ސަމާލުވޭ! މިއީ ޕީރިއަޑް ތަދެއް ނޫން

އާމިނަތު ޝަމާ ޝިހާމް (ރީން)،

އުމުރުން 12 އަހަރުއްސުރެ އާމިނަތު ޝަމާ ޝިހާމް (ރީން) އަށް މައްސަރުގެ ކަންކަން ކުރިމަތިވާ ކޮންމެފަހަރަކީ ފުރާނައަށް ނުރައްކާވެދާ ފަދަ ބިރުވެރި ދުވަސްތަކެކެވެ. ހަށިގަނޑުގައި އެ އަޅާ ރިހުމާއި ވޭން އަދިއަދަށް ދާންދެން ވެސް ސިފަކުރަން އުނދަގުލެވެ. އެތައް ފަހަރަކު ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރެވުނުއިރު، ހޭނެތި، ހަށިގަނޑަށް ލޭ އަޅަން ޖެހުނީވެސް މަދެއް ކޮށެއް ނޫނެވެ. އުމުރުގެ ގިނަ ދުވަސްތަކެއް މި ވޭނުގައި ހޭދަކުރީ މިއީ 'ކޮންމެ އަންހެނެއްގެ ހަޔާތުގައި ވެސް ވާ ތަދެއް' ކަމަށް ހީކޮށެވެ. އެހެންނަމަވެސް އެއީ ހަމައެކަނި ކުށް ހީ އެކެވެ.

ޅައުމުރު: އެކަނިވެރި ބިރުވެރި

ކުޑައިރު ރީން އުޅެމުންދިޔައީ އޭނާގެ މާމައާއި އެއްކޮށެވެ. ފުރަތަމަ ޕީރިއަޑްއާ އެކު ވެސް ބުނެދޭން ނޭނގޭހާ ތަދުވި އެވެ. އެކަމަކު ކޮންމެ ފަހަރަކު ފަރުޖައްސާލަނީ މިއީ ހަމަ 'ނޯމަލް' ޕީރިއަޑް ތަދު ކަމަށް ހީކޮށެވެ. ސްކޫލްގައި ވެސް މިހެން ތަދުވާ އެހެން ކުއްޖަކާ ދިމަލެއް ނުވެ އެވެ. ކްލާހުގައި އިނދެފައި ހެލްތު ރޫމަށް ދިއުމުން ވެސް ޓީޗަރުންނާއި އެކުވެރިން ހީކުރަނީ 'އެކްސްކިއުޒެއް' ދައްކަނީ ކަމަށެވެ. ގާތުގައި ހުރި މާމައަށް ވިސްނުނީ މިއީ ހަމަ 'މައްސަރު ތަދު' ކަމަށެވެ. ކެތްތެރިވެ ހިތްވަރުކުރުމަށް ނަސޭހަތްދިނީ އަދި ވިހެއުމުގެ ތަދާއި ވޭން ވެސް މާ ގަދަވާނެ ކަމަށް ބުނެ އެވެ. ކިރިޔާ ވެސް ލުޔެއް ލިބޭނޭ ކަމުގެ އުންމީދުގައި ދިއްކޮށްލަ ދެވެނީ ޕެނެޑޯލް ގުޅައަކާއި ބޮޑުމަހު ތެޔޮ ގުޅައަކެވެ.

އެކަމަކު އެއިން ލިބުނު ލުޔެއް ނެތެވެ. ކުޑަވި ރިހުމެއް ނެތެވެ. ހިތް ފުރުނީ ހުސްވެސް ޝަކުވާ އިންނެވެ. ސުވާލުތަކުންނެވެ. އެހެން ހުރިހާ އެންމެނަށް ކެތްވާ ތަދަކަށް ރީން އަށް ކެތްނުކުރެވެނީ ކީއްވެތޯ އެވެ. ނޫނީ މިއީ ހަމައެކަނި ރީން އަށް ވާގޮތަކީ ހެއްޔެވެ.

