އެވިޑް ކޮލެޖުން ސީޓީއެޗު ކޯސްތަކެއް ފަށަނީ

އެވިޑު ކޮލެޖުން ކުރިއަށްގެންދިޔަ ހަފްލާ---

އިނގިރޭސިވިލާތުގެ ކޮންފެޑެރޭޝަން އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް(ސީޓީއެޗް)ގެ ކޯސްތަކެއް އެވިޑު ކޮލެޖުގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

މިއީ ފަތުރުވެރިކަމާއި ހިދުމަތުގެ ދާއިރާއަށް ބޭނުންވާ ފަންނުވެރިން ތަމްރީނުކުރުމަށް ހާއްސަ ކޯސްތަކެއް ކަމަށް އެ ކޮލެޖުން ބުންޏެވެ.

އެވިޑްކޮލެޖުން ފަށާ ސީޓީއެޗް ކޯސްތައް އިފްތިތާހް ކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ހަފްލާގައި މިިނިސްޓަރު މައުސޫމް ވިދާޅުވީ އެ ޕްރޮގްރާމްގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހިން ތަމްރީނުކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށެވެ.

ސީޓީއެޗްގެ މި ޕްރޮގްރާމްތަކުގެ ތެރޭގައި ފައުންޑޭޝަން ލެވެލް، ޑިޕްލޮމާ އަދި އެޑްވާންސް ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިމެނޭ ކަމަށާއި އެޑްވާންސް ޑިޕްލޮމާ ނިންމާ ދަރިވަރުންނަށް އިނގިރޭސިވިލާތް ނުވަތަ އޮސްޓްރޭލިޔާގެ ބައެއް ޔުނިވާސިޓިތަކުގައި ޑިގްރީގެ ފަހު އަހަރު ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެވިޑްކޮލެޖުން ބުންޏެވެ.

އެފަދަ ޔުނިވާސިޓީއެއްގެ ޑިގްރީ ފަހު އަހަރު ރާއްޖޭގައި ތިބިގެން ފުރިހަމަ ކުރެވޭނެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެވިޑުން ބުންޏެވެ.

އެ ހުރިހާ ޕްރޮގްރާމްތަކަކީ ވެސް ފަތުރުވެރިކަމާއި ހިދުމަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ދަރިވަރުންނަށް ރަނުގެ ފުރުސަތަކަށް ވެގެން ދާނެ ކަމަށް އެވިޑުން ބުންޏެވެ.

އެވިޑުން ފަށާ ކޯސް ތަކުގެ ތެރޭގައި ހިމެނެނީ: ލެވެލް ތިނެއް، ޑިޕޮލަމާ އިން ހޮސްޕޮޓަލީ މެނޭޖުމަންޓް، ލެވެލް ތިނެއް، ފައުންޑޭޝަން ޑިޕޮލަމާ އިން ހޮސްޕިޓަލީ އަދި ޓޫރިޒަމް ލެވެލް ހަތަރެއް، ޑިޕޮލަމާ އިން ހޮސްޕިޓަލިޓީ، މެނެޖޭޖްމަންޓް ލެވެލް، ހަތަރެއް، ޑިޕޮލަމާ އިން ޓޫރިޒަމް މެނޭޖުމަންޓް، ލެވެލް ފަހެއް ފަހެއް، އެޑްވާންސް ޑިޕޮލަމާ، އިން ހޮސްޕިޓަލިޓީ މެނޭޖުމަންޓް، ލެވެލް ފަހެއް، އެޑްވާންސް ޑިޕޮލަމާ އިން ޓޫރިޒަމް މެނޭޖުމަންޓް އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ވިދާޅުވީ 1982 ވަނަ އަހަރުގައި އިނގިރޭސިވިލާތުގައި އުފެދުނު ކޮންފެޑެރޭޝަން އޮފް ޓުއަރިޒްމް އެންޑް ހޮސްޕިޓަލިޓީ އަކީ ދުނިޔޭގައި ނަން މަޝްހޫރު އަދި އެބައެއްގެ ތަޖުރިބާ މުޅި ދުނިޔެއައް ފޯރުވަމުން ދާ ގޯލްޑް ސްޓޭންޑާޑް ކޯސްތަކެއް ހިންގަމުން ގެންދާ ބައެއްކަމަށެވެ.

އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުގައި 250 އަށްވުރެ ގިނަ ސެންޓަރުތަކުގައި ސީޓީއެޗްގެ ކޯސްތައް ކާމިޔާބު ކަމާއެކު ހިންގަމުން ގެންދާކަމަށާއި އެ ކޯސްތަކުގައި ކިޔަވައިދޭނީ ދާއިރާގައި ތަޖުރިބާ ލިބިފައިތިއްބެވި އިލްމީގޮތުން ފުންނާބުއުސް ލެކްޗަރާއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އެވިޑު ކޮލެޖުން ބުނީ ޓުއަރިޒަމްގެ ދާއިރާއިން ޕީއެޗްޑީ ހާޞިލްކުރައްވާފައިވާ ޑރ. ޒަކިއްޔާ މިހާރު ފުލްޓައިމްކޮށް ކިޔަވައިދެއްވުމަށް އެވިޑް ކޮލެޖާ ގުޅިވަޑައިގެންފައި ވާކަމަށެވެ.

އެވިޑް ކޮލެޖްގެ އަމާޒަކީ އެ ކޮލެޖުން ހިންގާ ކޯސްތަކަކީ ފެންވަރު ރަނގަޅު ކޯސްތަކެއް ކަމުގައި ހެދުން ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އަމާޒުކޮށް ސީޓީއެޗްގެ މެނޭޖްމަންޓް ކޯސްތަކެއް ހިންގުމަށް ވެސް ނިންމާފައިވާ ކަމަށް އެވިޑުން ބުންޏެވެ.

އެވިޑް ކޮލެޖުން ވަނީ ބަނޑޮސް މޯލްޑިވްސް ރިސޯޓާއެކު، ދަރިވަރުންގެ އިންޓާންޝިޕް ފުރުސަތު ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އަދި އިތުރު ރިސޯޓްތަކާއެކު ވެސް މިފަދަ އެމްއޯޔޫތަކުގައި ސޮއިކުރަން ނިންމާފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.

comment ކޮމެންޓް