އެސްޓީއޯއިން ވިއްކާ ޑީސަލްއާއި ޕެޓްރޯލުގެ އަގު ބޮޑުކޮށްފި

ފެބްރުއަރީ 24، 2021: ހުޅުމާލޭ ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯ އިން ވިއްކާ ޑީސެލް އާއި ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން އަގުބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނިން ވިއްކާ ޑީސެލް އާއި ޕެޓްރޯލް އަގުބޮޑުކުރަން ޖެހުނީ މީގެ ހަތަރު މަސް ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރި މިންވަރާ އަޅާބަލާ އިރު މިހާރު ތެޔޮ ފީފާއެއްގެ އަގު ދެގުނަ ބޮޑުވެފައި ވާތީ ކަމަށެވެ.

އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ އެކު އެސްޓީއޯ އިން ދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، މިއަދުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމާ އެކު ޑީސެލް ލީޓަރެއްގެ އަގު ވަނީ 9.19 ރުފިޔާ އިން 9.97 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ކުރިން 8.44 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 8.85 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

comment ކޮމެންޓް