ކޮންމެއަކަސް މިކަމެއްގައި ކޮންމެ މަހަކު މިހެން އުޅެންޖެހުނު އިރު، އުމުރުން 15 އާއި 16 އާއި ގާތްވިއިރު، މާ ބޮޑުވަރު ވާން ފަށައިފި އެވެ. ހޮސްޕިޓަލަށް ގެންދަންޖެހުމާއި ހޭނެތި ލޭއަޅަން ޖެހެމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން ހީވާން ފެށި އެވެ. ހިތުގައި ފުނިޖެހިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ރާޢްޖޭގައި ދެއްކެން ހުރިއްޔާ ހުރި ކޮންމެ ޑޮކްޓަރެއް ކައިރިއަށް ދެވުނެވެ. އެންމެންގެ ވެސް ޖަވާބަކަށްވީ 'ތިއީ ހަމަ ޕީިރިއަޑް ތަަދު' ކަމަށެވެ.

އެންމެ ފަހުން އުމުރުން 17 އަހަރުގައި ރީން ދިޔައީ އިންޑިއާއަށެވެ. އެފަހަރު ގޮސް ހެދި ޓެސްޓުތަކުން ސިސްޓެއް ފެނުނެވެ. އެހެންނަމަވެސް އިންޑިއާގެ ޑޮކްޓަރުންގެ ވެސް ޖަވާބަކަށްވީ އެއީ ސީރިއަސް ކަމެއް ނޫން ކަމަށާއި އެކަމަކު ކުއްޖަކު ހޯދަން އުނދަގޫވެދާނެ ކަމަށާއި ރަނގަޅީ ވީހާ ވެސް އަވަހަށް ކައިވެނި ކުރުންކަމުގަ އެވެ. ނަމަވެސް އުމުރުން ހަމަ އެންމެ 17 އަހަރުގައި ކައިވެންޏަކާ ދޭތެރޭ ވިސްނާނީ ކާކުހެއްޔެވެ.

ކައިވެންޏަށް ފަހު ތަދާއި ވޭން އިންތިހާއަށް

ގިނަފަހަރަށް މިކަހަލަ ކަންކަމުގައި އެންމެ ފަސޭހައިން ހީކުރެވެނީ ކައިވެނިކުރުމުން ދެން ހުރިހާ ކަމެއް ވެސް 'އޯކޭ' ވާނެ ކަމަށެވެ. އެހެންނަމަވެސް އެކަންވެސްވީ ރީން އަށް ބިލާހަކަށެވެ. ފިރިމީހާއާ ދިމާވެ، ނިކަން ލޯބިން ކައިވެނިކުރީ ރީންގެ އުމުރުން 24 އަހަރުގަ އެވެ. ފިރިމީހާއަށް ވެސް ޕީރިއަޑްއާއި ލައިގަތުމުން ރީންއަށް މި ގޮތްގޮތް ވާކަން ހަމަ ރަނގަޅަށް ވެސް އެނގެ އެވެ. ނަމަވެސް ދެމަފިރިކަމުގެ ގުޅުމާ އެކު ރީންއަށް ދެން ވާންފެށި ގޮތްތަކާއި އެޅި ރިހުން އޭނާ ފިރިމީހާއަށް ވެސް ސިއްރުކުރީ އަނެއްކާ ވެސް މިއީ ހަމަ 'ނޯމަލް ކަމެކޭ' ހިތަށް އަރުވައިގެނެވެ. އެ ތަދާއި ވޭން ސިއްރުކޮށް، ގިސްލާ ރޯން އިނދެވެނީ އެކަންޏެވެ.

އެހެންނަމަވެސް ކައިވެންޏަށް ހަ މަސްވީތަނާއި ހެން މާބޮޑަށް ރިއްސާ މީހާގެ ހެޔަށް އަސަރުކުރާ ވަރުވުމުން އެންމެފަހުން ޑޮކްޓަރަކަށް އަނެއްކާ ވެސް ދައްކާލިއެވެ. ހީކުރެވުނުގޮތާ އެއްގޮތަށް ޑޮކްޓަރުގެ ވެސް ޖަވާބަކަށްވީ އަލަށް ކައިވެނިކޮށްގެން އުޅޭއިރު މިކަހަލަ ކަމެއް ހަމަ ދިމާވެދާނެ ކަމަށެވެ.

ފަރުވާތަކަށް ބޭނުންކުރި ބައެއް އިންޖެކްޝަން--

'އެންޑޯމެޓްރިއޯސިސް'ގެ އަޑުއިވުނީ ވެސް ކައިވެންޏަށް ދެ އަހަރުވީފަހުން

އޭގެފަހުން ދުވަސްތައް މަސްތައް އަދި އަހަރުތަކަށް ބަދަލުވެއްޖެ އެވެ. ރީންގެ ކައިވެންޏަށް ދެ އަހަރު ވެސް ވެއްޖެ އެވެ. ތަދާއި ވޭނުގެ ދުވަސްތައް ހަމަ އެފަދަ އެވެ. ނުވަތަ ވީ އެއަށްވުރެ ވެސް އިތުރެވެ. މިހުރިހާ ކަމެއްގެ ތެރެއިން 'އެންޑޯމެޓްރިއޯސިސްގެ' ލަފްޒުގެ ވާހަކަ ވެސް އޭނާ ފުރަތަމަ އަޑުއެހި ހިސާބަކީ މިއީ އެވެ.

"އެއްދުވަހަކު ހަމަ އެހެން އުޅެފައި ހީވީ މީހަކު ހަމަ ބަނޑަށް ވަޅިއެއް ހަރާލިހެން. ހަމަ ކުއްލިއަކަށް. ދެން ހޮސްޕިޓަލަށް ދިޔައިމާ ބުނެފި އެޕެންޑިކްސް އޭ. ވަގުތުން ނަގަންށޭ ޖެހޭނީ. ދެން އޮޕަރޭޝަން ހަދަން ފޯމުގައި ސޮއެކޮށްފައި ޕްރީޓެސްޓްތައް ހެދުމުގެ ތެރެއިން އޮޕަރޭޝަން ޑޮކްޓަރަށް ފާހަގަވީ އަސްލު އެޕެންޑިކްސް މައްސަލައެއް ނެތްކަން. އެކަމަކު ޑޮކްޓަރު ސަސްޕެކްޓްކުރީ އޯވެރިއަން ކެންސަރަށް. އެހިސާބުން އަސްލު ރިއަލައިޒްވީ އޯކޭ މިއީ ވަރަށް ސީރިއަސް ކަމެކޭ. ދެން އެހެންވެ ފުރަތަމަ އަވަހަށް ދެއްކީ ޑރ.އަސީލް އަށް." ރީން ކިޔައިދިނެވެ.

ރީންގެ ކޭސްއަށް ބަލައި މިއީ އެންޑޯ ކޭސްއެއްކަމަށް ފުރަތަމަ ލަފާކުރި ޑޮކްޓަރަކީ ޑރ.އަސީލް އެވެ. އެކަން ޔަގީންކުރުމަށް ޓަކައި ޑރ. އަސީލް ބޭނުންވީ ލެޕްރޯސްކޯޕީއެއް ހަދައި ރީންގެ އޯވަރީގައި ހުރި ސިސްޓްތައް ނަގައި އޭގެ ޓިޝޫތަކުން ޓެސްޓްހަދައި ޔަގީންކުރުމަށެވެ.

އެންޑޯމެޓްރިއޯސިސްކަން އެނގުނު އިރު މާ ބޮޑަށްވެސް ލަސްވެއްޖެ!

ވީއެންމެ އަވަހަކަށް ލަންކާއަށް ގޮސް، ޓެސްޓްތައް ހަދައި ނަތީޖާއިން ރީންގެ ގައިގައި ހުރީ އެންޑޯމެޓްރިއޯސިސްކަން ދެނެގަނެވުނުއިރު މާ ބޮޑަށްވެސް ލަސްވެއްޖެ އެވެ. އޭނާގެ ބަލީގެ ހާލަތު ހުރީ ސްޓޭޖް ހަތަރެއް ގަ އެވެ. ބަލީގައި ގިނަ ދުވަސްތަކެއް ވޭތުކުރުމާ އެކު އޭގެ އަސަރު މުޅި ހަށިގަނޑަށް ހުރީކޮށްފަ އެވެ.

"ކަނާތު އޯވަރީ އޮތީ ފުށުން ޖެހިފައި. ވާތް ފަރާތުގެ އޯވަރީ ނުވެސް ފެނޭ.. ހުރީ އެހެން ގުނަވަންތަކާއި ތަތްލަވާފައި. ބޮޑުކަމުދާ ނިޒާމާއި އެހެން ގުނަވަންތައް ވެސް ހުރީ ތަތްލަވާފައި. ދެން ވަރަށް ބޮޑު އޮޕަރޭޝަންއެއްކޮށް ހަ މަސްވަންދެން ޕީރިއަޑްތައް ހުއްޓުވާލީ. ހުއްޓުވާފައި ހަ މަސްފަހުން އަނެއްކާ ޑޮކްޓަރަށް ދެއްކި އިރު ހުރީ އަނެއް ސިސްޓްވެސް ނަގާފައި. ދެން އަނެއްކާ ފުރައިގެން ދިޔައީ ލަންކާއަށް."

މިހުރިހާ ކަމެއްގެ ތެރެއިން ދަރިމައިވުމުގެ މައްސަލައެއް ކުރިމަތިވެދާނެކަމުގެ ކުޑަ ނަމަވެސް ސިގްނަލެއް ދިނީ އެފަހަރު ލަންކާއިން ދެއްކި ޑޮކްޓަރެވެ. އެ ޑޮކްޓަރުގެ އެދުމުގެ މަތިން ފާޓިލިޓީ ޑޮކްޓަރަކަށް ދައްކާލި އިރު، ރީންގެ ހާލަތު ހުރީ ހަމަ ކަންބޮޑުވާ ހިސާބެއްގަ އެވެ. އޭނާގެ ފެލޯޕިއަންޓިއުބް އެއްކޮށް ފިތި، އެންޑޯ މެޓްރިއޯސިސްގެ ލޭ އެޅި ވިހަ ފްލުއިޑެއްވެސް ވަނީ ހެދިފަ އެވެ. އެއާ ޢެކު، ގުދުރަތީގޮތުން ކުއްޖެއް ހޯދުމަކީ ވުން ނާދިރު އަދި ލިބިއްޖެ ނަމަ ދަރިފުޅަށް ވެސް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ޑޮކްޓަރު އިރުޝާދު ދެއްވި އެވެ.

ރީން އާއި ފިރިމީހާއި އެކީގައި---

7 އައިވީއެފް ހެދިއްޖެ، އަދި ކާމިޔާބުގެ އަލިކަމެއް ނުފެނޭ

އޭގެ ފަސް އަހަރުފަހުން މިއަދު ވެސް ރީން ދަނީ އެންޑޯމެޓްރިއޯސިސްގެ ސަބަބުން ދިމާވާ އެކި ކޮމްޕްލިކޭޝަންތަކަށް އެކިއެކި ފަރުވާ ހޯދަމުންނެވެ. އަދި މިވީ މުއްދަތުގައި ހަތް ފަހަރު އައިވީއެފް ހެދުނުއިރު، ބަނޑުބޮޑުވީ އެންމެ ފަހަރަކު އެވެ. އެހެންނަމަވެސް އެފަހަރު ވެސް ބަނޑަށް ހަ ހަފްތާގައި ދަރިފުޅު ބައިގެން ހިނގައްޖެ އެވެ.

ބޭންކިން ދާއިރާގެ މެނޭޖީރިއަލް މަގާމެއްގައި މިއަދު އޭނާ ވަޒީފާ އަދާކުރަމުންދާއިރު، މި ބައްޔާ އެކު ހަޔާތުގައި ބޮޑު ބައި އޭނާ ތަހައްމަލު ކުރަމުންދާ ގޮތަކީ ހުދު އޭނާއަށް ވެސް އަޖައިބެކެވެ. އެކި ފަހަރު އެކި ކަންކަމާއި ކުރިމަތިލާންޖެހުނު އިރު، ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހޭނީ ހޮސްޕިޓަލެއްގެ އެދުމަތީގަ އެވެ.

އެހެންނަމަވެސް ރީންގެ އުންމީދުތަކަކަށް އަދި ދިރިއުޅުމާއި ދޭތެރޭ ދެކޭ ހުވަފެންތަކަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެ އެވެ.

