ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރި ލޯނުގެ ގްރޭސްޕީރިއަޑް އިތުރު ކުރަނީ

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަ މަހުގެ މުއްދަތަކަށް އިތުރުކުރުމަށް ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ މި ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވޯކިން ކެޕިޓަލް ފޯރުކޮށްދީ، މި ދަތި ދަނޑިވަޅުން އިގުތިސާދު އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ފަށާފައިވާ ސްކީމެއް ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ މިނިސްޓްރީގެ މަގުސަދު ކަމަށް ވެސް ބުންޏެވެ.

އެގޮތުން މިހާތަނަށް ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ކުންފުނިތަކަށް ވެސް އިތުރު ހަ މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށް، ޖުމްލަ 12 މަހުގެ ގްރޭސް ޕީރިއަޑްއަކަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމުގައި ލޯން އެޕްލިކޭޝަން އިވެލުއޭޓްކުރުމުގައި އެސްޑީއެފްސީ އިން ގެންގުޅެފައިވާ މިންގަނޑުތަކަށް ބަލާނެ ކަމަށް ފިނޭންސް އިން ބުންޏެވެ.

މިއަދުން ފެށިގެން 30 ދުވަސް ތެރޭގައި އެސްޑީއެފްސީ އިން ލޯނު ނަގާފައިވާ ފަރާތްތަކަށް ގްރޭސް ޕީރިއަޑް އިތުރުކުރުމުގެ އެޕްރޫވަލް ޓާމްސްއާއެކު އެސްޑީއެފްސީ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ފިނޭންސް އިން ބުންޏެވެ.

ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން އެސްޑީއެފްސީ އިން އެ ފަރާތްތަކަށް އަންގާތާ 30 ދުވަހުގެ ތެރޭގައި ގްރޭސް ޕީރިއަޑް އެކްސްޓެންޝަން ބަލައިގަނެ، އެކަމަށް ބޭނުންވާ ލިޔެކިޔުން ހަމަކުރަންވާނެ ކަމަށާއި މި އެކްސްޓެންޝަން ރިޖެކްޓްކުރުމުގެ އިހުތިޔާރުވެސް ވިޔަފާރިތަކަށް އޮންނާނެ ކަމަށް ފިނޭންސް އިން ބުންޏެވެ.

މި ނިންމުމުގެ ސަބަބުން ލޯނުގެ ޓެނާ ބަދަލުވާނީ މިކަމަށް ބޭނުންވާ ލިޔެކިޔުން ހަމަކުރުމުން ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.

މި ބަދަލާއެކު، މިހާރު ދޫކޮށްފައިވާ ލޯނުތައް ރީޝެޑިއުލް ނުވަތަ ދެއްކުމުގެ މުއްދަތު އިތުރު ވެގެންދާނެ އެވެ.

ހ. މިހާތަނަށް ގްރޭސް ޕީރިއަޑް ހަމަވެފައިވާ ފަރާތްތަކަށް: މާޗު 2021 ން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް.


ށ. ގްރޭސް ޕީރިއަޑް ހިނގަމުންދާ ލޯނުތައް: ހިނގަމުންދާ ގްރޭސް ޕީރިއަޑް ނިމޭތާ ހަ މަސް ދުވަހުގެ މުއްދަތަކަށް


ނ. ޑިސްބާސް ނުކޮށް ހުރި ލޯނުތަކަށް: ލޯނާއެކު ލިބޭ ހަ މަހުގެ ގްރޭސް ޕީރިއަޑުގެ އިތުރުން، އިތުރު ހަ މަހުގެ މުއްދަތަކަށް އޯވާޑިއު ޕޭމަންޓްތައް ހުރި ފަރާތްތަކުން ގްރޭސް ޕީރިއަޑް އިތުރުކުރާނަމަ، އޯވާޑިއު ޕޭމަންޓްތައް އިތުރުކުރާ ގްރޭސް ޕީރިއަޑްގެ މުއްދަތަށް ބަހާލައިގެން ނުވަތަ އެއްފަހަރާ ދެއްކުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން ލޯނުގެ ފުރަތަމަ ޑިސްބާސްމަންޓް ހަދާތާ ތިން މަސް ދުވަހުގެ ތެރޭގައި އެއްވެސް މުވައްޒަފަކު ވަކިކޮށް، ނުވަތަ މުވައްޒަފެއްގެ މުސާރަ 5,000 ރުފިޔާއަށްވުރެ ދަށްކޮށްފައިވާނަމަ، އެ ވިޔަފާރިން ނަގާފައިވާ ލޯނުގެ ގްރޭސް ޕީރިއަޑް އިތުރު ނުކުރެވޭނެ ކަމަށް ފިނޭންސް އިން ވަނީ ބުނެފަ އެވެ.

ކޮވިޑް ރިކަވަރީ ލޯނުގެ ދަށުން އެސްއެމްއީ ތަކަށް މިހާތަނަށް 355.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.

"ކޮވިޑް 19 ވިޔަފާރި އެހީ"ގެ ނަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެސްޑީއެފްސީ އިން ތައާރަފު ކުރި ލޯނު ސްކީމުގެ ދަށުން 500،000 ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެ އެވެ. މި ލޯނު ދޫކުރަނީ ހަ ޕަސެންޓު އިންޓްރެސްޓުގަ އެވެ.

comment ކޮމެންޓް