މަޖުބޫރީ ހާލަތުގައި ޓްރާންސްޕޭރެންސީން ވަކިވާން ޖެހުނު މުވައްޒަފަށް ބަދަލު ދޭން އަންގައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް-- ސަން ފައިލް ފޮޓޯ

ވަޒީފާ އަދާކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރިމަތިކުރުވި ފިއްތުންތަކުގެ ސަބަބުން ވަޒީފާއިން ކެނޑެން މަޖުބޫރުވި މުވައްޒަފަކަށް ވަޒީފާ ދީ، ގެއްލުމުގެ ބަދަލު ދޭން ވަޒީފާ އާ ބެހޭ ޓްރައިބިއުނަލް އިން އަންގައިފި އެވެ.

ޓްރާންސްޕޭރެންސީ އާ ދެކޮޅަށް މައްސަލަ ހުށަހެޅީ އަލީ ޝަރީފު، މއ. ބިންކޮޅު އެވެ.

އަލީ ޝަރީފަކީ 26 މާޗު 2017 އިން ފެށިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް، ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ މަގާމުގައި ހުރި މީހެކެވެ. އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ދާއިމީ ވަޒީފާގައި މެދުނުކެނޑި ފަސް އަހަރެއްހާ ދުވަހު މަސައްކަތްކޮށްފައިވާނެ ކަމަށް ބުނެފައިވެ އެވެ.

މައްސަލަ ހިނގާ ދިޔަ ގޮތް:

ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އަލީ ޝަރީފަށް 'ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީ' އިން ވަޒީފާގެ ފުރުސަތެއް ލިބި، އެކަން ޓްރާންސްޕޭރަންސީގެ އޭރުގެ އެގްޒެކެޓިވް ޑިރެކްޓަރު މަރިޔަމް ޝިއުނާއާއި ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކަސީ މެނޭޖަރު އައިމަން ރަޝީދާ، އެ އަހަރުގެ ޖުލައި 17 ވަނަ ދުވަހު ހިއްސާ ކުރުމުން، ޖެހިގެން އައި ދުވަހު އަލީ ޝަރީފް ވަޒީފާއިން ވަކިވުމަށް އަނގަބަހުން ނޯޓިސް ދިންކަމަށް ބަލައި، އޭނާ ވަޒީފާއިން ވަކިކުރާކަމުގެ ނޯޓިސް އީމެއިލް މެދުވެރިކޮށް ވަނީ އަންގައިފަ އެވެ.

އެ އީމެއިލްގައި، އޭނާގެ އަހަރީ ޗުއްޓީ ފެށޭނެ ދުވަހާއި، އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުތައް ހަވާލުކުރަންވީ ދުވަހުގެ އިތުރުން، މަސައްކަތަށް ނުކުންނަންވީ އެންމެ ފަހު ދުވަހަކީ ކޮބައިކަން ކަނޑައަޅައި އަންގާފައިވެ އެވެ. އޭގެ އިތުރުން، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެހެން މުވައްޒަފުންނަށްވެސް އެކަން އަންގައި، މައްސަލަ އަލީ ޝަރީފް ނުހިމެނޭ ގޮތަށް އެހެން ހުރިހާ މުވައްޒަފުންނަށް
އީމެއިލްކޮށްފައިވެ އެވެ.

އެ މައްސަލައިގައި އަލީ ޝަރީފް ބުނެފައި ވަނީ، އޭނާއަށް ވަޒީފާގެ ފުރުސަތެއް ދިންކަން އިސް ދެ މުވައްޒަފަކާ ހިއްސާކުރީ ހެޔޮ ނިޔަތުގައި ކަމަށާއި އެއީ ވަޒީފާގެ ނޯޓިސް ދިނުމަށް ކުރި ކަމެއް ނޫން ކަމަށެވެ. އަދި ވަޒީފާގެ ނޯޓިސް ދީފައިވަނީ ދެ ފަރާތުގެ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 11 ވަނަ މާއްދާއާ ގިލާފަށް ކަމަށެވެ.

އޭގެ އިތުރުން، ވަޒީފާއިން ވަކިވުމަށް ނޯޓިސް ދީފައިނުވަނީސް، އަދި އޭނާއާ މަޝްވަރާކުރުމެއް ނެތި، އޭނާގެ ރުހުމަކާ ނުލައި، އަހަރީ ޗުއްޓީ ނަގާނެ ދުވަސް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އަމިއްލައަށް ކަނޑައެޅުމާއި، ކުރާ މަސައްކަތް އެހެން ފަރާތަކަށް ހަވާލުކުރަން އެންގުމާއި، ވަޒީފާއަށް ނުކުންނަންވީ އެންމެ ފަހުދުވަސް އެންގުމަކީ، ވަޒީފާއާބެހޭ ގާނޫނުގެ އަސާސީ އުސޫލުތަކުގެ ތެރޭގައި ހިމެނޭ، މަޖުބޫރުން މަސައްކަތްކުރުވުން މަނާކުރުމުގެ އަސާސާ ހިލާފަށް، މަޖުބޫރުން މަސައްކަތްކުރުވުންކަމަށް ދެކޭކަމަށް ވެސް އަލީ ޝަރީފު ވަނީ ބުނެފަ އެވެ.

އަދި އަލީ ޝަރީފާއި އެހެން މުވައްޒަފުންނާ ދެމެދު ތަފާތުކުރުން ގެންގުޅެ، އޭނާއަށް ވަޒީފާ އަދާކުރަން ދަތިވާނެ ގޮތަށް ކަންކަންކޮށް، 'ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީ އިން ފަހިވި ވަޒީފާއަށް ހީނަރުކަން އަންނާނެ ގޮތަށް ޓްރާންސްޕޭރެންސީގެ އިސް ވެރިޔަކު، އެ ފައުންޑޭޝަންގެ އިސްވެރިޔަކާ ވާހަކަދައްކާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ޓްރާންސްޕޭރެންސީ އިން ދަތިކުރަމުން ދިއުމުން، ވަޒީފާއިން ކެނޑެން މަޖުބޫރިވި ކަމަށައި، ޓްރާންސްޕޭރެންސީ އިން ހުށަހެޅި ރިފަރެންސްގެ ސަބަބުން ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީ އިން ހަމަޖެހުނު ވަޒީފާ ވެސް ފަހުން ގެއްލުނު ކަމަށް އަލީ ޝަރީފު ވަނީ ވަނީ ބުނެފަ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް އަލީ ޝަރީފް މައްސަލަ ހުށަހެޅީ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި، ވަޒީފާއިން ވަކިވާން ޖެހުނީ މަޖުބޫރީ ހާލަތެއްގައި ކަމަށް ކަނޑައަޅައި، އޭނާގެ ވަޒީފާ ރުޖޫއަކޮށްދިނުމަށައި ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީ އިން ހަމަޖެހުނު ވަޒީފާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އެވެ.

އެ މައްސަލައިގައި ޓްރައިބިއުނަލް އިން ނިންމާފައި ވަނީ އަލީ ޝަރީފް ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިވި ވަކިވުމަކީ، ކޮންސްޓްރަކްޓިވް ޑިސްމިސަލް އެއް ކަމަށާއި އޭނާ ވަޒީފާއިން ވަކިވީ މަޖުބޫރީ ހާލަތެއްގައި ކަމަށެވެ. އެހެންކަމުން އަލީ ޝަރީފް ޓްރާންސްޕޭރަންސީ މޯލްޑިވްސްގައި އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަށާއި، އޭނާ އަކީ އެއްވެސް ހާލެއްގައި ވަޒީފާއިން
ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްފަ އެވެ.

ހަމަ އެއާއެކު ޓްރާންސްޕޭރެންސީ އިން އަލީ ޝަރީފް އާމެދު އަމަލުކޮށްފައި ވަނީ ހަމަހަމަކަމާއެކު ނޫންކަމަށް ބުރަވެވޭ ކަމަށާއި، އޭނާއަށް ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީއިން ހުށަހެޅި ވަޒީފާގެ ފުރުސަތު ގެއްލުމަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އަމަލުކުރި ގޮތުގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށް ބުރަވެވޭ ކަމަށެވެ.

އެހެންކަމުން އަލީ ޝަރީފަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޓްރާންސްޕޭރަންސީ
މޯލްޑިވްސްގެ ވަޒީފާއިން ވަކިވި ތާރީހުން ފެށިގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާ ދުވަހާ ހަމައަށް އޭނާއަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގައި ވަޒީފާގައި ދެމިހުރިނަމަ ހައްގުވާނެ މުސާރައާއި އިނާޔަތްތައް ދިނުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ޓްރައިބިއުނަލް އިން މައްސަލަ ނިންމީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. ނިންމުމުގައި ބުނެފައި ވަނީ އަމުރުކޮށްފައިވާ ކަންކަން ރަސްމީ ބަންދުނޫން 14 ދުވަހުގެތެރޭ ފުރިހަމައަށް ތަންފީޒުކުރުމަށްފަހު، އެކަންކަން ހަމަޖެހޭތާ ފަސް ދުވަހުގެތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އަންގާ ކަމަށެވެ.

comment ކޮމެންޓް