"ކައިވެންޏަށް 10 އަހަރުވެއްޖެ. ފެންނަ ކޮންމެ މީހަކުހެން އަހާލާނެ ދަރިއަކު ނުހޯދަންހޭ. ބޭނުން ނުވަނީހޭ. ރީތިކޮށް ހުންނަން ވެގެން ހެއްޔޭ ނުހޯދަނީ. އެކަމަކު ދަރިއަކު ކިތަންމެ މުހިންމުވިޔަސް މިއަދު ރީންގެ ކޮލިޓީ އޮފް ލައިފް މާ މުހިންމު. ދަރިއަކު ނެތަސް ރީން އާއި ފިރިމީހާގެ ދިރިއުޅުން ފުރިހަމަ ނޫންހެން ހިޔެއް ނުވޭ. ފިރިމީހާއާއި އާއިލާގެ ސަޕޯޓް މިކަމުގައި ވަރަށް ބޮޑަށް ލިބޭ. ވަޒީފާގެ ސަބަބުން ކަންނޭގެ އަސްލު މިހާވަރަ ށްވެސް މި ކެތްކުރެވެނީ" ރީން ކިޔައިދިނެވެ.

ރީންގެ ހަޔާތައް މަޑުޖެހުމެއް، ހަމަޖެހުމެއް ނުވަތަ ކުޑަނަމަވެސް އަރާމެއް އަދި ނެތެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކާއި ވެސް އޭނާ ކުރިމަތިލަނީ އާ އުންމީދުތަކަކާއި އާ ހިތްވަރަކާއި އެކީގަ އެވެ.

މިއީ އެންމެ މީހެއްގެ ވާހަކަ، ރާއްޖޭގެ އަދަދުތައް އަންދާޒާ ކުރަންވެސް ނޭނގޭ!

މިހާތަނަށް އަދި ފަރުވާއެއް ހޯދިފައިނުވާ އެންޑޯމެޓްރިއޯސިސްއަކީ މައްސަރުގެ ދުވަސްވަރު އަންހެނާގެ ރަހިމުގެ އެންޑޯމެޓްރިއަމް ފަށަލައިގައި ޓިޝޫތައް އުފެދޭ ފަދައިން، ރަހިމުގެ ބޭރުގައި ވެސް އެފަދަ ޓިޝޫތައް އުފެދުމެވެ. އަދި މައްސަރުގެ ދުވަސްވަރު ރަހިމުގެ ބޭރުގައި ހުންނަ ޓިޝޫތަކުން ވެސް ހަށިގަނޑުގެ އެތެރެއަށް ލޭ ފައިބާގޮތް މެދުވެރިވެ އެވެ.

ދުނިޔޭގެ އެންޑޯމެޓްރިއޯސިސް ޖަމިއްޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ 10 އަންހެނަކުން އެކަކަކީ އެންޑޯމެޓްރިއޯސިސް ތަހައްމަލު ކުރަމުންދާ މީހެކެވެ. މިއީ ދުނިޔޭގެ އާބާދީގެ 15-2 އިންސައްތަ އަންހެނުންނެވެ.

ރާޢްޖޭގައި ވެސް އެންޑޯމެޓްރިއޯސިސް ތަހައްމަލު ކުރަމުންދާ އެތަށް އަންހެނުންނެއް ތިބިއިރު، މި ބަލީގެ ވާހަކަ ދެކެވެން ފެށުނީވެސް، 2019ގައި އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންޑޯ މޯލްޑިވްސް) އުފެދުމާއި އެކުގަ އެވެ.

ޖަމިއްޔާ އުފެދުމާއި އެކުގައި ރީން ފަދައިން އެންޑޯމެޓްރިއޯސިސް ތަހައްމަލު ކުރާ ގިނައަދަދެއްގެ ފަރާތްތަކަށް އެހީތެރިކަމާއި އަދި ބައްޔާއި ކުރިމަތިލުމުގެ ހިތްވަރު ލިބިގެންދިއަ އެވެ.

"ޖަމިއްޔާ ހެދުމުގެ އެންމެ ބޮޑު މަގްސަދަކަށްވީ ވެސް މި ބައްޔާއި ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވާ ރާޢްޖޭގައި މި ބަލި ތަހައްމަލުކުރާ މީހުންނަށް އެހީވުން. ފުރަތަމަ މި މަސައްކަތް ފެށިއިރު އެންޑޯމެޓްރިއޯސިސް އެ ލަފްޒުވެސް ދިވެހިންނަށް ވަރަށް އާ. ރަނގަޅަށް ކިޔަންވެސް ގިނަބަޔަކަށް ނޭނގޭ. އެކަމަކު މިހާރު މި ވާހަކަތައް ދެކެވެން ފަށައިފި." އެންޑޯ މޯލްޑިވްސްގެ ފައުންޑާ އަދި ޗެއާޕާސަން މިޒްނާ އަލީ ވިދާޅުވި އެވެ.

ޕީރިއަޑް ދުވަސްވަރު މާ ބޮޑަށް ތަދުވާނަމަ ސަމާލުވާންޖެހޭ!

ރީން ފަދައިން މި ބަލި ތަހައްމަލު ކުރާ ގިނަ ބައެއްގެ ޝަކުވާއަކީ އަދި ކަންބޮޑުވުމަކީ ވެސް ބަލި ކުރީބައިގައި ދެނެނުގަނެވުމެވެ. މިކަމާ ބެހޭ ގޮތުން އެންޑޯ މޯލްޑިވްސްގެ ބޯޑު މެންބަރެއް ކަމުގައިވާ ޑރ. އަހުމަދު ޝަމްއާސް ޔޫސުފް ވިދާޅުވީ މިއީ ދެނެގަތުމަށް އުނދަގޫ ބައްޔެއް ކަމަށާއި މި ބަލީގެ އަލާމާތްތަކަކީ އެހެނިހެން އަންހެނުންގެ ބަލިތަކުގައި ވެސް ފެންނަ އާންމު އަލާމާތްތަކެއް ކަމަށެވެ. އެހެންނަމަވެސް ބަލީގެ އަލާމާތްތައް ފެންނަނަމަ ދުރާލާ ޑޮކްޓަރަކަށް ދައްކާ ބަލި ނެތްކަން ކަށަވަރުކުރުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތުން ޑރ. ޝަމްއާސް ފާހަގަކުރެއްވި ބައެއް އަލާމާތްތަކުގެ ތެރޭގައި

  • ދަށްބަނޑުކޮޅާއި އުނަގަނޑުގައި ރިއްސުން
  • މައްސަރު ދުވަސްވަރު މާ ގަދައަށް ރިއްސުން
  • ދެމަފިރިކަމުގެ ގުޅުން ހިންގާއިރު ރިއްސުން
  • ކުޑަކަމުދާއިރު ރިއްސުން
  • މައްސަރު ދުވަސްވަރު މާ ގިނައިން ލޭ އައުން
  • އެއްބައި މީހުންގެ ބަނޑުހަރުވުން ނުވަތަ ބޭރަށް ހިންގުން
  • ބޮލުގައި ރިއްސާ އަބަދުވެސް ވަރުބަލިވެފައި ހުރުން

މިކަމުގައި ވަކި އުމުރުފުރައެއް އިސްތިސްނާ ނުވާއިރު، ދަރިމައިވުމުގެ އުމުރުގެ ނުވަތަ އަންހެން ކުއްޖަކު ޕީރިއަޑްވާން ފަށާހިސާބުން ފެށިގެން ވެސް މި ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ.

އެންޑޯމެޓްރިއޯސިސްގެ ޕޭޝަންޓުންގެ ތެރެއިން 40-30 ޕަސެންޓް މީހުންނަކީ ގުދުރަތީ ގޮތުން ދަރިމައިވުމުގެ އުންމީދު ކުޑަކަމުގެ ސަބަބުން އައިވީއެފް ހަދާ މީހުންކަމުގައިވާއިރު އާންމު މީހަކާއި އަޅާބަލާއިރު، ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އެންޑޯ ޕޭޝަންޓެއްގެ ވިހި ގުނަ އިތުރުކަމަށް ވެސް ދިރާސާތައް ދައްކަ އެވެ.

އެންޑޯމެޓްރިއޯސިސް ޖެހެނީ ކީއްވެކަމެއް އަދި މިހާތަނަށް މިކަމުގެ މާހިރުންނަށް ވެސް ހޯދިފައި ނުވެ އެވެ. އެންޑޯމެޓްރިއަމް ފަށަލައިގެ ޓިޝޫތައް އަދި މައްސަރު ދުވަސްވަރު ފަށަލައިން ނުކުންނަ ލޭ، ރަހިމުގެ ފެލޯޕިއަން ޓިއުބްގެ ތެރެއިން ލާފައި ޅިނދު ކަށި (ޕެލްވިކް ކެވިޓީ) އާއި ދިމާލުން ނުކުމެ އެހެން ގުނަވަންތަކުގެ ބޭރުގައި ހަރުލަ އެވެ. އަދި އާއިލާގެ މެންބަރެއްގައި މި ބަލި ހުންނަ ނަމަ މި ބަލި ވާރުތަވުމަކީ ގާތްކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ހޭލުންތެރިކަމާއި އެހީތެރިކަން މި ބައްޔަށް ވަރަށް ބޮޑަށް ބޭނުންވޭ!

