މޯލްޑިވިއަން، މާފަރުން މުމްބާއީއަށް ދަތުރުކުރަން ފަށަނީ

މޯލްޑިވިއަންގެ އޭ321 މާފަރު އެއާޕޯޓުގައި -- ފޮޓޯ: މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަން އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ މުމްބާއީއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދުވިދާޅުވީ މާފަރު-މުމްބާއީ ދަތުރުތައް އަންނަ މަހުގެ 13 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

"މިހާރު އެކަމަށް ތައްޔާރުވެ، އޭޕްރީލް 13 ވަނަ ދުވަހު ފުރަތަމަ ފްލައިޓު މުމްބާއީއިން ޑައިރެކްޓުކޮށް މާފަރަށް ޖެއްސުމަށް ވަނީ ހަމަޖެހިފައި. އެކަމާ ގުޅޭ ހުރިހާ ތައްޔާރީއެއްވެ، އަޅުގަނޑުމެންގެ ޓީމުގެ މެންބަރުން ވަނީ ރިސޯޓުތަކާއި އެ ހިސާބުގެ ގެސްޓުހައުސްތަކާއެކު މަސައްކަތްތައް ކޮށްފައި. އަދި އިންޑިއާގެ ޓުއަ އޮޕަރޭޓަރުންނާ އެކުވެސް ވަނީ މަސައްކަތް ކޮށްފައި،" މިހާދު ވިދާޅުވިއެވެ.

މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ ގާތްގަނޑަކަށް 10،000 ޓޫރިސްޓު އެނދު ހިމެނޭ ސަރަހައްދެއް ކަމަށާއި އަލަށް ފަށާ މި ދަތުރުތަކުގެ ބޭނުން ރިސޯޓުތަކާ ގެސްޓަހުސް ތަކުން ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިހާދު ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް ވަނީ ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައި،" މޯލްޑިވިއަންގެ އެމްޑީ ވިދާޅުވިއެވެ.

މޯލްޑިވިއަން އިން ހަފްތާ އަކު ތިން ދަތުރު މާފަރާއި މުމްބާއީއާ ދެމެދު ބާއްވާނެއެވެ.

"އިރާދަ ކުރެއްވިއްޔާ އިންޑިއާގެ އެހެން ސިޓީއަކުންވެސް [ދަތުރުތަައް] ފެށޭނެ ކަމުގެ އުންމީދުގައި،" މިހާދު ވިދާޅުވިއެވެ.

"މި ފުރުސަތަކީ އެ އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ ގެސްޓްހައުސްތަކަށްވެސް ވަރަށް ރަނގަޅު ފުރުސަތެއް،"

މިހާދު ވިދާޅުވީ މާފަރުން ފުރައިގެން ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްރަށަށް ސްޕީޑު ބޯޓުގައި ގަޑިއެއްހައި އިރުން ދެވޭނެ ކަމަށެވެ.

މި ދަތުރުތައް ފެށުމަށް މުމްބާއީ އިން މިހާރު ޖީއެސްްއޭ އެއްވެސް ހަމަޖައްސާފައިވާކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

ދެހާސް ނަވާރަވަނަ އަހަރު ހުޅުވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ މިހާރުވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓު ޖައްސާ އެއާޕޯޓެކެވެ. ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ ރިސޯޓުތައް މާފަރު އެއާޕޯޓު އޮންނަ ސަރަހައްދުގައި ހިމެނޭއިރު މިއަހަރުގެ މިހާތަނަށް 211 ޖެޓު ޖައްސާފައިވާ ކަމަށް މޯލްޑިވިއަންގެ އެމްޑީ މިހާދު މިއަދު ވިދާޅުވިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މެނޭޖުކުރާ އެ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު، މި އަހަރުގެ ނިޔަލަށް ވައިޑް ބޮޑީ އެއާކްރާފްޓުތަކަށް ޖެއްސޭވަރަށް ރަންވޭ ދިގު ކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

"މިވަގުތު މާފަރު ރަންވެގެ ލެންތުން އަޅުގަނޑުމެންނަށް ޖެއްސެނީ ޝޯޓް ހޯލް ފްލައިޓްސް. ވައިޑް ބޮޑީ އެއާކްރާފްޓްސް ޖެއްސޭނީ އަދި އިތުރަށް ރަންވޭ ދިގު ކޮށްގެން. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރު ޖުލައި ތެރޭގައި ރަންވޭގެ ލެންތު އިތުރު ކުރުމުގެ މަސައްކަތް ފަށައި، މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރަނީ. ނިންމާ ލެވުމާ އެކީގައި އަޅުގަނޑުމެން ވައިޑް ބޮޑީ އެއާކްރާފްޓުގައި އީސްޓަން ޔޫރަޕުން ވެސް ދަތުރުތައް ފަށަން ވަނީ ޕްލޭން ކޮށްފައި،" އެމްޑީ މިހާދު ވިދާޅުވިއެވެ.

މާފަރު އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ އަބޫދާބީ ފަންޑުގެ އެހީގައެވެ. އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އެ މަސައްކަތް ކޮށްފައިވަނީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޯއިން 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް ބޮޑު ކުރުމަށް ނިންމާ، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނު ކޮށްފަ އެވެ.

މިއަހަރުގެ މިހާތަނަށް އެ ގައުމުން ބައި ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ.

މޯޯލްޑިވިއަން އިން އިންޑިއާގެ އެންމެ ބޮޑު އެއް ސިޓީ އާއި ރާއްޖެ ގުޅާލާއިރު އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އިންޑިއާގެ އިންޑިގޯ، ވިސްޓާރާ އަދި ގޯއެއާއިން މާލެއާއި މުމްބާއީއާ ދެމެދު ސީދާ ދަތުރުތައް ކުރެއެވެ.

comment ކޮމެންޓް