ކެފޭ/ރެސްޓޯރެންޓްތަކަށް އެޅި ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލައިފި

މާލޭގެ ރެސްޓޯރަންޓެގައި ބަޔަކު ޚިދުމަތް ހޯދަނީ --- ސަން ފޮޓޯ/ އަހްމަދުﷲ އަބްދުލްހާދީ

މާލެ ސިޓީގެ ކާބޯތަކެތީގެ ހިދުމަތްދޭ ކެފޭ އަދި ރެސްޓޯރެންޓުތަކަށް އެޗްޕީއޭއިން އެޅި ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދިގު ދަންމާލައިފި އެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރޭގަނޑު 8:00އިން ފެށިގެން މާލެ ސިޓީގެ ކެފޭ އަދި ރެސްޓޯރަންޓުތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މަނާކުރީ މިދިޔަ މަހު 27ގައެވެ.

އެ ފިޔަވަޅާއެކު، ރޭގަނޑު 8:00 ން 10:30 އަށް މާލޭ ސިޓީގެ ކެފޭ ރެސްޓޯރަންޓުތަކުން ދެވޭނީ ޑެލިވަރީ އަދި ޓޭކް އަވޭގެ ހިދުމަތް އެކަނި އެވެ. އެންމެ ފަހުން ހަފްތާއެއްގެ މުއްދަތަށް އެޅި އެ ފިޔަވަޅުތަކުގެ މުއްދަތު ހަމަވަނީ މިރޭ 12:00އަށެވެ.

އެ ފިޔަވަޅު އިތުރު ހަތް ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހާ ތަންތަން ހިމެނޭނެ އެވެ. އަދި ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތްތައް ވެސް 22:30 އިން ފެށިގެން ހުއްޓާލަން ޖެހޭނެ އެވެ.

އެޗްއީއޯސީން މީގެކުރިން ބުނެފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ކެފޭ، ރެސްޓޯރަންޓުތަކަށް ގޮސް މާސްކް ނާޅައި ގިނަ ވަގުތު ވާހަކަދައްކަން ތިބޭކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހައި ރިސްކު އެކްޓިވިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެތަށް ދުވަހަކަށްފަހު، މިއަދު ރާއްޖޭގެ ކޭސްތައް ވަނީ 100އިން ތިރިވެފައެވ. އެގޮތުން މިއަދު ރާއްޖެއިން ކޮވިޑަށް 94 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން 100އިން ކޭސްތައް ތިރިވެފައިވަނީ މިމަހު ހަ ހަވަނަ ދުވަހުއެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 21،476އަށް އަރާފައެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 187 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 18،967 އެވެ.
ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،438 އެވެ. އޭގެ ތެރެއިން 136 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 64 އެވެ.

comment ކޮމެންޓް