މުޖޭއާއި ޖެންނޭ މި ސީޒަނުގެ ނިޔަލަށް ސަސްއަށް

މާޒިޔާގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/އެފްއޭއެމް

މާޒިޔާގެ ދެ ކުޅުންތެރިން ކަމަށްވާ މުޖުތާޒް މުހައްމަދު (މުޖޭ) އާއި އަބްދުﷲ ޖުނައިދު (ޖެންނޭ) މި ސީޒަނުގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ސޮއިކޮށްފި އެވެ.

މާޒިޔާގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިހާރު ކުރިއަށްދާ ސީޒަނުގެ ނިޔަލަށް މުޖޭއާއި ޖެންނޭއަށް ސަސްއާ ގުޅުމަށް ކުލަބުން ރިލީޒް ދީފައިވާ ކަމަަށެވެ. އަދި އެ ދެ ކުޅުންތެރިން ދޫކޮށްލީ ސީޒަނުގެ ބާކީ ބައިގައި ކުޅުމުގެ ފުރުސަތު ގިނައިން ހޯދައިދެވޭނެ ކްލަބަކަށް ދިނުމުގެ ގޮތުން ކަމަށެވެ.

މިފަހަކަށް އައިސް އަނިޔާގެ ސަބަބުން މުޖޭއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އިރު، މި ސީޒަނުގެ ގިނަ މެޗުތަކުގައި އޭނާ އިންނަން ޖެހުނީ ބެންޗުގަ އެވެ. މީގެ ކުރިން ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސްއަށް ވެސް ކުޅެފައިވާ މުޖޭ 2018 ވަނަ އަހަރު މާޒިޔާއާ ގުޅުމަށްފަހު އެ ޓީމުން ހޯދި ކާމިޔާބީތަކުގައި ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އެގޮތުން މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގައި މުޖޭ އަކީ މާޒިޔާގެ މުހިއްމު ކުޅުންތެރިއެކެވެ.

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުން ފެނުނު ޖެންނޭ ވަނީ ޔޫތު މުބާރާތުގައި މާޒިޔާ ޓީމަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޒުވާން މިޑްފީލްޑަރު ޖެންނޭ އަށް މާޒިޔާގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ މިހާތަނަށް މަދު މެޗަކުންނެވެ. ގިނަ މެޗުތަކެއްގައި އޭނާ ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މިދިޔަ ފަހަރުގެ ދެވަނަ ޑިވިޝަންގެ ރަނަރަޕްކަން ހޯދައިގެން މިފަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ސަސްއަށް މުޖޭއާއި ޖެންނޭ ގުޅުނު އިރު، އެ ޓީމުން މިހާތަނަށް ލީގުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގައި ސަސް އިން ފުރަތަމަ މި ސީޒަނަށް ނުކުތް ނަމަވެސް މިހާރު އެ ޓީމުގެ ކޯޗަކަށް ހުރީ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކުން ފެނުނު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ގިނަވެ މިދިޔަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލައިފަ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދައާ އެކު ކްލަބްތަކުން މިހާރު ފަރިތަކުރުންތައް ފަށާފައިވާ އިރު ލީގު އަލުން ފަށަން މަޝްވަރާކުރަމުން އަންނަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެފްއޭއެމްގެ ވިސްނުމަކީ ސީޒަން މެދުކެނޑުނު ނަމަވެސް ހުރިހާ މުބާރާތެއް މިފަހަރު ކުޅުމެވެ. އެހެންވެއްޖެ ނަމަ ކޮންމެ ޓީމަކުން ވެސް ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެންޖެހޭނެ އެވެ.

comment ކޮމެންޓް