ފެބްރުއަރީ މަހު ޓެކްސް އާމްދަނީ އަށް 994 މިލިއަން

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ\

މިއަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 994.12 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޓެކްސް އިދާރާ، މީރާ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު މިއީ ފެބްރުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 41.2 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނީ ލަފާކުރި އަދަދަށްވުރެ ޓެކްސް އާމްދަނީ އިތުރުވީ ކުރިން އަންދާޒާ ކުރި ވަރަށްވުރެ ގިނައިން ޓޫރިސްޓުން އައިސްފައިވުމާއި، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު އިތުރުވެފައިވާތީ، އެއާޕޯޓު ޓެކްސް އާއި ފީ އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ.

މީރާ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ ތެރޭ ޑޮލަރުން ލިބުނު 41.71 މިލިއަން ޑޮލަރުވެސް ހިމެނެ އެވެ.

ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ 67.7 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޖީއެސްޓީގެ ގޮތުގައި 672 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ލިބިފަ އެވެ.

ދެވަނަ އަށް އެންމެ ގިނަ އާމްދަނީ ލިބުނީ އިންކަމް ޓެކުހުގެ ގޮތުގައެވެ. އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު 107 މިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 10.8 ޕަސެންޓެވެ.

މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 63.5 މިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 6.4 ޕަސެންޓެވެ.

ފެބްރުއަރީ މަހު އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 34 މިލިއަން ރުފިޔާ ލިބުނުއިރު، އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބުނީ 33.4 މިލިއަން ރުފިޔާ އެވެ.

ބިޒްނަސް ޕާމިޓް ދޫކޮށްގެން އެ މުއްދަތުގައި 4.6 މިލިއަން ރުފިޔާ ލިބުނުއިރު ޖޫރިމަނާގެ ގޮތުގައި 10.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީގެ އިތުރުން ރެޒިޑެންޓް ޕާމިޓް ދޫކޮށްގެން މިިދޔަ މަހު 15.9 މިލިއަން ރުފިޔާ، ނަން ޓޫރިޒަމް ޕްރޮޕަޓީ އިންކަމްގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ފެބްރުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި 4.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ހިސާބުތައް ދައްކަ އެވެ.

comment ކޮމެންޓް