ޖަޕާނުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް 15.9 މިލިއަން ރުފިޔާގެ އެހީދީފި

ފެބްރުއަރީ 1، 2021: ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ސޯޝަލް ސެންޓަރުގައި ފެށުން: ރާއްޖޭގައި ބޭނުންކުރަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަޕާނު ސަރުކާރުން ރާއްޖޭގައި ކުރިޔަށްގެންދާ ކޮވިޑް-19 ވެކްސިން ޕްރޮގްރާމް މެނޭޖުކުރުމަށް 15.9 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ.

ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން އެހީއަކީ ޔުނިސެފް މެދުވެރިކޮށް ރާއްޖެއަށް ފޯރުކޮށްދިން އެހީއެކެވެ. މި އެހީއަކީ ރާއްޖޭގައި ކުރިޔަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ސަޕްލައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދަން ބޭނުންވާ ކޯލްޑް ޗެއިން އިކުއިޕްމެންޓް (ސީސީއީ) އިތުރުކުރުމަށް ފޯރުކޮށްދިން އެހީއެކެވެ.

ޔުނިސެފްއިން ބުނިގޮތުގައި މި އެހީގެ ދަށުން ހޯދޭ އާލާތްތަކަކީ ރާއްޖޭގައި ޖަހާ ކޮވިޑް-19 ވެކްސިން ރައްކާތެރިކުރުމަށް ބޭނުންކުރެވޭ އާލާތްތަކެވެ. އޭގެ ތެރޭގައި ޑްރައި-އައިސް އުފައްދާ މެޝިން، އައިސް-ލައިންޑް ފްރިޖް، އަދި މި ތަކެތި އިންސްޓޯލްކުރުމަށް ބޭނުންވާ ލޮޖިސްޓިކަލް އެހީތެރިކަންވެސް ފޯރުކޮށްދެވޭނެކަމަށް ރާއްޖޭގައި ހުންނަ ޔުނިސެފް އޮފީހުން ބުންޏެވެ.

މި އެހީގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ އިތުރުން މުވައްޒަފުން ސީސީއީ އިކުއިޕްމެންޓްތަކަށް ފަރިތަވެ އެ ދާއިރާގެ ކެޕޭސިޓީވެސް އިތުރުވެގެންދާނެކަމަށް ޔުނިސެފްއިން ބުންޏެވެ. މީގެ އިތުރުންވެސް ވެކްސިން މެނޭޖުކުރުމުގައި ކޯޑިނޭޝަން އަދި ލަފާދިނުމުގެ މަސައްކަތް، މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަދި އުސޫލުތައް އުފެއްދުމުގެ މަސައްކަތް ކުރެވޭނެކަމަށް ޔުނިސެފްއިން ބުންޏެވެ.

ފެބްރުއަރީ 1، 2021: ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ސޯޝަލް ސެންޓަރުގައި ފެށުން: ރާއްޖޭގައި ބޭނުންކުރަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަޕާނުގެ އެހީއާއިއެކު ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. ރާއްޖެއަކީ ޖަޕާނު ސަރުކާރުން ޔުނިސެފް މެދުވެރިކޮށް ކުރިޔަށްގެންދާ "ލާސްޓް ވަން މައިލް ސަޕޯޓު" ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭ 25 ގައުމުގެ ތެރެއިން އެއް ގައުމެވެ. މި ޕްރޮގްރާމަކީ ކޯވެކްސް ފެސިލިޓީއާއިއެކު ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.

ޔުނިސެފް އަކީ ރާއްޖޭގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރިޔަށްގެންދާ ގައުމީ މަސައްކަތުގެ މުހިންމު ބައިވެރިއެކެވެ. ޔުނިސެފްގެ މަސައްކަތްތަކުގެ ތެރޭގައި ވެކްސިންއާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުވުން އަދި ވެކްސިންގެ މަސައްކަތަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

ޖަޕާނަކީ ރާއްޖެއާއިއެކު އެކުވެރި ބަދަހި ގުޅުމެއް ޒަމާނުއްސުރެ އޮންނަ ގައުމެއްކަމުގައިވާއިރު ކޮވިޑުގެ ހާލަތާއިއެކު އެގައުމުން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފަ އެވެ. އެގޮތުން ޖަޕާނުން ވަނީ މީގެ އެއް މަސް ދުވަސް ކުރިން ރާއްޖެއަށް 5.6 މިލިއަން ޑޮލަރުގެ އަގުހުރި ސިއްހީ ސާމާނު ހަދިޔާކޮށްފަ އެވެ. އޭގެ އިތުރުންވެސް ކޮވިޑުގެ ހާލަތާއިއެކު ޖަޕާނުން ވަނީ މިދިޔަ އަހަރު ތެރޭ ރާއްޖެއަށް 47 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށްވެސް އެއްބަސްވެފަ އެވެ.

comment ކޮމެންޓް