މިޔަންމާގައި ބަޑިޖަހައި 22 މީހަކު މަރާލައިފި

މިޔަންމާގައި ކުރިޔަށްދާ މުޒާހަރަތައް

ޔަންގޫން (މާޗް 15) : މިއަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުންގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން އިއްޔެ 22 މީހުން މަރުވެފައިވާ ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.

މިޔަންމާގެ އެކްޓިވިސްޓުންނާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި އިއްޔެގެ މުޒާހަރާތަކުގައި 22 މީހުން މަރާލާފައި ވަނީ އެގައުމުގެ ކުރީގެ ވެރިރަށްކަމަށްވާ ޔަންގޫންގެ ސަރަހައްދެއް ކަމަށްވާ ހީލާންގް ތަރިޔާރު ސަރަހައްދުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ހީލާންގް ތަރިޔާރު ސަރަހައްދުގައި މުޒާހަރާކުރި މީހުންގެ ގަޔަށް ފުލުހުން ބަޑިޖެހީ އެ ސަރަހައްދުގައި ހުރި ކާރުޚާނާތަކަކަށް މުޒާހަރާކުރި މީހުން ހަމަލާދީ ހަމަނުޖެހުން ހިންގަން ފެށުމުންނެވެ.

މުޒާހަރާކުރި މީހުން އެސަރަހައްދުގެ 10 ކާރުޚާނާއަކަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށާއި ބައެއްތަންތަން އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށްވެ އެވެ. މި ކާރުޚާނާތަކަކީ ޗައިނާގެ އިންވެސްޓްމަންޓެއްގެ ދަށުން ބިނާކޮށްފައިވާ ކާރުޚާނާތަކެކެވެ. މިޔަންމާގެ މުޒާހަރާވެރިން ގެންދަނީ ޗައިނާ އިން އެ ގައުމުގެ އަސްކަރީ އިންގިލާބަށް ތާއީދުކުރާކަމަށް ބުނެ ޗައިނާއާ ދެކޮޅަށް ވެސް އަޑުއުފުލަމުންނެވެ.

މިއަންމާގެ ރަސްމީ ޓީވީ އާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި މުޒާހަރާކުރާ މީހުން ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ އެތައް ބަޔަކަށް އަނިޔާވެ ފުލުހުންގެ އޮފިސަރަކު ވެސް ވަނީ މަރުވެފަ އެވެ. މިއަންމާގައި މުޒާހަރާތައް ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެގައުމުގެ ސިފައިން އަސްކަރީ އިންގިލާބެއް ގެނަސް އެގައުމުގެ އިންތިޚާބީ ވެރިޔާ ސްޓޭޓް ކައުންސެލާ އަންގްސަން ސޫޗީ އާއި އޭނާގެ ޕާޓީގެ އިސްފަރާތްތައް ހައްޔަރުކޮށް ވެރިކަން ބަދަލުކޮށްލުމާ ގުޅިގެންނެވެ.

މުޒާހަރާތައް ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިޔަންމާގެ އަސްކަރީވެރިން ބުނާ ގޮތުން ވެރިކަން އިންގިލާބަކުން ބަދަލުކޮށްލަން ޖެހުނީ އިންތިޚާބު އޮޅުވާލައިގެން އަންގްސަން ސޫޗީ ވެރިކަމަށް އައުމާ ގުޅިގެންނެވެ.

އަހަރެއްގެ ތެރޭގައި އަލުން އިންތިޚާބު ބާއްވައި ރައްޔިތުން އިންތިޚާބުކުރާ ފަރާތަކާ ވެރިކަން ހަވާލުކުރާނެ ކަމަށް ވެސް އަސްކަރީ ވެރިން ވިދާޅުވެ އެވެ. ނަމަވެސް އިންތިޚާބު ބާއްވާނެ ތާރީޚެއް އަދި އިއުލާން ނުކުރެ އެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް