ހޮންކޮންގްގެ އިންތިހާބީ ނިޒާމަށް ބަދަލު ގެންނަން ޗައިނާއިން ފާސްކޮށްފި

ހޮންކޮންގްގެ އިންތިހާބީ ނިޒާމަށް ބަދަލު ގެންނަން ރާވާ ގަރާރެއް ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ)އިން ވަނީ ފާސްކޮށްފަ -- ފޮޓޯ: ގެޓީ

ބެއިޖިން (މާޗް 11): ހޮންކޮންގްގެ އިންތިހާބީ ނިޒާމަށް ބަދަލު ގެންނަން ރާވާ ގަރާރެއް ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ)އިން ފާސްކޮށްފި އެވެ.

ޗައިނާގެ އެކި ސަރަހައްދުތައް ތަމްސީލުކޮށްދޭ ގާތްގަނޑަކަށް 3،000 ޑެލިގޭޓުން ހިމެނޭ އެގައުމުގެ އެންމެ ބާރުގަދަ އިދާރާ ކަމަށްވާ އެންޕީސީގެ ބައްދަލުވުމެއްގައި ހޮންކޮންގްގެ އިންތިހާބާ ބެހޭ ގަރާރު ފާސް ކުރަން 2,895 މެމްބަރުން ވޯޓު ދިނެވެ. އަދި އެ ގަރާރާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެ އެވެ.

ޗައިނާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ގަރާރުގެ ދަށުން، ހޮންކޮންގްގައި އިސްކޮށް ތިބޭނީ "ގައުމު ދެކެ ލޯބިވާ" މީހުންކަން ޔަގީން ކުރެވޭނެ ފަދަ ބަދަލުތަކެއް ގެންނާނެ އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި ގޮތުގައި އެ ގަރާރުގެ ދަށުން ހޮންކޮންގްގެ ލީޑަރު ހޮވާ އިލެކްޓޯރަލް ކޮމިޓީ އާއި ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ އަދަދު އިތުރު ކުރާނެ އެވެ.

ހޮންކޮންގްގެ ލެޖިސްލޭޓިވް ކައުންސިލްގައި މިހާރު ހުރި 70 ގޮނޑީގެ ތެރެއިން ސީދާ ވޯޓުން މެމްބަރުން ހޮވަނީ ދެބައިކުޅަ އެއްބައި ގޮނޑިއަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އޭގެ ތެރެއިން ބައެއް ގޮނޑިތަކަށް ޗައިނާގެ ނުފޫޒާ ދެކޮޅު މެމްބަރުން ހޮވިފައިވެ އެވެ.

ޗައިނާއިން ފާސްކުރި ގަރާރުގެ ދަށުން، އެގައުމުގެ މައި ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ތިއްބަވާ އިލެކްޓޯރަލް ކޮމިޓީގެ ބާރު ލެޖިސްލޭޓިވް ކައުންސިލްގެ މައްޗަށް އޮންނަ މިންވަރު އިތުރު ކުރާނެ އެވެ. އަދި އެ ކައުންސިލަށް ވާދަ ކުރާ ކެންޑިޑޭޓުން ރިވިއު ކުރުމުގެ ބާރު އިލެކްޓޯރަލް ކޮމިޓީއަށް ދޭނެ އެވެ. އެގޮތުން ޗައިނާގެ އަމަނާ ބެހޭ ގާނޫނާ އެ ކެންޑިޑޭޓުން ހިލާފުވެފައި ވޭތޯ ބަލާނެ އެވެ.

ޗައިނާއިން މިދިޔަ އަހަރުގެ ޖުލައި މަހު ފާސް ކުރި ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނުގައި ވަނީ ހޮންކޮންގްއިން ޗައިނާގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރުމާއި ޓެރަރިޒަމްގެ އަމަލުތަކާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ސިއްރިއްޔާތުގައި މަސައްކަތް ކުރުން މަނާކޮށްފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އުމުރަށް ޖަލަށް ލެވިދާނެ ކަމަށް ކަނޑައަޅާފަ އެވެ.

އެންޕީސީން ފާސް ކުރި ގަރާރާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރަމުން އިނގިރޭސިވިލާތުން ވަނީ އެ ގަރާރު 1984 ވަނަ އަހަރުގެ ސައިނޯ-ބްރިޓިޝް ޖޮއިންޓް ޑެކްލަރޭޝަންއާ ފުށޫ އަރާތޯ ބަލާނެ ކަމަށް ބުނެފަ އެވެ. އެ ޑެކްލަރޭޝަނުގައި ޗައިނާއިން ވަނީ ހޮންކޮންގްގައި "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" ނިޒާމު ހިންގާނެ ކަމަށް އެއްބަސްވެފަ އެވެ. އޭގެ ސަބަބުން ޗައިނާގެ ރައްޔިތުންނާ އަޅާ ބަލާއިރު ހޮންކޮންގްގެ ރައްޔިތުންނަށް ލިބޭ ސިޔާސީ އަދި ޝަރުއީ މިނިވަންކަން ބޮޑެވެ.

ނަމަވެސް ފާއިތުވި އަހަރުތަކުގައި ޗައިނާއިން ދަނީ އެ މިނިވަންކަން ނިގުޅައިގަންނަމުން ކަމަށް ހޮންކޮންގްގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބުނެ އެވެ.

comment ކޮމެންޓް