެ ތެރެއިން ސައިފް އަކީ އެންމެ ފާހަގަ ކޮށްލެވޭ އެއް ނަމެވެ. ރާއްޖެ ތަމްސީލްކޮށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް އޭނާ މީގެ ކުރިން ވާދަކޮށްފައި އެބަހުއްޓެވެ. އަދި އެހެންމެ އަމިއްލައަށް އިސްނަގައިގެން މާލެއާއި އަތޮޅު ތެރޭގައި އެކަމަށް ޝައުގު ހުންނަ ކުދިންނަށް ސައިފް އަންނަނީ އެހީތެރިކަން ފޯރުކޮށްދީ، ޓްރެއިނިންގް ޕްރޮގުރާމްތައް ވެސް ހިންގަމުންނެވެ.

ހިރިލަންދޫގައި ސައިފް ކުރިއަށްގެންދިޔަ ފްރީ ސްޓައިލް ޓްރެއިނިންގް ކޭމްޕުގެ ތެރެއިން --- ފޮޓޯ//ސައިފް

އެގޮތުން ސައިފްގެ އެންމެ ފަހުގެ ޕްރޮޖެކްޓަކީ އަތޮޅުތެރެއަށް ހާއްސަކޮށްގެން ފްރީސްޓައިލިންގް ކޯސްތަކެއް ކުރިއަށް ގެންދިއުމެވެ. އެއާ އެކު ހިރިލަންދޫގައި މިހާރު ސައިފް ވަނީ އެފަދަ ޓްރެއިނިންގް ޕްރޮގުރާމެއް ކުރިއަށް ގެންގޮސް ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ.

މިޑް ޓާމް ޗުއްޓީ އާ ދިމާކޮށް އެ ރަށުގައި ސައިފް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ބައިވެރިވީ ހަތް އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނެވެ. ރަށުގެ ރަނގަޅު ތަރުހީބެއް ލިބިގެން ދިޔަ މި ޓްރެއިނިންގް ޕްރޮގުރާމުގައި ޖުމްލަ 23 ކުދިން ވަނީ ބައިވެރި ވެފައެވެ. އެއީ 22 ފިރިހެންކުދިންނާއި އަންހެން ކުއްޖެކެވެ.

ފަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ފްރީސްޓައިލް ބޭސިކް ސްކިލްސް އާއި ގްރައުންޑް މޫވްސްގެ އިތުރުން ސްޓްރީޓް ސޮކާ ސްކިލްސް އަދި ޓްރިކްސް ވަނީ ބައިވެރިންނަށް ދަސްކޮށްދީފަ އެވެ. އަދި ކޮންމެ ކުއްޖަކަށް ސެޓްފިކެޓްވެސް ވަނީ ހަވާލުކޮށްފަ އެވެ.

"ސަން" އާ ވާހަކަ ދައްކަމުން ސައިފް ބުނީ މި ޕްރޮގުރާމު ހިންގުމަށް ތ. ހިރިލަަންދޫ ކައުންސިލުން ދިން އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށާއި މިހާރު ވެސް އިތުރު ރަށްރަށުން މި ޕްރޮގުރާމު ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"ކޮވިޑްގެ ސަބަބުން ދިމާވެފައި މިއޮތް ދަތިތަކާ އެކު އެހާ ގިނަ ރަށްރަށަށް ދަތުރު ކުރެވޭކަށް އަދި ނެތް. ތ. ހިރިލަންދޫގައި މި ކުރިއަށް ގެންދެވުނު ކޯސް ވަރަށް ވެސް ކާމިޔާބު. ކޯހުގެ ބައިވެރިންގެ ޝައުގުވެރިކަން މިކަމަށް ހުރިކަން ފާހަގަވި. މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ކުދިން ވެސް ވަރަށް ތަފާތު ދެއްކި. ރާއްޖޭގައި މިކަހަލަ އިތުރު ފުރުސަތުތައް ލިބުމަކީ އުންމީދެއް." ސައިފް ބުންޏެވެ.

ރާއްޖޭގައި ބޭއްވި ރެޑްބުލް ސްޓްރީޓް ސްޓައިލުން ދެ ފަހަރު ޗެމްޕިއަންކަން ހޯދައިފައިވާ ސައިފް ރާއްޖޭގައި ފްރީ ސްޓައިލް ކުރިއެރުވުމަށް އޭނާގެ އަމިއްލަ ބްރޭންޑެއް ތައާރަފް ކުރީ މިދިޔަ އަހަރު އެވެ.

comment ކޮމެންޓް