މެސީގެ ތާރީހީ މެޗުގައި ބާސެލޯނާއަށް ބޮޑު މޮޅެއް

ބާސެލޯނާއާއި ހުއެސްކާ ކުޅުނު މެޗުގެ ތެރެއިން: މި މެޗުން ބާސެލޯނާ މޮޅުވީ 1-4 އިން --- ފޮޓޯ//އޭޕީ

ބާސެލޯނާގެ ސީނިއާ ޓީމަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެދިން 767 ވަނަ މެޗުގައި ހުއެސްކާ ކޮޅަށް ހަތަރު ގޯލު އެ ޓީމުން ޖަހައިފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން މިވަގުތު ސްޕެނިޝް ލީގު ތާވަލުގެ ފުލުގައި އޮތް ހުއެސްކާ އަތުން ހޯމް ޓީމު ކުރި ހޯދީ 1-4 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު މޮޅާ އެކު، ބާސެލޯނާއިން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އެގޮތުން އެތުލެޓިކޯއަށް ކުޅުނު 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބާސާއަށް ކުޅުނު 27 މެޗުން ވަނީ 59 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 27 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ.

ލީގުގައި މިއަހަރު ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިނުވެ އޮތް ޔޫރޮޕުގެ ގަދަ ފަސް ލީގުގެ ޓީމު ކަމަށްވާ ބާސެލޯނާއިން ރޭގެ މެޗަށް ނުކުތީ ފަހަކަށް އައިސް އެ ޓީމުން ބޭނުން ކުރަމުން އަންނަ 3-5-2 ފޯމޭޝަނުގަ އެވެ.

ބާސެލޯނާ އިން ލީޑުނެގީ މެޗުގެ 13 ވަނަ މިނިޓްގައި މެސީ ޖެހި މޮޅު ގޯލުންނެވެ. މެސީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ބާސެލޯނާެ ލީޑުފުޅާކޮށްދިނީ ޕެޑްރީ ދިން ބޯޅައަކުން އެންޓޮއިން ގްރީޒްމަން އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހުއެސްކާގެ ރަފާ މިރް ވަނީ ލަނޑެއް ޖަހައިފަ އެވެ.

އެކަމަކު މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުއެސްކާއިން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފާ މިރެވެ. މިއީ އޭރިއާ ތެރެއިން ރަފާއަށް ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގެން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފު ފަށައިގެން ބާސެލޯނާ އިން ވަނީ އަނެއްކާ ވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާ، ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލަކީ އޮސްކާ މިންގުއޭޒާ ޖެހި ގޯލެކެވެ. ފަހަކަށް އައިސް ބާސެލޯނާގެ ފުލް އެގާރައިން ޖާގަ ހޯދަމުން އަންނަ މިންގުއެޒާ ރޭ ޖެހި ގޯލަކީ އޭނާ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ބާސެލޯނާގެ ފަހު ގޯލަކީ ވެސް މެސީ ޖެހި ގޯލެކެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް އޭނާ ގޯލާ އަމާޒު ކޮށްލި އިރު، ރޭގެ މެޗަކީ މެސީއަށް ތާރީހީ މެޗެކެވެ. ރޭގެ މެޗާ އެކު އުމުރުން 33 އަހަރުގެ މެސީ ވަނީ ހުރިހާ މުބާރާތެއްގައި ބާސެލޯނާ އަށް 767 މެޗު ކުޅެގެން ކުރީގެ އެއް ވަނަ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.

comment ކޮމެންޓް