ސިވިލްސާވިސްގެ ބިލު ހުށަހެޅީ އެންމެ ގާބިލު މީހާއަށް ވަޒީފާ ދެވޭ ގޮތަށް: ރޮޒައިނާ

ރޮޒައިނާ: އޭނާ ވިދާޅުވީ، ސީއެސްގެ ބިލު ހުށަހެޅީ އެންމެ ގާބިލު މީހާއަށް ވަޒީފާ ދެވޭ ގޮތަށް ކަމަށް --- ފޮޓޯ/ މަޖިލިސް

ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅީ، އެންމެ ގާބިލު މީހާއަށް ވަޒީފާ ދެވޭ ގޮތަށް ކަމަށް އެ ބިލު ހުށަހެޅުއްވި އައްޑޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރޮޒައިނާ ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

އިސްލާހުގެ ތެރޭގައި ގާނޫނުގައި ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އިސްކަންދޭންވާނީ ތައުލީމީ މީހާއަށް ވަޒީފާ ދޭން ލާޒިމް ކުރާ ފަސް ވަނަ މާއްދާގެ (ބ) އުނިކުރަން ހިމަނާފައިވެ އެވެ.

ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ):

ދިވެހި ސިވިލް ސާވިސްގައި މަސައްކަތްކުރުމަށް ވަޒީފާ ދޭންވާނީ ތިރީގައިވާ ގޮތުގެ މަތިން އެމީހުންގެ ގާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގަ އެވެ.

(1) ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އިސްކަންދޭން ވާނީ އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަކަށެވެ.

(2) ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިލްމީ ފެންވަރު އެއްވަރުވެއްޖެ ހާލަތެއްގައި އިސްކަންދޭންވަނީ އެ ދާއިރާއެއްގެ މަސައްކަތުގެ ފެންވަރާއި ތަޖުރިބާގެ މައްޗަށް ބަލާ އެންމެ ރަނގަޅު ފަރާތަށެވެ.

އެ މާއްދާ އުނިކުރަން ހުށަހެޅުމުން ބައެއް ފަރާތްތަކުން ރޮޒައިނާއަށް ފާޑުކިޔުންތައް ދަނީ އަމާޒު ކުރަމުންނެވެ. އޭނާ "ސަން"އަށް ވިދާޅުވީ، އެ މާއްދާ އުނިކުރަން ހުށަހެޅި ސިވިލް ސާވިސް ކޮމިޝަންގެވެސް ލަފާގެ މަތިން، ކަމަށާއި އެ އިސްލާހާއެކު ވަޒީފާތަކަށް ނެގޭނީ އެންމެ ގާބިލު މީހާ ކަމަށެވެ. އަދި އެ މާއްދާ އުނި ކުރަން ހުށަހެޅީ، ގާނޫނުގެ 38 ވަނަ މާއްދާއާ އެ މާއްދާ ތައާރަޒްވާތީކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ސިވިލްސާވިސްގެ ގާނޫނުގެ 38 ވަނަ މާއްދާއަކީ، ވަޒީފާ ދިނުމުގެ އަސާސީ މިންގަނޑު ބަޔާން ކުރާ މާއްދާއެވެ. އެ މާއްދާގައި ބުނަނީ، މަގާމަކަށް މީހަކު އައްޔަން ކުރަންވަނީ ސިޔާސީ ނުފޫޒުތައް އެކަހެރިވެފައިވާ ގޮތެއްގައި މެރިޓްއަކީ އަސާސީ މިންގަނޑު ކަމަށް ބަލައިގެންނެވެ. އަސާސީ މިންގަނޑަކީ، މެރިޓް ކަމަށް ލައިގެން ވަޒިފާ ދިން ކަމަށް ބެލެވޭނެ ދެ ގޮތެއް ގާނޫނުގައި ބުނެ އެވެ. އެއީ އެއްކަމަކީ އެމީހަކީ ވަޒީފާގެ ޝަރުތު ފުރިހަމަވެފައިވާ މީހެއްކަމުގައި ވުމާއި އެމީހެއްގެ ތައުލީމީ ފެންވަރަށާއި މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން ކަމަށް ބުނެ އެވެ.

