ހިތަދޫގައި ވެސް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫގައި ވެސް މިރޭ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަކޮށްލާފައިވާ މައްސަލައެއް މިރޭ 23:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މާރާމާރީގައި އަނިޔާވި މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިރޭ 23:45 ހާއިރު އައްޑޫ ސިޓީ ފޭދޫގައި ވެސް ވަނީ މާރާމާރީއެއް ހިންގައިފަ އެވެ. އެ މާރާމާރީގައި ދެމީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލައިފަ އެވެ.

އެ ދެމީހުންނަށް ވެސް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން އަންނަނީ މި ދެ މާރާމާރީ ވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ފޭދޫގައި ވަނީ މާރާމާރީއެއް ހިންގައިފަ އެވެ. ފޭދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ހިނގި އެ މާރާމާރީގައި ހަތް މީހަކަށް އަނިޔާވި އެވެ. އަދި އެ މާރާމާރީއާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެ މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެެއްގެ އިތުރުން 32 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް އަދި 18 އަހަރުގެ މީހެކެވެ.

comment ކޮމެންޓް