މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިމެއް ހިއްކަނީ

މާލެ ސިޓީ މަތިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

މާލޭ ރައްޔިތުންނަށް ގޯތި ކަނޑާފައި ދިނުމަށް މާލެ ކައިރިން ބިމެއް ހިއްކުމަށް ސަރުކާރުން ނިންމައިފި އެވެ.

ގަލޮޅު އުތުުރު ދާއިރާގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށް ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި އެވެ.

މިނިސްޓަރު ސުވާލަށް ޖަވާބުދެއްވުމުން އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި މެމްބަރު އީވާ ވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ވިސްނުން ގެންގުޅޭ ކަަމަށް މިދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ އެކަމާ ބެހޭ ގޮތުން ސުވާލުކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ވިސްނުން ހާމަކުރެއްވީ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭން "ރަށްވެހި ފަތިސް"ގެ ތެރެއިން ބޭއްވި ކެމްޕޭން ބައްދަލުވުމެއްގަ އެވެ. ނަމަވެސް އެއީ ކޮން ބިމެއް ކަމެއް ރައީސް ހާމައެއް ނުކުރައްވަ އެވެ.

މަޖިލީހުގައި މިއަދު ޖަވާބުދެއްވަމުން ޕްލޭނިންގް މިނިސްޓަރު އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހަފްތާގައި އެ މަޝްރޫއާ ބެހޭ ގޮތުން އެމިންވަރަށް ހާމަކުރައްވާފައިވާ ކަމަށާއި އަދި އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލުތައް ވެސް އިއުލާނުކުރައްވާނީ ފަހުގެ ތާރީހެއްގައި ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

"އަޅުގަނޑަށް އެނގެނީ ސަރުކާރުގެ ވިސްނުމެއް އެބަ އޮތްކަން؛ އިތުރު ބިމެއްގެ ވިސްނުމެއް، މާލޭ ރައްޔިތުންނަށް. މިކަން އިއުލާނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ. ރައީސް އެކަން އިއުލާނު ނުކުރައްވާ އެ އޮތީ އެ މަޝްރޫއު އެމަނިކުފާނު ގަބޫލުކުރައްވާ ގޮތަށް ގެންދެވޭ ހިސާބަށް، އަދި އެވަރަށް ފަރމް [ޔަގީން]ކަމާ އެކީގައި ކުރެވެން ނެތީމާ. ނަމަވެސް ވަކި ހިސާބަކަށް އާދެވުނީމާ އެވާހަކަ [މިދިޔަ ހަފްތާގައި] ވިދާޅުވެފައި އެ އޮތީ،" އަސްލަމް ވިދާޅުވި އެވެ.

މެމްބަރު އީވާގެ ސުވާލަށް މާ ބޮޑު ތަފްސީލު ދެއްވެން ނެތަތީ މާފަށް އެދިވަޑައިގަންނަވަމުން އަސްލަމް ވިދާޅުވީ ރައީސް ދެއްކެވީ "އިތުރު ބިމުގެ މަޝްރޫއެއްގެ ވާހަކަ" ކަމަށެވެ.

"އިތުރު ބިމުގެ މަޝްރޫއެއްގެ ވާހަކަ މި ދައްކަނީއެ ބިމާ އެކީގައި އިތުރު ގޯތީގެ ވާހަކަ މި ދައްކަނީ. އެކަން ދާދި އަވަހަށް އިއުލާނުކުރާނެ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމްގެ ޖަވާބަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމީހަކަށް އެނގިހުރި އެއްޗެއް މަޖިލީހުގައި ސާފުކޮށް ބުނުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. އެއާ އެކު މަޖިލީހުގެ ރައީސަށް ވެސް މަޝްރޫއާ ބެހޭ ގޮތުން އެނގޭ މައުލޫމާތުތައް ހާމަކުރެއްވި އެވެ.

"[ބިން] ހިއްކުމަށް ޓަކައި ބޭނުންވާ ލޯނު، އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ، އެ ލޯނު އައިއެންޖީ ބޭންކުން ނެގުމަށް ސަރުކާރުން މަސައްކަތްކުރަމުން ދަނީ. އެ ލޯނު ލިބުނުހާ އަވަހަކަށް އެތަން ހިއްކޭނެ ކަމަށް ވަނީ. ހިއްކުނީމަ ބިން ކަނޑާފައި ދެވޭނެކަމަށް ވަނީ،" ނަޝީދު ވިދާޅުވި އެވެ.

އައިއެންޖީ ބޭންކަކީ މާލީ ހިދުމަތްތައް ފޯޜުކޮށްދޭ، ނެދަލެންޑްސްގެ މަލްޓިނެޝަނަލް ފައިނޭންޝަލް ސާވިސް ކޯޕަރޭޝަނެކެވެ.

މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތި ނެތް މީހުންނަށް ގޯތި ކަނޑާފައި ދިނުމަށް ސަރުކާރުން ބިމެއް ހިއްކުމަށް ނިންމާފައިވާކަން މިއަދު މަޖިލީހުގައި ހާމަވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ޓަކައި މާލޭގެ ދެކުނުން އޮންނަ ފުށިދިއްގަރުފަޅު ހިއްކުމުގެ ޕްލޭނެއް ގެންގުޅުނެވެ. "ހިޔާ އެކޮމްޕްލިޝްޑް"ގެ ނަމުގައި ހިންގަން އުޅުނު މަޝްރޫއުގައި ފުށިދިއްގަރުފަޅުން 800 ހެކްޓަރު ހިއްކުމަށް ނިންމި އެވެ. އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން "ވިލިމާލެ-2"ގެ ނަމުގައި ގުޅީފަޅުން 230 ހެކްޓަރު ވެސް ހިއްކަން ނިންމި އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ މެދުތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން އިއުލާނުކުރި މި މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް 5،000 އެއްހާ މީހުން ފޯމު ނެގި އެވެ.

comment ކޮމެންޓް