އެތުލެޓިކޯ އެއްވަރުވި އިރު، ރެއާލް ދެވަނައަށް

ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 1-2 ގެ ނަތީޖާ އަކުން --- ފޮޓޯ/ގެޓީ އިމޭޖެސް

ސްޕެނިޝް ލީގުގައި ރޭ ގެޓާފޭއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރި މެޗު އެއްވަރުވި އިރު، އެލްޗޭ އަތުން މޮޅުވެ ރެއާލް މެޑްރިޑް ދެވަނައަށް ޖެހިލައިފި އެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އެ ޓީމުން ވަނީ ވަގުތީ ގޮތުން ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅުނު 27 މެޗުން 57 ޕޮއިންޓް ހޯދައިގެން ރެއާލް ދެވަނައަށް ޖެހިލި ނަމަވެސް، ފުލުގައި އޮތް ހުއެސްކާ އަތުން ބާސެލޯނާ މޮޅުވެއްޖެ ނަމަ އެ ޓީމު ދެވަނައަށް އަރާނެ އެވެ. އެއް މެޗު މަދުން ކުޅެގެން 56 ޕޮއިންޓާ އެކު މިވަގުތު ބާސާ އޮތް އިރު، އެތުލެޓިކޯ ރޭ ގެޓާފާއާ ދެކޮޅަށް ކުޅުނު މެޗުން 0-0 އިން އެއްވަރުމުން އެ ޓީމު އެއްވަނާގައި އަދި އޮތީ 63 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގެ އެއްވަނައިގެ ވާދަވެރިކަން ބޮޑުވެ، ތިން ކުލަބުގެ ގަދަ ހިފުމަކަށް ގޮސްފައިވާ އިރު، ލީޑު ފުޅާ ކުރަން އެތުލެޓިކޯއަށް ލިބުނު ފުރުސަތު ވަނީ ނަގާލައިފަ އެވެ. އޭގެ ކުރިން ރެއާލާއި އެތުލެޓިކޯ ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ރޭގެ މެޗުން މޮޅުވެގެން ރެއާލް ވަނީ ފަރަގު ކުޑަ ކޮށްފަ އެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް ފުރަތަމަ ހާފު ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. ދެވަނަ ހާފުގެ ކުރީކޮޅު އެލްޗޭއިން ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ޑިފެންޑަރު ޑެނީ ކާވޯ ޖަހައިދިން އެ ގޯލާ އެކު ރެއާލަށް ޕްރެޝަރު ބޮޑުވެފައި ވަނިކޮށް، ރެއާލަށް 73 ވަނަ މިނަޓުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރީމް ބެންޒެމާ އެވެ.

ބެންޒެމާ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެެފްރީ އިތުރަށް ދެއްކި ވަގުތުގައި އިތުރު ގޯލެއް ޖަހައި މެޗުން ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ. މި ގޯލާ އެކު އޭނާ ވަނީ މިފަހަރުގެ ލީގުގައި 15 ގޯލު ހަމަކޮށްފަ އެވެ. ބެންޒެމާއަށް ވުރެން އިތުރަށް މިފަހަރުގެ ލީގުގައި ގޯލު ޖަހާފައި ވަނީ އެތުލެޓިކޯ މެޑްރިޑުގެ ލުއިސް ސުއަރޭޒްއާއި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ.

comment ކޮމެންޓް