ރޮޒައިނާ ވިދާޅުވީ، ގާނޫނުގެ 38 ވަނަ މާއްދާ އެގޮތަށް އޮއްވާ، ފަސް ވަނަ މާއްދާގެ (ބ) އެގޮތަށް އޮތުމުން އެންމެ ގާބިލު މީހާ ވަޒީފާއަށް ނުނެގޭ ކަމަށެވެ. އަދި އެއީ ސިވިލް ސާވިސް ކޮމިޝަންގެވެސް ކަންބޮޑުވުމެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"38ވަނަ މާއްދާގައި އަސާސީ މިންގަނޑަކީ ޝަރުތު ފުރިހަމަވުމާއެކު ތައުލީމާއި ތަޖުރިބާއަށް. އެކަމަކު ފަސް ވަނަ މާއްދާގެ (ބ) ގައި އިސްކަން ދޭން މި ޖެހެނީ ހަމައެކަނި އިލްްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބޭ ފަރާތައް،" ގާނޫނުގެ ދެ މައްދާ އަޅާ ކިޔަމުން ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފަސް ވަނަ މާއްދާގެ (ބ) އެގޮތަށް އޮތުމުން ދިގު މުއްދަތައް ތަޖުރިބާ ހުރެ، އަތުގައި ރަނގަޅު ސެޓްފިކެޓެއް ނެތުމުން ގާބިލު މީހާއަށް ވަޒީފާ ދިނުމަށް ހުރަހަކަށްވާކަމަށެވެ.

"މިސާލަކަށް މަގުމަތީގެ މަސައްކަތްތައް ބަލަހައްޓުމަށް ސުޕަވައިޒަރެއް ހޯދުމަށް އިއުލާން ކުރުމުން ރިސޯޓެއްގައި 25 އަހަރު ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރި މީހަކު ކުރިމަތިލަނީ. އޭނަ އަތަކު ނެތް އޯލެވެލް ފާހެއް. ދެން ކުރިމަތިލަނީ މިއަދު ސްކޫލް ނިންމައި އޯލެވެލް ނިންމާ ކުއްޖަކު. އެހެންވީމަ ގާނޫނު މިހާރު އޮންނަ ގޮތުން އެކަލަ ތަޖުރިބާ ހުރި މީހާ ނުނެގޭ. ނަގަން މަޖުބޫރު މިވަނީ އިލްމީ ގޮތުން ބަލާފައި އޯލެވެލް ހެދި ކުއްޖާ،" ރޮޒައިނާ ވިދާޅުވި އެވެ.

"މިހާރު އޮތް ގޮތުން ތަޖުރިބާ ހުރި މީހާއަށް ފުރުސަތުތައް ގެއްލިގެންދޭ ހަމަ އެކަނި އިލްމީ ބަޔަށް އެކަނި ބަލަން ޖެހުނީމަ،"

ރޮޒައިނާ ވިދާޅުވީ، އެފަދަ ހާލަތެއްގައި އެކަމަށް އެންމެ އެކަށީގެންވާ ގާބިލު މީހާއަކި 25 އަހަރުގެ ތަޖުރިބާ ހުރި މީހާ ކަމަށެވެ. އެހެން ކަމުން ފަސް ވަނަ މާއްދާގެ (ބ) އުނި ކުރުމުން އެންމެ ގާބިލު މީހާއަށް ވަޒީފާ ދެވޭނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"ކަމަށް ގާބިލު ވަނީ ހަމައެކަނި އިލްމީ ގޮތުން ބަލައިގެންއެއް ނޫން. ގާބިލުވުމަކީ އެކަން ކުރެވޭ މީހަކަަށްވެސް ވާން ޖެހޭ. ތަޖުރިބާއަށްވެސް ބަލަން ޖެހޭ. އެހެންވީމަ އަޅުގަނޑު ހުށަހެޅި އިސްލާހުން ތަޖުރިބާ ހުރި މީހާ ކަޓުވާނުލެވޭނެ. ފަސް ވަނަ މާއްދާގެ (ބ) އުނި ކުރީމަ ކަމަށް އެންމެ ގާބިލު މީހާ ނެގޭނީ،" ރޮޒައިނާ ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ވަޒީފާދޭ އުމުރު 60އަށް މަތިކުރަންވެސް ރޮޒައިނާ ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ. މިހާރު ސިވިލް ސާވިސްގެ ވަޒީފާތަކަށް ނެގެނީ 55 އަހަރުން ދަށުގެ މީހުންނަށެވެ. އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މަދުވެގެން ދެ އަންހެން މެމްބަރުން ހިމެނުމަށްވެސް އިސްލާހުތަކުގައި ހިމަނާފައެވެ.

އެ އިސްލާހަށް އަމަލު ކުރަން ފަށާނީ، ބިލު މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކޮށް ގެޒެޓް ކުރާ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް