300 އަހަރުވަންދެން ބަންދުކޮށްފައިވާ ސިޓީއެއް ހުޅުވީ އެކްސްރޭ މެޝިނަކުން

300 އަހަރުވީ ސިޓީއެއް--ފޮޓޯ:ސީއެންއެން

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިއަދު އެކިއެކި ޕާސްވޯޑާއި، ސިއްރު ކޯޑުތަކުގެ އެހީގައި ސިއްރު މެސެޖުތައް ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ސިކުންތުތަކެއްގެ ތެރޭ ފޮނުވާލެވުނަސް، މީގެ ގަރުނުތައް ކުރިން އެއީ ދުނިޔެ ނުވެސް ދަންނަ ކަންކަމެވެ. އޭރު ކިތަންމެ ބޮޑު ވާހަކައެއްވެސް ސިއްރު ވާހަކައެއް ވެސް އަދި ކުޑަ ވާހަކައެއްވެސް އަނެކާ ގާތުގައި ބުނަންޖެހެނީ ސިޓީއަކުންނެވެ.

މިގޮތުން ސައިންސްވެރިންތަކެއް މިވަނީ މީގެ 300 އަހަރު ކުރިން މިގޮތަށް ލިޔެ އަދި ސިއްރުކުރުމުގެ ގޮތުން ބަންދުކުރި ސިޓީއެއް ހުޅުވާލާފަ އެވެ.

300 އަހަރުވީ ސިޓީއެއް--ފޮޓޯ:ސީއެންއެން

އެދުވަސްވަރު އެންމެ އާންމުކޮށް މިފަދަ ސިއްރު ސިޓީތައް ބަންދުކުރެވިފައިވަނީ 'ލެޓާ ލޮކިން ޓެކްނިކް' ކަމުގައިވާ ކަރުދާސް ގަނޑެއް ސިޓީއުރައެއްހެން ފަށްޖަހައިންނެވެ. މި ސިއްރު އުކުޅު ހާމަވެގެންދިޔައީ 1689 އާއި 1706 އާއި ދެމެދު ނެދަލެންޑްސްގެ ދަ ހޭގް އަށް ފޮނުވި 577 ސިޓީ އޭގެ ވެރިފަރާތަށް ރައްދުނުވެ އޮތުމުންނެވެ.

އެ ސިޓީތައް ރައްކާކުރި ފަރާތުން މި ހުރިހާ ދުވަހު ސިޓީތައް ނުހުޅުވާ ބެހެއްޓީ ސިޓީތަކަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައެވެ. ނަމަވެސް މިފަހުން ޓެކްނޮލޮޖީގެ އެހީގައި ސިޓީތައް މިވަނީ ވާޗުއަލްކޮށް ހުޅުވާ އަދި ކިޔާވެސްފައެވެ.

މިކަންކޮށްފައިވަނީ އާންމުކޮށް ދަތުގައި މިނަރަލް ހުންނަ މިންވަރު ދެނެގަތުމަށް ބޭނުންކުރެވޭ ހައިލީ ސެންސިޓިވް އެކްސްރޭ ސްކޭނާއަކުންނާއި އަލްގޯރިދަމް ބޭނުންކޮށްގެނެވެ.

1697 ގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ފްރެންޗް ބަހުން ލިޔެފައިވާ މި ސިޓީގައި އެދިފައިވަނީ ގާތް ތިމާގި މީހެއްގެ މަރުގެ ސެޓްފިކެޓް ނުވަތަ މަރުވިކަން އަންގައިދޭ ލިޔުން ދިނުމަށެވެ. ކަރުދާސް ފަނިކައިފައި އޮތުމުން ލިޔުމުގެ ބައެއް އުނިވެފައިވާއިރު، މި ސިޓީވަނީ ދިރާސާކުރުމުގެ ބޭނުމުގައި މިހާރު އިނގިރޭސި ބަހަށް ތަރުޖަމާވެސް ކޮށްފައެވެ.

ސިޓީގައިވާ ވާހަކަތަކުގެ އަލީގައި އެދުވަސްވަރުގެ އާންމު މީހުންގެ ދިރިއުޅުމުގެ ބައެއް އާދަތަކާއި ބެހޭގޮތުން އިތުރަށް ހޯދިފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ. މިގޮތުން އެދުވަސްވަރު މަރުގެ ނޯޓިސް އެހާ މުހިންމުވި ސަބަބެއްކަމުގައި ބެލެވެނީ ވާރުތަމުދާ ހޯދުމެވެ.

ދަ ހޭގް ގެ ދާރުލްއާސާރަކަށް މި ސިޓީތައް ލިބުނީ ޕޯސްޓްގެ ހިދުމަތްދެމުންގެންދިޔަ ދެމަފިރިއެއްގެ ފަރާތުންނެވެ. މި ސިޓީތަކާއިއެކު، ހުޅުވާފައިވާ 2751 ސިޓީއާއި، އަދި އެނޫންވެސް ކުދިކުދި ލިޔުންތައް ހުއްޓެވެ.

300 އަހަރުވީ ސިޓީއެއް--ފޮޓޯ:ސީއެންއެން

ޕޯސްޓޭޖް ސްޓޭމްޕްއާއި އާއި ސިޓީ ފޮނުވާ އަދި ލިބެންވީ ފަރާތްތަކުގެ މާ ބޮޑު ތަފްސީލެއް ނުހުންނަ އެ ޒަމާނުގައި ޑެލިވަރީގެ ހަރަދުތަކާއި ޕޯސްޓަލް ހަރަދުތަކަށް ޒިންމާވާންޖެހެނީވެސް ސިިޓީ ލިބޭ ފަރާތްތަކުންނެވެ. އެހެންކަމުން ޑެލިވާ ނުވާ ސިޓީއަކަށް އެއްވެސް އަގެއް ނުލިބޭނެއެވެ.

މި ސްކޭން އަކީ ސީޓީ ސްކޭންއަކާއި ދާދި އެއްގޮތް ސްކޭންއެކެވެ. އެހެންނަމަވެސް މި ސްކޭންގައި ބޭނުންކުރަނީ ލިޔެފައިވާ ގަލަމުގެ ދެލީގައި ހުންނަ ދަގަނޑުގެ މާއްދާތައް ދެނެގަނެވޭހާ ބާރުގަދަ އެކްސްރޭ އެކެވެ.

comment ކޮމެންޓް