އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރަނީ

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން، ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ކޮންޓެއިނާ ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއު ކުރިއަށް ގެންދަން ރާވާފައި އޮތީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނާ ބޯޓުފަހަރަށް ހިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައި ކަމަށެވެ.

މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތުފާލަމެއް ގާއިމުކުރާނެ ކަމަށާއި އަދި އަހަރަކު 1.8 މިލިއަން ކޮންޓެއިނަރު ހެންޑަލް ކުރުމުގެ ކެޕޭސިޓީ ގާއިމުކުރަން އަމާޒު ހިފާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އެ މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް މިނިސްޓްރީން ވަނީ އަންދާޒާ ކޮށްފަ އެވެ.

މިނިސްޓްރީން ބުނީ ޓްރާންޝިޕްމެންޓް ބަނދަރު ތަރައްގީކުރަން ރާވާފައިވާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާއި ވަރަށް ކައިރި ސަރަހައްދަކަށް ވާތީ، އެ ސަރަހައްދަކީ އެފަދަ ބަނދަރެއް ގާއިމުކުރަން އެކަށީގެންވާ ސަރަހައްދެއް ކަމަށް އެކަމާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުއަކީ ދުނިޔޭގެ ބޮޑެތި ކޮންޓެއިނަރު ޓާމިނަލް އޮޕަރޭޓަރުންނާއި ޝިޕިން ލައިންތަކުން ދެކުނު އޭޝިއާ ސަރަހައްދުގައި އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށާއި އެ ސަރަހައްދުގެ އެހެނިހެން ޓްރާންޝިޕްމަންޓް ބަނދަރުތަކާ ވާދަކުރުމަށް ހުޅުވިގެންދާނެ ފުރުސަތެއް ކަމަށެވެ.

އަދި މަޝްރޫއު ކާމިޔާބުކަމާއެކު ތަންފީޒު ކުރެވިއްޖެނަމަ ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އިގްތިސޯދީ ތަރައްގީ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިގްތިސޯދީ ވަރުގަދަ ހަބެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ތަފާތު އެހެނިހެން ސިނާއަތްތައް ފުޅާކުރުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި، އެއީ އެތައް ދިވެހިންނަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ މަޝްރޫއު އަކަށް ވާނެތީ، އެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް