މަލީހު ޖޭޕީއިން ވަކިވެވަޑައިގެންފި

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފި އެވެ.

މަލީހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖޭޕީގެ އަޑު ސަރުކާރުގެ ތެރޭގައި އެންމެ އިހުލާސްތެރިކޮށް އުފުލި މީހާއާ ދޭތެރޭގައި އެމްޑީޕީއިން ބޭއިންސާފުން ކަންތައް ކުރި އިރު ޖޭޕީއިން ހުރީ ހަނު ކަމަށެވެ. އެކަމާ ގުޅިގެން، އޭނާ ޖޭޕީއިން ދުރަށް ޖެހިވަޑައިގަންނަވަން ނިންމާފައިވާކަން ހާމަކުރެއްވި އެވެ.

ނަމަވެސް، ބޮޑެތި ތުހުމަތުތައްކޮށް މަގާމުން ވަކި ކުރި މީހުން އަދިވެސް ޖޭޕީގައި އެބަ ތިބިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާ އެހެން ވިދާޅުވެފައިވާއިރު، ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ދައުވާކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ މެދު ޖޭޕީއިން ފިޔަވަޅެއް އެޅި ކަމެއް އެނގިފައި ނެތެވެ.

"ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއި އެކު އުފުލި މީހާއާއި ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރު ހަނު. ބޮޑެތި ތުހުމަތުތަކާއި އެކު ވަކި ކުރެވުނެ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާ. ކޯލިޝަންގައި ދަލު ބޭރުން. މިވަގުތު ޖޭޕީއާއި ފެޔަށް ޖެހިލާނަން،" މަލީހު ކުރި ޓްވީޓުގައިވެ އެވެ.

އޭނާ އެހެން ޓްވީޓު ކުރެއްވީ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި އޮއްވާ، ޒަހާގެ ދިފާއުގައި އެމްއާރްއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގެ ސްކްރީންޝޮޓަކާއެކު އެވެ. އަދި އޭނާ އެ ޓްވީޓު ކުރެއްވީ އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ގާސިމް ވިދާޅުވުމާ ގުޅޭގޮތުން ލިޔުނު ހަބަރަކާ ގުޅިގެންނެވެ.

މަލީހު ވަނީ މި ހަފްތާގެ ތެރޭގައި ފުވައްމުލަކުގައި ޕީޕީއެމް-ޕީއެންސީގެ ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެެރިވެފަ އެވެ. އޭނާއަށް ފިޔަވަަޅު އަޅާނެ ކަމަށް ގާސިމް ވިދާޅުވީ އެކަމާ ގުޅިގެންނެވެ.

މަލީހް މީގެ ކުރިން "ސަން"އަށް ވިދާޅުވެފައި ވަނީ، އޭނާ އިދިކޮޅުގެ ހަރަކާތުގައި ބައިވެރިވީ އޭނާ ނިސްބަތްވާ ފުވައްމުލަކު ޒުވާނުންގެ ދައުވަތަކަށް ކަމަށާއި އެއީ އެއްވެސް ހާލެއްގައި އިދިކޮޅު ކޯލިޝަންއާ ގުޅުމެއް ނޫން ކަމަށެވެ. އިދިކޮޅު ކޯލިޝަންއާ ރަސްމީކޮށް ނުގުޅުނު ނަމަވެސް، އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް