ކެލާ ތުނޑީގައި 100 ކޮޓަރީގެ ހޮޓަލެއް އެޅުމަށް ފެޑޯ އަށް

ކެލާ ގައި ޓޫރިސްޓު ހޮޓާ ގާއިމް ކުރުމަށް ލީޒް އެގްރިމެންޓުގައި ސޮއިކުރުން -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ހއ. ކެލާގައި 100 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް އެޅުމަށް ފެޑޯ ހޯލްޑިންގްސް އާއެކު ސޮއިކޮށްފިއެވެ.

ކެލާ ތުނޑި ސަރަހައްދުގައި ޓޫރސްޓު ހޮޓާ ގާއިމް ކުރުމަށް 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދު ވަނީ ކަނޑައަޅައިފައެވެ.

ފެޑޯ ހޯލްޑިންގްސް އިން ބުނީ ކެލާގައި ތަރައްގީ ކުރާ ޓޫރިސްޓު ހޮޓަލުން ފުލް ފްލެޖު ރިސޯޓަކުން ލިބޭ ހުރިހާ ހިދުމަތެއްވެސް ލިބޭނެ ކަމަށާއި އެތަން ތަރައްގީ ކުރަން ނިންމާފައިވަނީ ރާއްޖޭގައި މިހާތަނަށް އެފަދަ ފެސިލިޓީ އެއް ގާއިމްކޮށްފައި ނުވާ ތަފާތު ކޮންސެޕްޓަކަށް ކަމަށެވެ.

އެކަމުގެ ތަފްސީލް، ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ވަރަކުން ހިއްސާ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ކެލާ ޓޫރިސްޓު ހޮޓަލުގައި ބީޗް ވިލާ އާއި ވޯޓާ ވިލާ އަދި ޑައިވް ސެންޓަރާއި ވޯޓާ ސްޕޯޓްސް ސެންޓަރު ހުންނާނެ. މީގެ ތަފާތަކީ މީހުން ދިރިއުޅޭ ރަށެއްގައި މިތަން ގާއިމް ކުރުން. ހަމަ ފުލް ފްލެޖު ރިސޯޓަކުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ،" ފެޑޯ އިން ވާހަކަ ދެއްކެވި އޮފިޝަލު ވިދާޅުވިއެވެ.

ފެޑޯ ހޯލްޑިންގްސް އިން ބުނީ އެންމެ އިސްކަންދޭނީ ދިވެހިންނަށް ވަޒީފަގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ފެޑޯ ހޯލްޑިގްސް އާއެކު މިއަދު ލީޒް އެގްރިމެންޓުގައި ސޮއިކޮށްފައިވާއިރު އެ ރަށުގައި ޓޫރިސްޓު ފެސިލިޓީ ތަރައްގީ ކުރުމަށް އިތުރު ބިންތަކެއް ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން އެރަށުގައި ދެ ޓޫރިސްޓު ހޮޓަލާއި 12 ގެސްޓްހައުސް އެޅުމަށް 10،000 އަކަފޫޓާއި 5000 އަކަފޫޓުގެ ބިން ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް