ދުވަސް ނުފުރާ ވިހެއި ކުއްޖަކު މަރުވަންދެން ބޭއްވި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ދުވަސް ނުފުރާ ވިހެއި ކުޑަކުއްޖާގެ އާއިލާ މީހުން އެ ކުއްޖާއާއެކު --

އައިޖީއެމްއެޗްގައި ދުވަސްނުފުރާ ވިހެއި ކުޑަކުއްޖަކު މަރުވަންދެން ފަރުވާ ނުދީ ބޭއްވި ކަމަށް ބުނެ އެ ކުއްޖާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާބަނޑު އަންހެނަކު ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންގޮސް ބާއްވާފައި އޮއްވާ، މިދިޔަ ހޮނިިހިރު ދުވަހުގެ ރޭ އޭނާ ވަނީ ބަނޑަށް ފަސް މަހުގައި ވިހައިފަ އެވެ. އޭނާ ވިހެއީ، ފާހާނާއަށް ގޮސް ހުއްޓައި، ކުއްލިއަކަށް ވިހާހެން ހީވެގެން އެތާ ތެރޭގައި ނަރުހުންތަކެއްގެ އަތް މައްޗަށް ކަމަށް އެ އަންހެން މީހާގެ އާއިލާއިން ވަނީ ބުނެފަ އެވެ. އާއިލާއިން ބުނި ގޮތުގައި އެކަން ދިމާވީ ފައިބްރޮއިޑެއް އުފެދިފައި ހުރުމުގެ ސަބަބުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ 9:15ގައި ވިހެއި އެ ކުއްޖާއަށް ފަރުވާ ނުދީ ބޭއްވުމުގެ ސަބަބުން، ފަތިހު 3:26 ގައި އެ ކުއްޖާ މަރުވެފައިވާ ކަމަށް އެ ކުއްޖާގެ ބޮޑު ބޭބެ ކިޔާ މީހަކު "ސަން"އަށް މައުލޫމާތު ދީފަ އެވެ.

އޭނާ ކިޔައިދިން ގޮތުގައި، ވިހެއުމަށްފަހު ދަރިފުޅުގެ ފޫޅުގައި ދައްޗެއްވެސް ނުޖަހައި ގޮވައިގެން ގޮސް ބޭއްވީ ވޯޑުގައި ކުޑަކުދިން ދޮވެ ނެޕީ ބަދަލުކުރާ ތަނުގަ އެވެ. އެ ކުއްޖާ ބާއްވާފައި އޮތީ ޓްރޮލީއެއްގެ މަތީގައި ނޫކުލައިގެ ފޮތިގަނޑެއް އަޅާފައި އޮތް ޓްރޭއެއްގެ ތެރޭގައި، ހާމައަށް ކަމަށް އޭނާ ބުންޏެވެ. އަދި ބާއްވާފައި އޮތީ ވިހެއި ގޮތަށް ނުވެސް ދޮވެ ކަމަށް ބުންޏެވެ.

ދުވަސް ނުފުރާ ވިހެއި ކުޑަކުއްޖާ ޓްރޭއެއްގެ ތެރޭގައި ބާއްވާފައި: އެ ކުއްޖާއަށް ފަރުވާ ނުދޭ ކަމަށް އާއިލާއިން ބުނޭ --

އެ ކުއްޖާ ހަރަކާތް ކުރި ކަމަށާއި، ނޭވާލައި ހެދި ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެކަން ނަރުހުންވެސް ކަށަވަރުކޮށްދިން ކަމަށް ބުންޏެވެ.

"ލޮލަށް ފެނުނީމަ ރީއްޗަށް އެނގޭ އަނގައާ އެއްޗެހި ހުޅުވައި، ހަރަކާތް ކުރޭ. ބޭބީ ނޭވާލާ. އަޅުގަނޑު ބުނިން ބޭބީ ރަނގަޅުހޭ. ދެން ބުނި އާން ވިންދުވެސް ހުރެއޭ، ނޭވާލައޭ ބޭބީ ރަނގަޅޭ. ބުނީމަ އަޅުގަނޑު ބުނިން ނަރުހުން ގާތުގައި ފިނިވާނެ ނޫންހޭ ބޭބީއަށް. ބުނީމަ ބުނި ފޮތިގަނޑު އޮޅާލާށޭ،"

ފިނިވާނެތީ އެ ކުއްޖާގެ ގައިގައި ފޮތިގަނޑެއްވެސް އޮޅީ އޭނާ އަމިއްލައަށް ކަމަށް ކުއްޖާގެ ބޮޑު ބޭބެ ކިޔައިދިނެވެ.

އޭނާ އެންމެ ފުރަތަމަ ހީކުރީ އެ ކުއްޖާ ބާއްވާފައި އޮތީ ފަރުވާ ދިނުމަށް ކަމަށެވެ. ނަމަވެސް، ފަރުވާދޭތަން ނުފެނުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ. ކަންބޮޑުވުން ފާޅުކުރުމުން، އެ ކުއްޖާގެ ބަރުދަނުގައި 300 ގްރާމު ހުރުމުން، ދިރި ހުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާ ހަވާލާދީ ނަރުހުން ބުނި ކަމަށް އޭނާ ކިޔައިދިނެވެ.

ދުވަސް ނުފުރާ ވިހެއި ކުޑަކުއްޖާ: އެ ކުއްޖާއަށް ފަރުވާ ނުދީ މަރުވަންދެން ބޭއްވީ ކަމަށް އާއިލާއިން ބުނޭ --

އެހެން ބުނުމުން، ކުއްޖާ ސަލާމަތް ވުމުގެ ފުރުސަތު ކިތަންމެ ކުޑައަސް އެ ކަމަށް މަސައްކަތް ކުރަން ބޭނުންވާ ވާހަކަ ބުނި ކަމަށާއި، ނަމަވެސް، އެހެން ބުނުމުންވެސް ފަރުވާ ނުދޭ ކަމަށް އޭނާ ކިޔައިދިނެވެ.

"ދެން އަޅުގަނޑު ބުނިން ކިހިނެއްހޭ ހަދަނީ. އަޅުގަނޑު ބުނިން ޗާންސް ކުޑައަސް ބޭނުމޭ ޗާންސް ނަގަން. ބުނީ ނިޔާވީމައޭ ކަމެއް ކުރެވޭނީ،" އޭނާ ކިޔައިދިނެވެ.

ކުއްޖާގެ ބޮޑުބޭބެ ބުނީ ނަރުހުންގެ ގާތުގައި ވާހަކަ ދެއްކުމުގެ ބަދަލުގައި އިސް މަގާމެއްގެ ބަޔަކާ ވާހަކަ ދައްކައިގެން ނޫނީ އެކަން ނުކުރެވޭނެ ކަމަށް ގަބޫލު ކުރެވުނު ކަމަށެވެ. އެހެންކަމުން، އައިޖީއެމްއެޗްގެ މެނޭޖަރަކަށް ގުޅައިގެންވެސް ކުއްޖާއަށް ފަަރުވާ ދެވޭނެ ގޮތެއް ހަމަޖައްސައިދެވޭތޯ ބެލި ކަމަށް އޭނާ ކިޔައިދިނެވެ. އަ

އައިޖީއެމްޗްގެ މެނޭޖަރަކާ އެ މައްސަލަ ހިއްސާ ކުރުމުން، އެ ކުއްޖާ ކުރިން ލާފައި އޮތް ފޮތިގަނޑުން ނަގައިގެން ހުދު ކުލައިގެ ފޮތިކޮޅެއް ބެޑްޝީޓަކަށް ލައި، ފޮތި އޮޅާފައި، ބޯދޮށަށް ބާލީހެއްގެ ގޮތުގައި ބެންޑޭޖެ ކޮޅެއް ލުމަށް ފަހު ނާސިން އޭރިއޭގައި ބޭއްވި ކަމަށް އޭނާ ބުންޏެވެ. އެކަމަކު، އޭނާ ބުނި ގޮތުގައި އެ ފަހުންވެސް ފަރުވާ ނުދެ އެވެ.

"ބޭބީއަކަށް ނެތް އެއްވެސް އެއްޗެއް ގުޅާފައެއްވެސް، އެއްވެސް ފަރުވާއެއްވެސް ނުދީ ބާއްވާފައި އޮތީ،"

ހަމަ އެގޮތަށް ބާއްވަނީތޯ އޭނާ ސުވާލު ކުރުމުން، ކުއްޖާ ބާއްވާފައި އޮތީ ޑެތު ޑިކްލެއާ ކުރަން ނުވަތަ މަރު ސާބިތުވަންދެން ކަމަށް ބުނި ކަމަށްވެ އެވެ.

"ދިރޭ ފުރާނައެއް، ރަނގަޅަށް ނޭވާލާ ވިންދު ޖަހާ ކުއްޖެއް އެކަމަކު ފަސް މަހުގައި ވިހެއި، ބަރުދަން ލުއިވީމަ މަރު ސާބިތު ކުރަން ބާއްވާފައި،" އޭނާ ބުންޏެވެ.

އެ ރޭ ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި، ރައީސް އޮފީހުގެ ބައެއް އިސް އޮފިޝަލުންނަށްވެސް ގުޅައިގެން ދިމާވެގެން އުޅޭ މައްސަލަ ކިޔައިދީ ކުއްޖާއަށް ފަރުވާ ދޭނެ ގޮތެއް ވޭތޯ ބެލި ކަމަށް އޭނާ ބުންޏެވެ.

އެ ފަރާތްތަކުގެ އެހީ ލިބުނަސް އެ ކުއްޖާއަށް ފަރުވާ ނުލިބި ފަތިހު މަރުވީ އެވެ. އެ ރޭ 3:26ގައި އީސީޖީއެއް ހަދާފައި ކުއްޖާ މަރުވިކަން ހޮސްޕިޓަލުން އެންގި އެވެ.

"ނޭވާވެސް ލާ އަމިއްލައަށް، މޫވް ކުރޭ. އެކަމަކު މި މީހުން އަހަރެމެން ކުރިމަތީގައި ފިނީގައި އެކްސްޕޯސް ކޮށްފައި ބާއްވައިގެން ފަރުވާއެއް ނުދީ، ދަރިފުޅު މަރާލީ،"

"މަރުވީމަ ދެން އައިސްފަ ބުނަނީ މަންމަ ބޭނުންހޭ ދަރިފުޅު އުރާލަން،"

އެ ކުއްޖާގެ ބޮޑު ބޭބެ ސިފަ ކުރި ގޮތުގައި އެއީ ގަސްތު މަރެކެވެ. އޭނާ ވަނީ އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުގައި ޖެއްސުމަށް ނިންމައިފަ އެވެ.

ބަނޑަށް ފަސް މަހުގައި ވިހެއި ކުޑަކުއްޖާ މަރުުވުމުން ވަޅުލަނީ --

ފުލުހުން ބުނި ގޮތުގައި އެ ފަދަ މައްސަލައެއް ފުލުހަށް އަދި ހުށަހަޅާފައި ނުވެ އެވެ. އަދި އެފަދަ މައްސަލަތައް އެންމެ ފުރަތަމަ ބަލަން ޖެހޭނީ ހެލްތު މިނިސްޓްރީއިން ކަމަށް ބުންޏެވެ.

މަރުވި ކުއްޖާއަށް ފަރުވާ ނުދޭ ކަމެއް ނުވަތަ ނޫން ކަމެއް އައިޖީއެމްއެޗްއިން ސާފުކޮށެއް ނުދެ އެވެ. އަދި އެ ކުއްޖާއަށް ފަރުވާ ނުދޭ ނަމަ ނުދިނީ ކީއްވެ ކަމެއްވެސް އެ ހޮސްޕިޓަލުން ސާފުކޮށްނުދެ އެވެ. އައިޖީއެމްއެޗްއިން ސުވާލުތަކަށް ޖަވާބު ނުދޭތީ ދުވަސް ނުފުރާ ކުޑަކުދިންނަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން ގެންގުޅޭ އުސޫލެއްވެސް އެނގިފައި ނުވެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ، އެކަން އެ ހޮސްޕިޓަލުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެންކަމުން، އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ނުދެވޭނެ ކަމަށާއި، މައްސަލަ ބަލައި ނިިމުމުން ހޮސްޕިޓަލުގެ ބަހެއް އާންމު ކުރާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

comment ކޮމެންޓް