ވަޒީފާ އާއި އުމުރުފުރާއަށް ބަލާ ހައުސިން މަޝްރޫއު ދެން ނުހިންގާނަން: އަސްލަމް

ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

މީހާ އަދާކުރާ ވަޒީފާއަށް ބަލައި، ނުވަތަ ވަކި އުމުރުފުރާތަކަކަށް ހުޅުވާލައިގެން ސަރުކާރުން ދެން ހައުސިންގް މަޝްރޫއުތައް ނުހިންގާނެކަމަށް ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް ވިދާޅުވީ ދެން މަޝްރޫއުތައް ހިންގާނީ އާންމުކޮށް އެންމެންނަށް ހުޅުވާލައިގެން ކަމަށާއި ފްލެޓު ދޭ އިރު ބަލާނީ ދިރިއުޅުމުގެ ހާލަތަށާއި އާއިލާގެ ސައިޒަށާއި ލިބޭ އާމްދަނީއަށް ކަމަށެވެ.

ހިޔާ މަޝްރޫއުން ފްލެޓު ނުލިބޭ މީހުންނަށް ބޯހިޔާވަހިކަން ދޭނެ އުސޫލާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އަސްލަމް ވިދާޅުވީ އިތުރު ބޯހިޔާވަހިކަން ގާއިމުކުރަން ޖެހޭ ކަމަށާއި މިވަގުތު ޕްރޮސެސް ހިނގަމުންދާ 11 ހައުސިންގް މަޝްރޫއެއް އެބަ އޮތް ކަމަށެވެ. އަދި އެ ހުރިހާ މަޝްރޫއަކުން ޖުމްލަ 15،222 ހައުސިންގް ޔުނިޓު އެޅޭނެކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި 11 މަޝްރޫއަކީ:

  • އަމަލީ މަޝްރޫއު ހިނގަމުންދާ 2 މަޝްރޫއު
  • އިންޖިނިއަރިން-ޕްރޮކިއުމަންޓް ކޮންޓްރެކްޓުގައި ސޮއިކުރެވިފައިވާ 2 މަޝްރޫއު
  • އެޗްޑީސީން ޓެންޑާ ކުރިއަށް ގެންދާ 2 މަޝްރޫއު
  • ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކުރެވިފައިވާ 2 މަޝްރޫއު
  • ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކުރަން މަޝްވަރާކުރަމުންދާ 2 މަޝްރޫއު
  • 2،000 ހައުސިންގް ޔުނިޓު ހިމެނޭ އިތުރު 1 މަޝްރޫއު

"ރައީސުލްޖުމްހޫރިއްޔާ މި އަހަރުގެ ތެރޭގައި 5،000 ޔުނިޓުުގެ ވާހަކަ އަމަލީ ގޮތުން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައިވާނެ. އެ މަސައްކަތް ހަމަ ޔަގީނުންވެސް ކުރިއަށްދާނެ،" އަސްލަމް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަށް ޖެހިފައިވާ 17،000 އާއިލާ

"އަޅުގަނޑުމެން މާލޭގެ ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ (ގޭބިސީގެ އާމްދަނީއާއި ހަަރަދުތަކާބެހޭ ސާވޭ)، އަދި މީހުން ދިރިއުޅޭ ތަންތަނުގެ ސައިޒަށް ބަލާފައި ހެދި ސާވޭއަކުން އަންނަނީ 17،073. މިއީ އިއްތިފާގެއް ނޫން. މިއީ އައި އަދަދު،،" ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ މީހުންގެ އަދަދު ކަނޑައެޅި ގޮތް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

ހިޔާ މަޝްރޫއު އަދި ސަރުކާރުން މީގެ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއެއްގައިވެސް ހައުސިން ޔުނިޓުތައް ހުންނަނީ އެއް ތައްގަނޑަކަށް އަދި އެއް އަގަކަށްކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ އެންމެންގެ ދިރިއުޅުމުގެ ހާލަތާއި އާމްދަނީއަކީ އެއްހަމަ އެއްޗެއް ނޫން ކަމަށެވެ.

"މީހެއްގެ ދިރިއުޅުމުގެ ހާލަތު ބިނާވަނީ އެމީހެއްގެ ތަނަވަސްކަމަށް. ދިރިއުޅޭ ޖާގައިގެ ތަނަވަސްކަން ބިނާވަނީ އާމްދަނީއަށް. އެހެން ބަލާނަމަ މާލޭގެ އާބާދީ އެބަ ގިންތިކުރެވޭ ހަތަރު ކެޓަގަރީއަކަށް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވަނީ އެ ހަތަރު ކެޓަގަރީއަށް ފެތޭ މީހުން ކަނޑައަޅާ މިންގަނޑުތަކާއި، އެއިން ކޮންމެ ކެޓަގަރީއެއްގެ މީހަކަށް ކުރިމަތިލެވޭނެ ފްލެޓުގެ ކެޓަގަރީގެ ތަފްސީލުތައްވެސް ވިދާޅުވެފަ އެވެ.

އާމްދަނީއަށް ބަލައި، ތިން އަގެއްގެ ތިން ކެޓަގަރީ

އެގޮތުން މިނިސްޓަރު ވިދާޅުވީ މަހަކު ބޮލަކަށް 74 ރުފިޔާ ނުޖެހޭ 3،000 އާއިލާއެއް އެބަ ތިބި ކަމަށާއި އެމީހުންނަށް ދޭންޖެހޭނީ ސަރުކާރުން ވަރަށް ސަބްސިޑައިޒްކޮށްފައިވާ ގެދޮރު ކަމަށެވެ.

"އެކަމަށް ސިޔާސަތުގައި މިހާރު އޮތީ ކައުންސިލް ޕްރޮޕަޓީތަކުގައި ހުންނަ ކައުންސިލް ހައުސިންގް. މާލޭގެ 3،000 މީހުންނަކީ ކައުންސިލް ހައުސިންގްއަށް ފެތޭ މީހުން. އޭގެ ރެންޓު ކޮންޓްރޯލުކުރަން ނިންމާފައިވަނީ މަހަކު 6،000 ރުފިޔާ ދައްކާގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ދެވަނަ ކެޓަގަރީއަކަށް މިނިސްޓަރު ފާހަގަކުރެއްވީ މުޅި އާއިލާގެ ޖުމްލަ އާމްދަނީ މަހަކު 17،000-23،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލިބޭ މީހުންނެވެ. އެއީ މަހުން މަހަށް ހައުސިންއަށް އަގު ދެއްކޭނެ މީހުން ކަމަށާއި ނަމަވެސް ބޭންކުން ހައުސިންގް ލޯނަކަށް އެމީހުންގެ ޝަރުތު ހަމަނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ކެޓަގަރީއަށް ފެތޭ 5،700 އާއިލާ އެބަތިބި ކަމަށާއި، މި އާއިލާތަކަށް މަހުންމަހަށް ކުލި ދައްކައިގެން ދިގުމުއްދަތުން ހަލާސްކުރެވޭނެ ހައުސިންގް ޔުނިޓުތަކެއް އެޅޭނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ކެޓަގަރީއަކީ "އެފޯޑަބަލް ހައުސިންގް ކެޓަގަރީ" ކަމަށާއި މި ކެޓަގަރީގެ މަހު ކުއްޔަކީ 7،000-13،000 ރުފިޔާ އާ ދެމެދުގެ އަދަދެއް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އޭގެ އިތުރުން އާއިލާގެ ޖުމްލަ އާމްދަނީ 32،000-61،000 ރުފިޔާއާ ދެމެދަށް ފެތޭ 5،500 އާއިލާއެއް ވާ ކަމަށާއި މިއީ މިޑްލް އިންކަމް ހައުސިންގް ކެޓަގަރީކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއަށްވުރެ އާމްދަނީ ގިނައިން ލިބޭ އާއިލާތަކަކީ ހައި އިންކަމް މީހުން ކަމަށާއި އެ ކެޓަގަރީއަށް ފެތޭ 3،100 މީހުންގެ ގެދޮރާ ބެހޭ ކަންކަމަށް ސަރުކާރުން ސީދާ އިންޓަވީންކުރަން ބޭނުން ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

https://sun.mv/149899

"އަޅުގަނޑު މި ދަންނަވަނީ ކައުންސިލް ކެޓަގަރީގައި 3،000، އެފޯޑަބަލް ކެޓަގަރީގައި 5،700. މިޑްލް އިންކަމްގައި 5،500 އަޅާނަން އަޅުގަނޑު ކުރިން ދެންނެވި 11 ޕްރޮޖެކްޓުގެ ތެރޭގައި. މި ތިން ކެޓަގަރީއަށް ބަހާލައިގެން ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށް ދާނީ. އެއް ސައިޒަކަށް އެއް އަގެއްގައި ހުންނަ ހައުސިންގް ޔުނިޓުތަކެއް ނޫން ދެން އަޅާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ވަކި ވަޒީފާއެއް ނުވަތަ އުމުރުފުރާއަކަށް ފެތޭތީ ގެދޮރު އަޅައިދިނުމުގެ ސިޔާސަތު ބަދަލުވެއްޖެކަން ހާމަކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ ހައުސިންގް ފޯމުތަކުގައި ދެން ހުށަހަޅާންޖެހޭ މައުލޫމާތުތަކާއި ފޯމުތައް އިވެލުއޭޓުކުރާނެ ގޮތްތައް ވިސްނުމަށްފަހު ތައްޔާރުކުރި ކަރުދާހެއް ކެބިނެޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މިކަންކަން މާލޭ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ މާލޭ ސިޓީގެ މެމްބަރުންނާ މަޝްވަރާކުރުމަށް، ކެބިނެޓުގެ ފަސް ވަޒީރުން ހިމެނޭ ކޮމިޓީއަކުން ލަފާދީފައިވާ ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

"ރައީސް ދެއްވާފައި އޮތް ޓަގެޓަކީ އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާގައި އޮންނަ ކެބިނެޓު މީޓިންއަށް، ފައިނަލްކޮށްގެން ގެންނާނެ އެއްޗެއް ގެނައުމަށް،" އަސްލަމް ވިދާޅުވި އެވެ.

comment ކޮމެންޓް