ރަޝިއާއިން އެމެރިކާގެ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށްވެސް ނުފޫޒު ފޯރުވަން އުޅުނު

ރަޝިއާއިން އެމެރިކާގެ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށްވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނޭ --- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މާޗް 17): ރަޝިއާއިން އެމެރިކާގެ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށް ވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް އެމެރިކާގެ ޖާސޫސީ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އޮފިސް އޮފް ދަ ޑިރެކްޓާ އޮފް ނެޝަނަލް އިންޓެލިޖެންސް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ރަޝިއާއާ ގުޅުން ހުރި ބަޔަކު، ރައީސް ޖޯ ބައިޑެންއާ ބެހޭ ގޮތުން ސާބިތު ނުކުރެވޭ ނުވަތަ އޮޅުން އަރާ ފަދަ ތުހުމަތުތައް ފެތުރި އެވެ. އަދި އެގައުމުގެ އިންތިހާބީ ނިޒާމަށް އޮތް އިތުބާރު ކުޑަ ކުރުމުގެ ކެމްޕޭނެއްވެސް ކުރިއަށްގެންދިޔަ އެވެ.

މީގެ އިތުރުން، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެވަނަ ދައުރެއް ލިބުމުގެ ފުރުސަތު ބޮޑު ކުރަން ރަޝިއާއިން މަސައްކަތް ކުރި އިރު، އޭނާއަށް އޮތް ތާއިދު ކުޑަ ކުރަން އީރާނުން ސިއްރު ކެމްޕޭނެއް ކުރިއަށްގެންދިޔަ ކަމަށްވެސް އެ ރިޕޯޓުގައިވެ އެވެ. ނަމަވެސް ވޯޓުލުމުގެ މަރުހަލާތަކަށާއި ފަހު ނަތީޖާއަށް ބޭރުގެ ފަރާތަކުން ބާރު ފޯރުވާފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެމެރިކާގައި މިދިޔަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބައިޑެން ކާމިޔާބު ކުރެއްވީ 51.3 ޕަސެންޓު ވޯޓުންނެވެ. އަދި ޓްރަމްޕަށް ލިބުނީ 46.9 ޕަސެންޓު ވޯޓެވެ.

މީގެ ކުރިން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ އެގައުމުގެ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރަޝިއާގެ ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ބުނެފަ އެވެ. އެގޮތުން ޓްރަމްޕަށް އޮތް ތާއިދު އިތުރުކޮށް، އޭނާއާ ވާދަ ކުރެއްވި ހިލަރީ ކްލިންޓަން އަށް އޮތް ތާއިދު ކުޑަ ކުރަން އެގައުމުން މަސައްކަތް ކުރި ކަމަށް ޖާސޫސީ ރިޕޯޓުތަކުގައިވެ އެވެ.

comment ކޮމެންޓް