ދުނިޔޭގެ އެންމެ ވޭންގަދަ ބަލިތަކުގެ ލިސްޓުގެ އެންމެ ކުރީގައި ފާހަގަކުރެވޭ އެއްބައްޔަކީ އެންޑޯމެޓްރިއޯސިސް އަށް ވާއިރު، މިފަދަ ބައްޔެއް ތަހައްމަލު ކުރުމަކީ ހަމައެކަނި ޖިސްމާނީގޮތުން މީހާއަށް އުފުލަންޖެހޭ ތަކުލީފެއް އެކަންޏެއް ނޫނެވެ.

ހަށިގަނޑުގައި އަޅާ ތަދާއި އެއްވަރަށް، ވެފައިހުންނަ ވަރުބަލީގެ ސަބަބުން ދިރިއުޅުމުގެ އަމަލީ މައިދާނުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކުދި ބޮޑު އެކި މަސައްކަތްތަކަށް ވެސް މިކަމުން ހުރަސް އެޅެ އެވެ.

ދިރާސާއަކުން ދައްކާގޮތުގައި އެންޑޯމެޓްރިއޯސިސް ހުންނަ ކޮންމެ މީހެއްގެ އުފެއްދުންތެރިކަން ހަފްތާއެއްގެ މައްޗަށް ދިހަ ގަޑިއިރުން ދަށްވެ އެވެ. މަސައްކަތުގެ އަމަލީ މައިދާނަށް ބަލާއިރު މިއީ ބޮޑު އަދަދެކެވެ.

ހަމައެޔާއެކު، ދެމަފިރިންގެ ގުޅުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް މި ބަލިން ކުރިމަތިވާއިރު، ދަރިމައިވުމުގެ މައްސަލަތަކާ އެކު، މީހާގެ އަމިއްލަ ހަށިގަނޑަށް އޮންނަ ކޮންޓްރޯލް ވެސް ގިނަ ފަހަރު ގެއްލޭކަމަށް ޑރ. ޝަމްއާސް ވިދާޅުވި އެވެ.

އެންޑޯމެޓްރިއޯސިސް ހުންނަ މީހުންގެ 60 ޕަސެންޓް މީހުންނަނީ ޑިޕްރެޝަން ވެސް ހުންނަ ފަރާތްތަކަށްވާއިރު މި ދެންނެވި ކަންކަމާ އެކު މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ބޮޑެތި އަސަރުތަކެއް ކުރެއެވެ. އެއާއެކު ބަލިތަހައްމަލު ކުރާ ފަރާތްތަކަށް އާއިލާ އާއި މުޖްތަމައުގެ އެކި ފަންތިތަކުގެ އެހީތެރިކަން އެކިގޮތްގޮތުން ބޭނުންވެ އެވެ.

އެންޑޯމޯލްޑިވްސް އިން ބުނާ ގޮތުގައި މިހާތަނަށް އެ ޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކަށްވީ ދިވެހިންނާއި ނުހަނު ގާތުގައިވީ އެހެންނަމަވެސް ބީރަށްޓެހި މި ބައްޔަށް ދިވެހި މުޖުތަމައު ހޭލުންތެރިކުރުމެވެ. އެއާ އެކު ކުރިއަށް އެ ޖަމިއްޔާއިން ހިފާފައިވާ އެންމެ ބޮޑު އަމާޒަކީ ބައްޔާއި ގުޅޭގޮތުން ހާއްސަ ދިރާސާއެއް މުޅި ރާއްޖެއަށް ހުޅުވައިގެން ކުރުމެވެ. މި ދިރާސާގެ ޕްރޮޕޯސަލްގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

comment ކޮމެންޓް